Roadha Mihaaru
އެކްޓަރެއްގެ ގޮތުގައި ސަނީގެ ހަގު ދަރިފުޅު ދައްކާލައިފި

އެކްޓަރެއްގެ ގޮތުގައި ސަނީ ޑިއޯލްގެ ހަގު ދަރިފުޅު ދައްކާލައިފި

03 އެޕްރީލް 2021

އެކްޓަރު ސަނީ ޑިއޯލްގެ ހަގު ފިރިހެން ދަރިފުޅު ރަޖްވީރު ޑިއޯލް ބޮލީވުޑަށް ނެރޭކަން އޭނާ ލޯންޗްކުރާ ޕްރޮޑަކްޝަން ހައުސް ރާޖްޝްރީން ކަށަވަރުކޮށް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކްޓަރު ސަނީ ޑިއޯލްގެ ހަގު ފިރިހެން ދަރިފުޅު ރަޖްވީރު ޑިއޯލް ބޮލީވުޑަށް ނެރޭކަން އޭނާ ލޯންޗްކުރާ ޕްރޮޑަކްޝަން ހައުސް ރާޖްޝްރީން ކަށަވަރުކޮށް ދީފި އެވެ.

އެ ކުންފުންޏަކީ ހިންދީ ސިނަމާގެ އައިކޮނިކް ފިލްމުތައް ކަމަށްވާ "މޭނޭ ޕިޔާރު ކިޔާ" އާއި "ހަމް އާޕް ކޭ ހޭ ކޯން" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ އާއިލީ ފިލްމު ކުންފުންޏެވެ. ރަޖްވީރު ތައާރަފުކުރާ ފިލްމަކީ ސޫރަޖްގެ ދަރިފުޅު އަވްނިޝް ބަރްޖަތިއާ ޑައިރެކްޝަނަށް ނުކުންނަ ފިލްމެވެ.

އެއްވެސް ތަފުސީލެއް އަދި ހިއްސާނުކުރާ އެ ފިލްމަށް ރަޖްވީރު ނެގިކަން ރާޖްޝްރީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރީ ސަނީގެ އާއިލާގެ މީހުން ވެސް ޓެގްކޮށްފަ އެވެ. ރަޖްވީރުގެ ފޮޓޯއަކާ އެކު އާންކުރި ޕޯސްޓްގައި ބުނެފައި ވަނި އެ ފިލްމަކީ ޒަމާނީ ލޯބީގެ ވާހަކައެއް ކިޔައިދޭނެ ފިލްމެއް ކަމަށާއި އޭގެ ދަތުރު ފަށައިގަތުން ކުރިއަށް އޮތީ ކަމަށެވެ.

އަވްނިޝްގެ ފިލްމަށް ރަޖްވީރު ނެގިކަން ކަށަވަރުކޮށް ދީފައިވާ އިރު މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފިލްމުގެ ބަތަލާ އަކީ ސަލްމާން ޚާނަށް ބޮޑުބޭބެ ކިޔާ އަލިޒޭ އަގްނިހޯތުރީ އެވެ. އޭނާ އަކީ ސަލްމާންގެ ކޮއްކޮ އަލްވިރާ ޚާނާއި ޕްރޮޑިއުސަރު އަދި ކުރީގެ އެކްޓަރު އަތުލް އަގްނިހޯތުރީގެ ދަރިއެކެވެ.

ބެލެވޭ ގޮތުން ވަރަށް އަވަހަށް އަވްނިޝްގެ ފިލްމުގެ ބަތަލާ އަކީ ކާކުކަން ވެސް އިއުލާންކުރާނެ އެވެ.

ރަޖްވީރު ތައާރަފުކުރާ ވާހަކަ ކާފަ ދަރްމެންދުރާ ޓްވިޓާގައި ހިއްސާކޮށް ބުނީ އޭނާ އާއި ދެ ދަރިންނަށް ބެލުންތެރިން ދިން ލޯތްބާއި ސަޕޯޓް ރަޖްވީރަށް ވެސް ދޭނެ އެދޭ ކަމަށެވެ.

ސަނީގެ ހަގު ދަރިފުޅު ބޮލީވުޑަށް ނެރެން ތައްޔާރުވާ އިރު އޭނާގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލް ލޯންޗްކުރީ ސަނީ ޑައިރެކްޓްކޮށް 2019 ގައި ގެނެސްދިން "ޕަލް ޕަލް ދިލް ކޭ ޕާސް" އިންނެވެ. ސަނީގެ ދަރިން ބޮލީވުޑަށް ނުކުތުމަކީ އޭނާގެ ބައްޕަ ދަރުމެންދުރާ އާއިލާގެ ތިން ވަނަ ޖީލު ހިންދީ ސިނަމާ އަށް ނުކުތުމެވެ.