ރާއްޖޭގައި ދުއްވާ އެއްގަމު ހުރިހާ ވެހިކަލެއްގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ވަސާޖިއޯ ކުންފުންޏަކާ ހަވާލުކުރި ގޮތް މާލިއްޔަތު ގަވައިދާ ޚިލާފުކަން ފިނޭންސް މިނިސްޓްރީގެ ރަސްމީ ސިޓީއަކުން ހާމަވެއްޖެ އެވެ.
05 ޖެނުއަރީ 2021
ރާއްޖޭގައި ދުއްވާ އެއްގަމު ހުރިހާ ވެހިކަލެއްގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ވަސާޖިއޯ ކުންފުންޏަކާ ހަވާލުކުރި ގޮތް މާލިއްޔަތު ގަވައިދާ ޚިލާފުކަން ފިނޭންސް މިނިސްޓްރީގެ ރަސްމީ ސިޓީއަކުން ހާމަވެއްޖެ އެވެ.
ޓްރާންސްޕޯޓުން ބީލަމަށް ހުޅުވާލައި ތިން ކުންފުންޏަކުން ކުރިމަތިލައި ބިޑް ކާމިޔާބުވީ ބޮޑު އަގު ހުށަހެޅި ވަސާޖިއޯއަށެވެ. މިއީ އެ ކުންފުންޏާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިއަކާ އޮތް ގާތް ގުޅުމެއްގެ ސަބަބުން ކަމަށް އެ މިނިސްޓްރީގެ ބައެއް މުވައްޒަފުން ސަބަބުތަކަކާ އެކު ތުހުމަތުކޮށްފައިވެ އެވެ.
މި މައްސަލައާ ގުޅޭ ގޮތުން "މިހާރު" އަށް ލިބުނު ފިނޭންސް މިނިސްޓްރީގެ ސިޓީއެއްގައިވާ ގޮތުން ނަމްބަރު ޕްލޭޓް މަސައްކަތް ޓްރާސްޕޯޓް އޮތޯރިޓީން ބީލަމަކަށް ނުލެވޭނެ އެވެ. ޖުމްލަ އަގު 2،500،000ރ. އަށް ވުރެން ބޮޑު ކަމަށް އަންދާޒާ ކުރެވޭ އެ ޕްރޮޖެކްޓް ކުރިއަށް ގެންދަން ޖެހޭނީ ނެޝަނަލް ޓެންޑަ ބޯޑުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަށް ފޮނުވި ސިޓީގައި ފިނޭންސުން ބުނެފައިވެ އެވެ.
ބީލަން ކުރިއަށް ގެންދިޔަ ގޮތުގެ ތިން މައްސަލައެއް ފާހަގަކުރަމުން ފިނޭންސްގެ ބިޑް ރިވިއު ކޮމިޓީގެ ނިންމުމުގައި ވަނީ، ޕްރޮކިއުމެންޓުން ކަމެއް ކުރަން ފެށުމުގެ ކުރިން އެކަމަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ތަފްސީލްކޮށް ލިއުމުން އެންގެން އޮންނާނެ ގޮތަށް ތައްޔާރު ކުރަން ވާނެ ކަމާއި ޚިދުމަތެއް ނަމަ އެ ކަމަކާ ގުޅޭ އެންމެހާ މައުލޫމާތާއި އަންދާޒާގެ އަގު ލިޔެވިފައި އޮންނަން ވާނެ ކަމަށެވެ. އެކަމަކު ނަމްބަ ޕްލޭޓް ހަދާނެ ބަޔަކު ހޯދަން ކުރި އިއުލާނުގައި އެ މައުލޫމާތު ހިމަނައިފައެއް ނުވެ އެވެ.
އެ ބީލަމަށް ކުރިމަތިލީ ޑޮނާޑް ކަޓުވާލީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީކޮށްފައިވާ ލިއުން ހުށަނާޅާ ކަމަށް ބުނެ އެވެ. އެކަމަކު އެ ލިއުން ހުށަހަޅަން ޖެހޭ ކަމަށް ބިޑް ޑޮކިއުމެންޓުގައި ނެތް ކަން ފިނޭންސުން ފާހަގަކޮށްފައިވެ އެވެ.
"....މަސައްކަތް އިއުލާންކޮށްގެން ކުރިއަށް ގެންދިއުމުގައި ދައުލަތުގެ މާލިއްޔަތު ގަވައިދާ ޚިލާފަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އަމަލުކޮށްފައިވާ ކަން ވަނީ ފާހަގަކުރެވިފަ އެވެ،" ސިޓީގައިވެ އެވެ.
ފިނޭންސް މިނިސްޓްރީން އަންގާފައި އޮތީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް އެ ޕްރޮޖެކްޓް އަލުން ހުޅުވާލައިގެން ބަޔަކާ ހަވާލުކުރުމަށެވެ.
ނަމްބަރު ޕްލޭޓް ހެދުމުގެ ތަޖުރިބާއެއް ނެތް ވަސާޖިއޯއާ މަސައްކަތް ހަވާލުކުރި މައްސަލަ އޮތީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ހުށަހަޅައިފަ އެވެ. އެޓާނީ ޖެނެރަލްގެ ލަފަޔަކީ ވެސް އެއްބަސްވުން ބާތިލްކޮށް އަލުން ކުރިއަށް ގެންދިއުމެވެ.
ވެހިކަލްތަކުން ފުރި ބާރުވެފައި އޮތް މާލެ އާއި އަތޮޅުތައް ހިމެނޭ ގޮތުން ގާތްގަނޑަކަށް 120،000 އުޅަނދުގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ޖެހެ އެވެ. މީގެ ތެރޭގައި ސައިކަލްގެ އަދަދަކީ ގާތްގަނޑަކަށް 75،000 އެވެ. ވަސާޖިއޯ އިން ހުށަހަޅާފައި އޮތް އަގުން ބަލާ ނަމަ ހުރިހާ ސައިކަލްތަކެއްގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން އެ ކުންފުނީގެ އަގަކީ 35 މިލިއަން ރުފިޔާ އެވެ. ހަތަރު ފުރޮޅު ލީ ވެހިކަލްތައް ބަދަލުކޮށްދެނީ 33.7 މިލިއަން ރުފިޔާ އަރަ އެވެ.
ސްޓީލް ޕްލޭޓެޑް ނަމްބަރު ބޯޑު ހަދައިދޭން، ވަސާޖިއޯ އިން ހުށަހެޅި އަގުތަކަށް ބަލާއިރު، މުޅި ރާއްޖޭގެ ހުރިހާ ވެހިކަލްތަކެއްގެ ނަމްބަރު ބޯޑު ބަދަލުކުރަން އެ ކުންފުނީގެ އަގަކީ ގާތްގަނޑަކަށް 68 މިލިއަން ރުފިޔާ އެވެ. މި އަދަދު އިތުރުވަނީ އަލަށް ރަޖިސްޓްރީކުރާ ވެހިކަލްތަކާއި ދެ ވަނަ ފަހަރަށް ބޯޑު ހައްދަން ވެއްޖެ ނަމަ ވެސް އެ ކުންފުންޏަށް އެކަނި އެކަން ކުރެވޭނެ ގޮތަށް އޮތުމުންނެވެ.
ނަމްބަރު ޕްލޭޓް މައްސަލަ: 3މިލިއަންގެ ބަދަލެއް ނުދިން
ނަމްބަރުޕްލޭޓް ދިން ގޮތް: ކޮރަޕްޝަންގެ ބޮޑު އަދަދެއް؟
ނަހުލާ އާއި މުވައްޒަފަކަށް ތުހުމަތުކޮށް އޭސީސީއަށް
ދައްކަނީ އަބުރުކަތިލުމުގެ ވާހަކަތަކެއް: ނަހުލާ
އައިޖީއެމްއެޗާއި ޕީޖީ އޮފީހުގެ ބިޑް ކޮމިޓީ ސަސްޕެންޑްް
ހުއްދަ ނުހޯދާ 120 ބިޑް ކޮމިޓީއެއް ސަސްޕެންޑް!
ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުން ވަތްކެއް ނުވާނެ
"ކުރިން ކޮރަޕްޝަންގެ ހާއްޔެއް، މޫތައް ލުހެލެވިއްޖެ"
ޓްރާންސްޕޯޓުގެ އިސްވެރިންތަކަކަށް ދައުވާކޮށްދޭން އެދިއްޖެ
ޓްރެފިކް ޖޫރިމަނާތަކަށް ލުޔެއް ހޯދައިދޭން ހުށައަޅައިފި