Roadha Mihaaru
ޕްލާސްޓިކް މަދުކުރާ އިރު ދޫކޮށްލަން ޖެހޭނެ އެއްޗެހި

ޕްލާސްޓިކް މަދުކުރާ އިރު ދިވެހިން ދޫކޮށްލަން ޖެހޭނެ އެއްޗެހި

23 ޑިސެމްބަރ 2020

އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް 2023ގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރުން ހުއްޓާލާން ތައްޔާރުވަމުން އަންނަ އިރު ކުރިއަށް އޮތް ތިން އަހަރު އާއްމު ދިރިއުޅުމަށާއި ވިޔަފާރީގެ ދާއިރާ އަށް ބަދަލުތަކެއް އަންނާނެ އެވެ. ސުޕާރީ ޕެކެޓާއި ކަފަ ބުރުން ފެށިގެން ގޮސް ބާޒާރު ކޮތަޅާއި ބަތް ޕާރުސަލް ވެސް ދެން ވާން ޖެހޭނީ ޕްލާސްޓިކް ނޫން އެއްޗެއްސަށެވެ. މިއީ ޕްލާސްޓިކް ކުނީގެ ގެއްލުންތަކުން ސަލާމަތްވުމުގެ މުހިއްމު ފިޔަވަޅެކެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް 2023ގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރުން ހުއްޓާލާން ތައްޔާރުވަމުން އަންނަ އިރު ކުރިއަށް އޮތް ތިން އަހަރު އާއްމު ދިރިއުޅުމަށާއި ވިޔަފާރީގެ ދާއިރާ އަށް ބަދަލުތަކެއް އަންނާނެ އެވެ. ސުޕާރީ ޕެކެޓާއި ކަފަ ބުރުން ފެށިގެން ގޮސް ބާޒާރު ކޮތަޅާއި ބަތް ޕާރުސަލް ވެސް ދެން ވާން ޖެހޭނީ ޕްލާސްޓިކް ނޫން އެއްޗެއްސަށެވެ. މިއީ ޕްލާސްޓިކް ކުނީގެ ގެއްލުންތަކުން ސަލާމަތްވުމުގެ މުހިއްމު ފިޔަވަޅެކެވެ.

އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ތަކެތީގެ ތެރެއިން މަނާކުރާނެ (ރާއްޖެ އެތެރެކުރުމާއި އުފެއްދުމާއި ގަނެވިއްކުން) ބާވަތްތަކުގެ ލިސްޓެއް މިހާރު ވަނީ އެކުލަވާލައިފަ އެވެ. މަނާވާނެ ބާވަތްތަކާއި މަނާވާނީ ކޮން ދުވަހަކުން ފެށިގެންކަން ސަރުކާރުން އިއުލާންކުރާނެ އެވެ. ކުރިން ނިންމާފައި އޮތީ ބައެއް ބާވަތްތައް އަންނަ މަހުން ފެށިގެން މަނާކުރާ ގޮތަށެވެ. އެކަމަކު ކޮވިޑް-19ގެ ހާލަތާ އެކު އެ ޕްލޭނަށް ވަނީ ބަދަލު ގެނެސްފަ އެވެ.

އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމާއި މަދުކުރުމުގެ ސިޔާސަތަށް އެންވަޔަރްމެންޓް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ކަރުދާހެއްގެ ދެލިކޮޕީގައި އޮތް ގޮތުން ކުދި އަދި މެދު ފަންތީގެ ބައެއް ކަހަލަ ވިޔަފާރިތަކަށް މި ފިޔަވަޅެއް ނުހިނގާނެ އެވެ. އެގޮތުން އުފެއްދުންތެރި ކުދި ވިޔަފާރިތަކުގެ އެއްޗެއްސާއި ބޭކަރީ ގުޑްސް އަދި ދިވެހި ކާބޯތަކެތީގެ ބާވަތްތަކާއި އެކްސްޕޯޓްކުރާ މަހާއި ދަނޑުވެރިކަމުގައި ބޭނުންކުރާ ތަކެތި ބަންދުކުރަން ބޭނުންކުރާ ޕްލާސްޓިކް ސާމާނު ވަނީ އިސްތިސްނާކޮށްފަ އެވެ.

"ސަބަބަކީ އެ ތަކެތި ކުއްލިއަކަށް މަނާކޮށްފި ނަމަ އިގްތިސޯދީ ގޮތުން ނޭދެވޭ އަސަރު ކުރާނީ އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ. އަދި ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް ގިނަ އަންހެނުން އެ މަސައްކަތްތަކުގެ ތެރޭގައި އުޅޭތީ މިކަމުގެ އަސަރު ގިނަ އަންހެނުންނަށް ކުރާނެތީއެވެ," އެ ކަރުދާހުގައި ލިޔެފައިވެ އެވެ.

"އެހެންކަމުން ކުދި ވިޔަފާރިތަކުގައި އުފައްދާ ތަކެތި ބަންދުކުރަން ބޭނުންކުރާ ޕްލާސްޓިކް މަދުކުރުމަށްޓަކައި ގެންގުޅެން ބުއްދިވެރީ މަނާކުރުން ފިޔަވާ އެހެނިހެން ސިޔާސަތުތަކެވެ."

މަނާކުރާ އެއްޗެހީގެ ބަދަލުގައި ބޭނުންކުރެވިދާނެ ތިމާވެއްޓާ ރައްޓެހި ބާވަތްތައް ކަރުދާހުގައި ހިމަނާފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ބާވަތްތަކެއްގެ ޕްލާސްޓިކް އެތެރެކުރުން ޖެނުއަރީ 1 އިން ފެށިގެން މަނާކުރަން މިދިޔަ ޖުލައި މަހު އިމްޕޯޓް އެކްސްޕޯޓް ގާނޫނު އިސްލާހުކުރި އެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުން މި މަހު ވަނީ އެ އިސްލާހު އަނެއްކާ އިސްލާހުކޮށްފަ އެވެ. އެކި މަރުހަލާތަކަށް ބަހާލައިގެން ލިސްޓު ކަނޑައެޅުމުގެ އިޚްތިޔާރު ރައީސަށް މިހާރު އެބަ އޮތެވެ. އަދި މިހާރު އޮތް ގޮތުން ޖެނުއަރީ 1ގެ ކުރިން ކުރަން ޖެހޭނެ ކަމަކީ އޭގެ ތެރެއިން ފުރަތަމަ ލިސްޓު އިއުލާން ކުރުމެވެ. އެ އެއްޗެއް މަނާވާނެ ތާރީޚު ކަނޑައަޅަން ޖެހެނީ ލިސްޓު ގެޒެޓުކުރާ އިރު އެވެ. ބިލުގައި އޮތް ގޮތުން، މިއީ ކޮވިޑާ ގުޅިގެން އިގްތިސޯދަށާއި ވިޔަފާރިތަކަށް ކޮށްފައިވާ އަސަރަށް ރިއާޔަތްކޮށްގެން ގެނައި ބަދަލެކެވެ.

މަނާވާނެ އެއްޗެހި

އެންވަޔަރްމެންޓް މިނިސްޓްރީގެ ކަރުދާހުގައި, އެންމެ ފުރަތަމަ މަނާކުރަން ލަފާދީފައި ހުރި ބާވަތްތައް:

1. އެއްޗެހި ބޯން ބޭނުންކުރާ ޕްލާސްޓިކް ހޮޅި

2. ޕްލާސްޓިކް ތަށި, ސަމުސާ, ވަޅި, އޫ އަދި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު

3. ސްޓައިރޮފޯމް ބަތް ޕާރުސަލް

4. 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު

5. ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ, އިމްޕޯޓްކުރާ ސުޕާރީ

6. އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ކޮފީ ތަށީގެ ތެރެއިން 250 މިލިލީޓަރަށް ވުރެ ކުދި ތަށި

7. ޕްލާސްޓިކް ދަނޑިކޮޅު ލާފައި ހުންނަ ކަފަބުރު

8. ޓޫރިޒަމް އޮޕަރޭޓްކުރާ ތަންތަނުގައި ބޭނުންކުރާ ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި

9. 330 އެމްއެލް އަށް ވުރެ ކުދި ޕެޓް ފުޅީގައި ހުންނަ ފެނާއި ލުއިބުއިން

ތުނި (50 މައިކްރޯން އަށް ވުރެ) ޕްލާސްޓިކް ކޮތަޅު ޑިސެމްބަރު 2022ގައި އަދި އެއް ލީޓަރަށް ވުރެ ކުދި ޕެޓް ފުޅި ޑިސެމްބަރު 2023ގައި މަނާކުރަން ވެސް ވަނީ ރާވައިފަ އެވެ. ކަރުދާހުން އިތުރަށް އެނގޭ ގޮތުގައި ބިސްކޯދާއި މެޓާ ފަދަ ކާބޯތަކެތި ބަންދުކޮށްފައި ހުންނަ ޕްލާސްޓިކާއި އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ފުއްޕާހަން, ބެނާ, ޕާޓީ ޑެކަރޭޝަންސް އަދި ކެންވަސް އާއި ޕްލާސްޓިކް ފުޅީގައި ހުންނަ ރީތިވާ ސާމާނާއި ސާފުކުރާ ތަކެތި ވެސް, މަނާކުރާ ނުވަތަ މަދުކުރާ އެއްޗެހީގެ ތެރޭގައި ހިމަނާނެ އެވެ.

ވަކި ބާވަތްތަކެއް މަނާކުރުމުގެ އިތުރުން, ޕްލާސްޓިކް ކުނި މަދުކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި, ބައެއް ކަހަލަ ޕްލާސްޓިކުގެ އިމްޕޯޓް ޑިއުޓީ 400 ޕަސެންޓަށް އިތުރުކުރުން ހިމެނެ އެވެ. އެއާއެކު, ތިމާވެއްޓާ ރައްޓެހި އެއްޗެހިން ޑިއުޓީ މައާފުކުރަން ވަނީ ހުށަހަޅައިފަ އެވެ.

ޕްލާސްޓިކް ކުނި މަދުކުރުމުގެ ބޮޑު އަނެއް ފިޔަވަޅަކީ ޕްލާސްޓިކް އުފައްދާ އަދި އިމްޕޯޓްކުރާ ފަރާތްތަކަށް ޒިންމާތަކެއް މަތިކުރުމެވެ. އެއީ, ކަރުދާހުގައި އޮތް ގޮތުން, "ތަކެތި އުފައްދާ ބަންދުކުރުމުގައި އެއް ފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ބޭނުން ނުކޮށް, ތިމާވެށްޓާ ރަހުމަތްތެރި ގޮތެއްގައި ތަކެތި އުފައްދާ ބަންދުކުރުމާއި އުފެދޭ ކުނި ޖަމާކުރުމާއި ރީސައިކަލްކުރުމާއި ނުވަތަ އެ ތަކެތީގެ ކުނި ނައްތާލުމުގައި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ވީހާ ވެސް މަދު" ކުރުމުގެ ފިޔަވަޅެކެވެ. އެގޮތުން އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކުން އުފެދޭ ކުނި މެނޭޖުކުރުމުގެ އަމަލީ މަސައްކަތާއި ޚަރަދު އެ ފަރާތްތަކުން ކުރަން ގާނޫނުން ލާޒިމްކުރާނެ އެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަކީ ބޮޑު، ބޭނުންތެރި ފިޔަވަޅެކެވެ. ޚާއްސަކޮށް ރާއްޖޭގެ ކަނޑުގެ ދިރުންތަކުގެ ރައްކާތެރިކަމަށް ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. މި މުހިއްމު ސިޔާސަތުގެ ކާމިޔާބީ ބިނާވާނީ މީހުންގެ އާދަ ބަދަލުކޮށް، ތިމާވެށްޓާ ރަހުމަތްތެރި އެއްޗެހި ބޭނުންކުރުމުގެ ހޭލުންތެރިކަމާއި ފަސޭހަކަން ލިބިގެންދާ މިންވަރެއްގެ މައްޗަށެވެ.

އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމާއި މަދުކުރުމުގެ ސިޔާސަތު ކަރުދާހުގެ ޑްރާފްޓް