Roadha Mihaaru

ސަސްޕެންޑްކޮށް، ބެލި މައްސަލަތައް ޕީއެސްގެ މައްޗަށް ސާބިތެއް ނުވި!

ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޕާމަނަންޓް ސެކްރެޓަރީ އަބްދުﷲ ފަޔާޒްގެ މައްޗަށް ތުހުމަތުކުރި މައްސަލަތައް އޭނާގެ މައްޗަށް ސާބިތުނުވާ ކަަމަށް ސިވިލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.

ތުހުމަތުކުރި މައްސަލަތައް ޕީއެސްގެ މައްޗަށް ސާބިތެއްނުވި
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

14 ޑިސެމްބަރ 2020

ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޕާމަނަންޓް ސެކްރެޓަރީ އަބްދުﷲ ފަޔާޒްގެ މައްޗަށް ތުހުމަތުކުރި މައްސަލަތައް އޭނާގެ މައްޗަށް ސާބިތުނުވާ ކަަމަށް ސިވިލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.

މަގާމުގެ ނުފޫޒު ބޭނުންކުރުމާއި މިނިސްޓްރީ އަށް މުވައްޒަފުން ނުނެގުން ފަދަ ތުހުމަތުތައް ސިވިލް ސާވިސް ކޮމިޝަނުން ބެލީ މިދިޔަ އޮކްޓޯބަރުމަހުގެ ތެރޭގައި އޭނާ ސަސްޕެންޑްކޮށްގެންނެވެ. އެކަމަކު އޮފީހަށް ނުކުންނެވުމުގެ ހުއްދަ ސިވިލް ސާވިސް ކޮމިޝަނުން މިހާރު ވަނީ ދީފަ އެވެ.

ކޮމިޝަނުން ނިންމީ ތަހުގީގު ކޮމިޓީއެއް އެކުލަވާލައި ބެލި މައްސަލަތަކުގައި ފަޔާޒް ގާނޫނާއި ގަވާއިދާ ޚިލާފު ކަމެއް ކުރައްވާފައި ނުވާ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއަކީ ކުރިން އަދި މި ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު ވެސް ރައްޔިތުންގެ އެންމެ ޝަކުވާ ބޮޑު އެއް ތަނެވެ. އެކަމަަކު މައްސަލަތައް ހައްލުކުރަން ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް މިނިސްޓަރު އައިޝަތު ނަހުލާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ވިދާޅުވެފައިވެ އެވެ.

ޓްރާންސްޕޯޓްގެ މިނިސްޓްރީގެ ޕީއެސްގެ މައްސަލަތަކެއް އެ މިނިސްޓްރީން ސިވިލް ސާވިސް ކޮމިޝަނަށް ހުށަހެޅިއިރު ފަހަކަށް އައިސް މިނިސްޓްރީތަކުގައި ވަޒީރާއި ޕީއެސްއާ ދެމެދު އެކި މައްސަލަތަކުގައި ހިޔާލުތަފާތުވުން ބޮޑެވެ. ވަޒީރުގެ ލަފާގެ މަތިން އެ މިނިސްޓްރީއަކަށް ޕީއެސް އައްޔަންކުރި ނަމަވެސް ޕާމަނަންޓް ސެކްރެޓަރީންނާ ގުޅޭ އެކި މައްސަލަތައް ފެންމަތިވެ ސިވިލް ސާވިސް ކޮމިޝަނުން ފިޔަވަޅު ވެސް އަޅާފައިވެ އެވެ.