Roadha Mihaaru
ޔޫރޮޕާ ލީގު: އިނގިރޭސި ޓީމުތަކަށް ރަނގަޅު ފެށުމެއް

އާސެނަލާއި ޓޮޓެންހަމް އަދި ލެސްޓާ އަށް ރަނގަޅު ފެށުމެއް

23 އޮކްޓޯބަރ 2020

ލަންޑަން (އޮކްޓޫބަރު 23) - ޔުއެފާ ޔޫރޮޕާ ލީގުގައި މި ސީޒަނުގައި ވާދަކުރާ އިނގިރޭސި ތިން ޓީމު ކަމަށްވާ އާސެނަލާއި ޓޮޓެންހަމް ހޮޓްސްޕާސް އަދި ލެސްޓާ ސިޓީ ކުޅުނު ފުރަތަމަ މެޗުން މޮޅުވެ ފެށުން ރަނގަޅުކޮށްފި އެވެ.

ލަންޑަން (އޮކްޓޫބަރު 23) - ޔުއެފާ ޔޫރޮޕާ ލީގުގައި މި ސީޒަނުގައި ވާދަކުރާ އިނގިރޭސި ތިން ޓީމު ކަމަށްވާ އާސެނަލާއި ޓޮޓެންހަމް ހޮޓްސްޕާސް އަދި ލެސްޓާ ސިޓީ ކުޅުނު ފުރަތަމަ މެޗުން މޮޅުވެ ފެށުން ރަނގަޅުކޮށްފި އެވެ.

އާސެނަލުން ރަށުން ބޭރުގައި ފަހަތުން އަރައި ރެޕިޑް ވިއޭނާ އަތުން 2-1 އިން މޮޅުވިއިރު، ޓޮޓެންހަމުން އަމިއްލަ ދަނޑުގައި ވަނީ އޮސްޓްރިއާގެ ލާސްކް އަތުން 3-0 އިން މޮޅުވެފަ އެވެ. އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީން ވަނީ ޔޫކްރޭނުގެ ޒޯރްޔާ ލުހަންސްކް 3-0 ބަލިކޮށްފަ އެވެ.

އޮސްޓްރިއާގެ ރެޕިޑުން ރޭ ލީޑުނެގީ މެޗުގެ 51 ވަނަ މިނިޓްގައި އާސެނަލް ކީޕަރު ބާން ލެނޯ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ޓަކްސިއާކިސް ފޯންޓަސް ޖެހި ގޯލުންނެވެ. ތޯމަސް ޕާޓޭ މެދުތެރެއަށް އަރުވައިގެން ރޭގެ މެޗުގައި ކުޅުނު އާސެނަލުން ނަތީޖާ އަނބުރާލީ ހަތަރު މިނިޓް ތެރޭގަ އެވެ. މެޗުގެ 70 ވަނަ މިނިޓްގައި އާސެނަލަށް އެއްވަރުކޮށްދިނީ ޑިފެންޑަރު ޑޭވިޑް ލުއިޒް އެވެ. އޭގެ ހަތަރު މިނިޓް ފަހުން އެ ޓީމުގެ ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން ވަނީ އާސެނަލް މޮޅުކޮށްދިން ގޯލު ޖަހައިފަ އެވެ.

ޔޫރޮޕާ ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު ސީޒަނުގައި ވެސް އާސެނަލް ވަނީ ކުޅުނު ފުރަތަމަ މެޗުން މޮޅުވެފަ އެވެ. މިއީ މިދިޔަ އަށް އަހަރު ތެރޭ ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖު މެޗަކުން އަމިއްލަ ދަނޑުގައި ރެޕިޑް ބަލިވި ފުރަތަމަ ފަހަރެވެ.

ރޭގެ މެޗުގެ ތެރެއިން ބޭލް (ވ) ބޯޅަ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗުގެ ތެރެއިން ބޭލް (ވ) ބޯޅަ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

ގަރެތު ބޭލް އާއި ކާލޮސް ވިނިޝިއުސް ފުރަތަމަ އެގާރައިގައި ހިމަނައިގެން ކުޅުނު ޓޮޓެންހަމް ރޭ ވަނީ މެޗުގެ ކޮންޓްރޯލް ނަގައިގެން މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޓީމުގެ ކެޕްޓަން އަދި އެއް ވަނަ ފޯވާޑް ހެރީ ކޭން ނުލައި ކުޅުނު ނަމަވެސް ޓޮޓެންހަމުން ރޭ ތިން ގޯލު ޖެހި އެވެ. މެޗުގެ 18 ވަނަ މިނިޓްގައި ޓޮޓެންހަމަށް ލީޑުނަގައިދިނީ ލޫކަސް މޯރާ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ޓޮޓެންހަމްގެ ލީޑުފުޅާކުރީ ލާސްކްގެ އަންދްރެސް އަންޑްރާޑޭ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ޓޮޓެންހަމްގެ ފަހު ގޯލު ޖެހީ ސޮން ހެއުން މިން އެވެ.

ރޭގެ މެޗުގައި ޓޮޓެންހަމް މޮޅުކޮށްދިނުމުގައި ބޮޑު ކްރެޑިޓެއް ހައްގުވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ލޯން އެއްބަސްވުމެއްގެ ދަށުން ބެންފީކާ އިން ގެނައި ވިނީޝިއުސް އަށެވެ. އޭނާ ގެނައީ ކޭންގެ ބެކަޕަަކަށް ނަމަވެސް ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯގެ ނަޒަރުގައި ކޭން އާއި ވިނީޝިއުސް އަށް އެކުގައި ފުރަތަމަ 11 އަށް ވެސް ކުޅެވޭނެ އެވެ.

ޒޯރްޔާ ކޮޅަށް ލެސްޓާ ދަނޑުގައި އެ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި ތިން ގޯލު ޖެހި އެވެ. ލެސްޓާގެ ގޯލުތައް ޖެހީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ހާވީ ބާންސް އާއި އަނިޔާ އަށް ފަހު ޓީމާ ގުޅުނު ޖޭމްސް މެޑިސަން އަދި ނައިޖީރިއާގެ ފޯވާޑް ކެލެޗީ އިހެނާޗޯ އެވެ.