Roadha Mihaaru
ރައްޔިތުންގެ ކުންފުނި ރައްޔިތުންގެ ހިދުމަތުގައި ކާމިޔާބު 40 އަހަރު

ރައްޔިތުންގެ ކުންފުނި ރައްޔިތުންގެ ހިދުމަތުގައި ކާމިޔާބު 40 އަހަރު

18 ޑިސެމްބަރ 2020

ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ދިވެހިރާއްޖެ، މިއަދު މިދެކޭ އުމްރާނީ ތަރައްގީގެ އެންމެ ޅަފަތުގެ ދުވަސްވަރުގައި އުފެދިގެން އައި ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްފެނީ އަކީ އާއްމު ހިއްސާދާރުންނާއި ސަރުކާރުގެ ބައިވެރިވުން އޮވެގެން ރާއްޖޭގައި އުފެއްދި ކުންފުނިތަކުގެ ތެރެއިން މި ވަގުތު ރާއްޖޭގައި އޮތް އެންމެ ޒަމާންވީ ކުންފުންޏެވެ.

ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ދިވެހިރާއްޖެ، މިއަދު މިދެކޭ އުމްރާނީ ތަރައްގީގެ އެންމެ ޅަފަތުގެ ދުވަސްވަރުގައި އުފެދިގެން އައި ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްފެނީ އަކީ އާއްމު ހިއްސާދާރުންނާއި ސަރުކާރުގެ ބައިވެރިވުން އޮވެގެން ރާއްޖޭގައި އުފެއްދި ކުންފުނިތަކުގެ ތެރެއިން މި ވަގުތު ރާއްޖޭގައި އޮތް އެންމެ ޒަމާންވީ ކުންފުންޏެވެ.

މީގެ 40 އަހަރު ކުރިން، ޑިސެމްބަރު 18، 1980 ގައި އުފެއްދި އެމްޓީސީސީ ވެގެން ދިޔައީ އުމްރާނީ ތަރައްގީގެ އާ ބާބަކަށް އެދިއެދި ތިބި އެތައް ދިވެހި ރައްޔިތުންގެ އުއްމީދުތަކުގައި ހަގީގީ ކުލަ ޖައްސައިދިން ކުންފުންޏަކަށެވެ. މުޅި ރާއްޖެ ގުޅުވާލަދޭ ދަތުރުފަތުރުގެ ނިޒާމަކުން ލުއި ފަސޭހަކަން ހޯދުމަށް ބޭނުންވެފައި ތިބި އެތައް އާއިލާއަކަށް ހިނިތުންވުން ގެނެސްދިން ކުންފުންޏަކަށެވެ.

އެންމެ މިޒަމާނުގެ އިންޖީނާއި އަޑީތެލުގެ ޒަރީއާ އިން ކާންބޯންކުރާ މަސައްކަތަށް އާ ދިރުމެއް ގެންނަން ބޭނުންވެފައި ތިބި އެތައް މަސްވެރިންނާއި އޮޑިވެރިންގެ އިންތިޒާރަށް ނިމުން ގެނެސްދިނެވެ. އެމްޓީސީސީ ރައްޔިތުންގެ ހިދުމަތުގައި، އަމަލީ މަސައްކަތް ފަށައިގަތީ ޖެނުއަރީ 3، 1981 ގަ އެވެ. ކުންފުނީގެ ރައުސްމާލަކަށް ފުރަތަމަ ކަނޑައެޅުނީ 10 މިލިއަން ރުފިޔާ އެވެ. އަދި ހިއްސާއެއްގެ މޫނުމަތީ އަގަކީ 50 ރުފިޔާ ކަމަށާއި އެކަކަށް ފުރަތަމަ ކުންފުނީގައި ބައިވެރިވެވޭނެ އެންމެ މަތީ މިންވަރަކީ 100 ހިއްސާ ކަމަށް ކަނޑައެޅި އެވެ.

އެމްޓީސީސީ ތަރައްގީ ކުރި ހޯރަފުށީ އެއާޕޯޓް --ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީ ތަރައްގީ ކުރި ހޯރަފުށީ އެއާޕޯޓް --ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީ އުފެއްދުމުގެ މަގުސަދަކީ، ދިވެހިރާއްޖޭގެ އާއްމު ރައްޔިތުންނަށް ތަނަވަސްކަން އިތުރުކޮށްދިނުމުގެ ގޮތުން، ކަނޑާއި ވަޔާއި، އެއްގަމުގައި ދަތުރުފަތުރު ކުރުމާ ބެހޭ ކަންތައް ހިންގައި ކުރިއެރުވުމާއި، އޮޑިދޯނިފަހަރާއި ބޯޓުފަހަރު ބަނުމުގެ މަސައްކަތް ކުރުމާއި އެކަންކަން ކުރިއެރުވުމާއި، އިމާރާތްކުރުމާއި، އިންޖިނިއަރިން މަސައްކަތާއި، ބަނދަރުގެ ހިދުމަތްތަކާއި، މުދަލާއި ތަކެތި ގެނެސްގެންދިޔުމުގެ ހިދުމަތްތައް ކުރުމާއި މިކަންކަން ކުރިއެރުވުމެވެ. އަދި ޓޫރިޒަމާއި މިނޫންވެސް ފައިދާހުރި މަސައްކަތްތައް ކުރުމާއި މިކަންކަން ކުރިއެރުވުމެވެ.

އެމްޓީސީސީ އުފެދިގެން އައިއިރު ކުންފުނިން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ ބޯޓުފަހަރުން މުދާއަރުވާ ބޭލުމާއި، އެޖެންޓްކަން ކޮށްދިނުމާއި، އެއްގަމާއި ކަނޑުދަތުރުފަތުރުކޮށް ދިނުމާއި، ކޮންސްޓްރަކްޝަން މަސައްކަތް ކުރުމާއި، ވަޑާމުގެ މަސައްކަތްތަކެވެ. ކުންފުނި އުފެދުނު އިރު ސަރުކާރުގެ އެކި ޑިޕާޓްމަންޓްތަކާއި ސެކްޝަންތަކުން ކުރަމުންގެންދިޔަ އެފަދަ ގިނަ މަސައްކަތްތަކެއް އެމްޓީސީސީއާ ހަވާލުކުރި އެވެ.

އެމްޓީސީސީގެ އެމްޑީކަން ކުރެއްވި ބައެއް ބޭފުޅުން--ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީގެ އެމްޑީކަން ކުރެއްވި ބައެއް ބޭފުޅުން--ފޮޓޯ: އެމްޓީސީސީ

މިގޮތުން ކުންފުނީގެ ފުރަތަމަ އަހަރުގެ ތެރޭގައި ހަވާލުކުރި ތަންތަނުގެ ތެރޭގައި ސަރުކާރުގެ މެރިން ޑިވިޜަނާއި އެމް.ޖީ ސޯމިލް އަދި މެކޭނިކަލް ޓްރާންސްޕޯޓް އެންޑް ސާވިސަސް ޑިވިޜަން ހިމެނެއެވެ. އޭރު މި މަސައްކަތްތައް ކުރީ އާދައިގެ ފެންވަރެއްގައެވެ. ނަމަވެސް ކުންފުނީގެ ދުވެލި ދިޔައީ އަހަރަކަށް ވުރެ އަހަރެއް ހަލުވި ވަމުންނެވެ. މިގޮތުން، މިވޭތުވެދިޔަ 40 އަހަރު ދުވަހުގެ ތެރޭ އެމްޓީސީސީ އަށް ހާސިލުކުރެވުނު ކާމިޔާބީތަކަކީ ފަޚުރުވެރިވުން ހައްގު ކާމިޔާބީތަކެކެވެ.

މިގޮތުން އެންމެ ގިނަ ކާމިޔާބީތަކެއް ހާސިލް ކުރެވިފައިވާ އެއް ދާއިރާއަކީ އިމާރާތް ކުރުމާއި ޢުމްރާނީ ތަރައްގީގެ ދާއިރާއެވެ. ކުންފުނި އުފެދުމާ އެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްކޫލްތަކާއި މިސްކިތްތަކާއި، ރަށު އޮފީސްތަކާއި ހޮސްޕިޓަލްތައް ބިނާކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރި އެވެ. އަދި 1995 ވަނަ އަހަރު މަދު އެކްސްކަވޭޓަރު ކޮޅަކާ އެކު ފަޅުކޮނެ ބިން ހިއްކުމުގެ ފުރަތަމަ މަޝްރޫއު އެމްޓީސީސީން ނިންމާލިއެވެ. މިއަދު އެމްޓީސީސީއަކީ ބަނދަރު ހެދުމާއި، ބިން ހިއްކުމުގެ އެތައް މަޝްރޫއެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްފަހަރާ ހިންގަމުންގެންދާ ކުންފުންޏެކެވެ. އަދި ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އިކުއިޕްމަންޓް ފްލީޓަކީ އެމްޓީސީސީގެ އިކުއިޕްމަންޓް ފްލީޓެވެ.

އެމްޓީސީސީން ބިން ހިއްކުމުގައި ގެންގުޅޭ މަހާޖައްރާފު-- ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީން ބިން ހިއްކުމުގައި ގެންގުޅޭ މަހާޖައްރާފު-- ފޮޓޯ: އެމްޓީސީސީ

ކުންފުނީގެ، ބަނދަރު ހެދުމާއި ބިން ހިއްކުމުގެ މަސައްކަތްތަކަށް އިތުރު އާރޯކަމެއް ލިބިގެންދިޔައީ 2017 ވަނަ އަހަރު "މަހާ ޖައްރާފު" ޑްރެޖިން ފްލީޓްގެ ތެރެއަށް އިތުރުވުމާ އެކުއެވެ. މަހާ ޖައްރާފް އެމްޓީސީސީގެ ފްލީޓްގައި ހިމެނުމާ އެކު އެމްޓީސީސީ ވަނީ މި ސަރަހައްދުގައި، ޑްރެޖިންގް ދާއިރާގެ އެންމެ ކުރީ ސަފުގައި ހިމެނޭ އެއް ކުންފުންޏަށް ވެފައެވެ. މަހާ ޖައްރާފުގެ އިތުރުން އެމްޓީސީސީގެ ޑްރެޖިން ފްލީޓްގައި އައިއެޗްސީ 1800ގެ ކަޓާ ސަކްޝަން ޑްރެޖަރަކާއި އައިއެޗްސީ 1600ގެ ކަޓާ ސަކްޝަން ޑްރެޖަރެއް ހިމެނެއެވެ. އެމްޓީސީސީގެ މި ޑްރެޖިން ފްލީޓާ އެކު ކުންފުންޏަށް ވަނީ ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަޝްރޫޢުތައް ކްލައިންޓުން ބޭނުންވާ ކޮލިޓީގައި ކާމިޔާބުކަމާ އެކު ނިންމުމުގެ ގާބިލުކަން ލިބިފައެވެ. އެމްޓީސީސީން މަސައްކަތްތައް ކުރުމުގައި ގެންގުޅޭ އުސޫލުތަކާއި މިންގަނޑުތަކަކީ ބައިނަލްއަގުވާމީ ރައްކާތެރިކަމުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައަޅާ، ބޭނުންކުރަމުން އަންނަ އުސޫލުތަކަކާއި މިންގަނޑުތަކެކެވެ.

ބަނދަރު ހެދުމާއި ބިންހިއްކުމުގެ މަޝްރޫއުތަކުގެ އިތުރުން، ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ޝީޓް ޕައިލިން، ނަރުދަމާ އެޅުމާއި ސާވޭ ކުރުމުގެ މަސައްކަތްތައް ވެސް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. އާ ޓެކްނޮލޮޖީ އާއި މެޝިނަރީގެ ޒަރީއާއިން ހައްލު ހޯދުމުގައި ކުންފުނި ކުރިއަރާ ދިޔަވަރަކަށް އެމްޓީސީސީން ހިންގަމުން ގެންދިޔަ މަޝްރޫއުތަކުގެ ބާވަތަށް ވެސް ދިޔައީ ބަދަލު އަންނަމުންނެވެ. އެގޮތުން ވޭތުވެދިޔަ ފަސް އަހަރުތެރޭގައި، މަގު ހެދުމާއި ތާރު އެޅުމާއި އެއާޕޯޓް ތަރައްގީ ކުރުމުގެ ގިނަ މަޝްރޫއުތަކެއް އެމްޓީސީސީން ކާމިޔާބުކަމާ އެކު ވަނީ ނިންމާލާފައެވެ. އަދި މިއަދު އެމްޓީސީސީއަކީ އެއްފަހަރާ އުމްރާނީ ތަރައްގީގެ 40 މަޝްރޫއު އެއްވަގުތެއްގައި ކުރިއަށް ގެންދިއުމުގެ ގާބިލުކަން ލިބިފައިވާ ކުންފުންޏެކެވެ. އަދި 1995 ވަނަ އަހަރުން ފެށިގެން ނޮވެމްބަރު 2020ގެ ނިޔަލަށް ޖުމްލަ އުމްރާނީ ތަރައްގީގެ 491 މަޝްރޫއު ވަނީ ކާމިޔާބުކަމާ އެކު ނިންމާލައިފަ އެވެ.

އެމްޓީސީސީގެ ރިސެޕްޝަނުން މީހަކަން ހިދުމަތް ދެނީ -- ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީގެ ރިސެޕްޝަނުން މީހަކަން ހިދުމަތް ދެނީ -- ފޮޓޯ: އެމްޓީސީސީ

ދަތުރުފަތުރުގެ ހިދުމަތަކީ ވެސް ކުންފުނީގެ ކާމިޔާބީގެ ދުވެލީގެ އަވަސްމިން ވަޒަންކުރެވޭ އެއް ހިދުމަތެވެ. ކުންފުނިން އެންމެ ފުރަތަމަ ފޯރުކޮށްދޭން ފެށި ހިދުމަތްތަކުގެ ތެރޭގައި ކަނޑުދަތުރުފަތުރުގެ ހިދުމަތް ހިމެނެއެވެ. ސަރުކާރުގެ މެރިން ޑިވިޜަން 1981 ގައި ހަވާލުކުރުމާ އެކު ލޯންޗު ދަތުރުގެ ހިދުމަތް ވިޔަފާރީގެ އުސޫލުން ކުންފުނީގެ ފުރަތަމަ އަހަރުގައި ވެސް ފޯރުކޮށްދިނެވެ. މިހާރު އެމްޓީސީސީން ފޯރުކޮށްދެމުން ގެންދާ އާންމު ކަނޑުދަތުރުފަތުރުގެ ހިދުމަތް ފެށީ 2001 ގައި މާލެ އާއި ވިލިނގިއްޔާ ދެމެދު ފެރީގެ ހިދުމަތް ތަޢާރަފުކުރި ހިސާބުންނެވެ.

މި ހިދުމަތް ފުޅާވެ، މިހާރު އެމްޓީސީސީއަކީ ތަނަވަސް ޓާމިނަލްތައް މެދުވެރިކޮށް ޝެޑިއުލް ފެރީގެ ހިދުމަތްތައް ގްރޭޓާ މާލެ ސަރަހައްދުގައި ދެމުން އަންނަ ކުންފުންޏެކެވެ. އަދި ހަ ޒޯނަކަށް ބަހާލައިގެން، ރާއްޖޭގެ 18 އަތޮޅަކަށް އިތުބާރު ހުރި ފެރީގެ ހިދުމަތް ކުންފުންނިން އަންނަނީ ފޯރުކޮށްދެމުންނެވެ. ފަހުގެ އަހަރުތަކުގައި ތަޢާރަފުކުރި ޕްރިމިއަމް އަދި އެކްސްޕްރެސް ހިދުމަތުގެ ސަބަބުން އާއްމު ފެރީތަކަށް ވުރެ އަވަސް އަދި ތަނަވަސް ހިދުމަތްތަކެއް ހިޔާރުކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބުނެވެ.

ރާއްޖޭގެ އަތޮޅުތަކާއި ރަށްތަކުގެ ބޮޑު ބައެއް ގުޅުވާލަދޭ އެމްޓީސީސީގެ ފެރީ ލިންކުގެ ހިދުމަތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ރައްޔިތުން، އެކި ބޭނުންތަކަށް ދަތުރުކުރުމަށާއި އެއްތަނުން އަނެއް ތަނަށް މުދާ ފޮނުވަން ކުރިއާލާ ރާވާ، އެކަން ކުރުމުގެ ފުރުޞަތު ލިއްބައިދޭ ހިދުމަތެކެވެ. އެއްގަމު ދަތުރުތަކަށް ބަލާއިރު، ހުޅުމާލޭގަ އާއި ހުޅުމާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު މެޓްރޯ ބަހުގެ ހިދުމަތާއި ޝަޓްލް ބަހުގެ ހިދުމަތް ވެސް އެމްޓީސީސީން ފޯރުކޮށްދެއެވެ.

މާލެ، ހުޅުމާލެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ދަތުރުކުރުމަށް "ޕްރައިވެޓް ހަޔާ"ގެ ނަމުގައި އެމްޓީސީސީން، ކާރު، ވޭނު އަދި ބަސް ކުއްޔަށް ހިފުމުގެ ފުރުސަތު އާއްމުންނަށް ފަހުގެ އަހަރުތަކުގައި ވަނީ ހުޅުވާލައިފައެވެ. މިއަދު އެމްޓީސީސީއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ހިދުމަތް ދޭ ކުންފުންޏެވެ. މިހާރު ދުވާލަކު 15،000 މީހުން އެމްޓީސީސީގެ ދަތުރުފަތުރުގެ ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރެއެވެ. އަދި މުޅި ރާއްޖޭގައި ކުންފުނިން ޤާއިމްކޮށްފައިވާ ކަނޑު ދަތުރުފަތުރުގެ ނިޒާމާއި ގްރޭޓާ މާލެ ސަރަހައްދުގައި ދޭ އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތުގައި އަހަރަކު 6 މިލިއަން ފަސިންޖަރުން ދަތުރުކުރެއެވެ.

އެމްޓީސީސީ ޓަވާ. މިއީ އެމްޓީސީސީގެ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރާ އިމާރާތެއް--ފޮޓޯ:އެމްޓީސީސީ

އެމްޓީސީސީ ޓަވާ. މިއީ އެމްޓީސީސީގެ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރާ އިމާރާތެއް--ފޮޓޯ:އެމްޓީސީސީ

ރާއްޖޭގެ މަސްވެރިންނާއި އޮޑިވެރިން އާމްދަނީ ހޯދަން ކުރާ މަސައްކަތަށް އިންޤިލާބީ ބަދަލެއް އައީ އެމްޓީސީސީން އާންމު ވިޔަފާރީގެ ދާއިރާއަށް ނިކުތް ހިސާބުންނެވެ. އެމްޓީސީސީގެ އާންމު ވިޔަފާރި ފެށީ ކުންފުނި އުފެދުނު ފަހުން މާ ގިނަ ދުވަސްތަކެއް ނުވަނީސް އޮޑިދޯނިފަހަރުގައި އިންޖީނު އެޅުމުގެ މަސައްކަތުގެ ތެރެއިންނެވެ. މި މަސައްކަތް ރާއްޖޭގައި ފެށީ 1974 ގައި ޔަންމާ އިންޖީނު ރާއްޖެއަށް ތަޢާރަފުވި ހިސާބުންނެވެ. އެމްޓީސީސީ އުފެދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި މުހިންމު މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރިއެވެ.

އޮޑިވެރިންނަށް ފަސޭހައިން އިންޖީނު ލިބޭނޭ އިންތިޒާމު ހަމަޖެއްސުމާއި އިންޖީނު މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާ ވަސީލަތްތައް ރާއްޖޭގެ ކަންކޮޅުތަކުގައި ގާއިމްކުރުމުގެ މަސައްކަތްތައް ވެސް މިއާ އެކު ފެށި އެވެ. އަދި އިންޖީނުތަކަށް ބޭނުންވާ ސްޕެއަ ޕާޓްސް އާއި ކަނޑުގައި ދުއްވާ އުޅަނދުތަކަށް ބޭނުންވާ އަޑީތެލާއި އެފަދަ އެހެން ތަކެތި ރާއްޖެއިން ފަސޭހައިން ލިބެން ހުރުމުގެ މުހިންމުކަން ފާހަގަކޮށް، އެމްޓީސީސީން އެފަދަ ތަކެތި ލިބޭނޭ އިންތިޒާމް ހަމަޖެއްސިއެވެ. ހެޔޮ އަގުގައި މިފަދަ ތަކެތި ފޯރުކޮށްދިނުމަށް ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އެމްޓީސީސީއަކީ، ރާއްޖޭގެ ޔަންމާ އިންޖީނުގެ ޑިސްޓްރިބިއުޓަރުގެ ގޮތުގައި 1987 ގައި ކަނޑައެޅިއެވެ. އަދި 1994 ގައި ކާސްޓްރޯލްގެ ރާއްޖޭގެ އެޖެންޓުގެ ގޮތުގައި އެމްޓީސީސީ ހަމަޖައްސައި، 2017 ވަނަ އަހަރު ސުޒުކީ އައުޓްބޯޑް އިންޖީން ރާއްޖޭގެ ބާޒާރަށް ތައާރަފްކުރި އެވެ.

މިއަދު އެމްޓީސީސީގެ އާންމު ވިޔަފާރީގެ ތެރޭގައި ދުނިޔޭގައި ނަން މަޝްހޫރު ބްރޭންޑްތަކުގެ ގިނަ ބާވަތްތަކެއް ހިމެނެއެވެ. ކުންފުނީގެ އާންމު ވިޔަފާރީގެ މައި މަރުކަޒަކީ ހ. ސޯމިލުގައި ހުންނަ ކަށަވަރު ޝޯރޫމެވެ. އެމްޓީސީސީގެ ޕްރޮޑަކްޓްތަކާއި ބްރޭންޑްތަކަށް ދިވެހިންގެ އިތުބާރު ލިބި ރާއްޖޭގެ މާކެޓްގައި މުހިންމު ދައުރެއް އަދާކުރެއެވެ. މިހާރުގެ ޕްރޮޑަކްޓް ޕޯޓްފޯލިއޯގައި ހިމެނޭ ބްރޭންޑްތަކުގެ ތެރޭގައި ޔަންމާ، ސުޒުކީ، ކާސްޓްރޯލް، ޕީޕީޖީ، އަދި ސްކޮޓް ބާޑާ ހިމެނެއެވެ. މީގެ އިތުރުން މެރޯލް ސްޓިއަރިންގް ސިސްޓަމްސް އަދި ޑޮނަލްޑްސަން ބްރޭންޑްގެ ފިލްޓަރު ހިމެނެއެވެ. އެމްޓީސީސީގެ ޕްރޮޑަކްޓްތަކާ އެކު އެންމެ ފުރިހަމަ ކަސްޓަމާ ސާވިސް އާއި ހުނަރުވެރި އިންޖިނިއަރުންނާއި ޓެކްނީޝަނުން ބޭނުންކޮށް އާފްޓާ ސޭލްސް ސާވިސް ފޯރުކޮށްދެއެވެ.

އެމްޓީސީސީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އާޒިމް ހޯރަފުށި އެއާޕޯޓުގެ މަސައްކަތް ބައްލަވައިލައްވަނީ --ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އާޒިމް ހޯރަފުށި އެއާޕޯޓުގެ މަސައްކަތް ބައްލަވައިލައްވަނީ --ފޮޓޯ: އެމްޓީސީސީ

ވޭތުވެދިޔަ އަހަރުތަކުގައި އެމްޓީސީސީން ވަނީ ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކޮށް އިތުރުކޮށްފައެވެ. މިގޮތުން ކުންފުނީގެ އުޅަނދުތައް މަރާމާތުކުރުމުން ފެށިގެން އިންޖިންނިއަރިން އާއި ޑޮކިންގެ ހިދުމަތް މިހާރު ވަނީ އާއްމު ފަރާތްތަކަށް ހުޅުވާލާފައެވެ. މާލެ އަތޮޅު ތިލަފުށީގައި ހިންގާ ބޯޓުޔާޑުގައި އެއްފަހަރާ 20 އުޅަނދަށް ހިދުމަތް ދިނުމުގެ ޖާގަ އޮވެއެވެ. އަދި 2017 ގައި އައު ބޯޓު ހޮއިސްޓް އިފްތިތާހުކޮށް މާކެޓަށް ޑޮކްޔާޑުގެ ހިދުމަތް ހުޅުވާލިއެވެ. އެގޮތުން މިހާރު 200 ޓަނުގެ މި ބޯޓު ހޮއިސްޓުން ޑޮކިން ހިދުމަތާ އެކު ތަފާތު ގިނަ ހިދުމަތްތައް ފޯރުކޮށްދެއެވެ. މީގެ ތެރޭގައި ވެލްޑިން، މެޓަލް ފެބްރިކޭޝަން، މެރިން އިންޖިއަނިއަރިން، އިލެކްޓްރިކަލް މަސައްކަތް، މެޝިނިން، ފައިބަރުގެ މަސައްކަތް އަދި ވަޑާމުގެ މަސައްކަތް ހިމެނެއެވެ. އަދި ފެނު އަޑީގެ ވެލްޑިންގް އާއި ކަޓިންގެ ހިދުމަތް 2018 ގައި ތައާރަފުކޮށް ވޯޓާ ބްލާސްޓިން އާއި ފޮރި ކަހައިދިނުމުގެ ހިދުމަތް 2019ގައި ތައާރަފުކުރި އެވެ.

އެމްޓީސީސީގެ 40 އަހަރުގެ ދިގު ދަތުރުގައި ކުންފުނި ފާހަގަކުރެވިފައިވަނީ އިޖުތިމާއީ ޒިންމާ ފުރިހަމައަށް އަދާކުރާ ކުންފުންޏެއް ގޮތުގައެވެ. ކުންފުނިން ކުރިއަށް ގެންދާ މަޝްރޫއުތަކާއި ނިންމާ ނިންމުންތަކުގައި އިޖުތިމާއީ ޒިންމާ މުހިއްމު ދައުރެއް އަދާކުރެއެވެ. ކުންފުނީގެ ތަސައްވުރާއި ކުންފުނިން އަގު ވަޒަންކުރާ ކަންކަމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެމްޓީސީސީން ހިންގާ ވިޔަފާރީގެ ޙަރަކާތްތައް މެދުވެރިކޮށް ކުންފުނީގެ އިޖުތިމާޢީ ޒިންމާ ތަންފީޒުކުރަމުން ގެންދެއެވެ.

މީގެ މަގުސަދަކީ އިގުތިސާދީ ނަފާ ފޯރުކޮށްދީ، ހަމަޖެހުން ބޮޑު ދެމެހެއްޓެނިވި މުޖުތަމައއުއެއް ބިނާކުރުމަށް ހިއްސާކުރުމެވެ. ރައްޔިތުންނާއި ލޯކަލް ކައުންސިލްތަކާއި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތައް މެދުވެރިކޮށް ދޭ އެހީތަކަކީ އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދޭ އެހީތަކެވެ. ވޭތުވެދިޔަ އަހަރުގެ ތެރޭގައި އެމްޓީސީސީގެ އެހީތެރިކަން ފޯރުކޮށްދިން ދާއިރާތަކުގެ ތެރޭގައި ސިއްހަތާއި ދުޅަހެޔޮކަން، ކުޅިވަރާއި ސަގާފަތް، އަދި އަންހެނުން ބާރުވެރިކުރުމާއި ތައުލީމީ ދާއިރާ ހިމެނެއެވެ.

މ. ވޭވަށުގެ ބަނދަރުގެ މަސައްކަތުގެ ބޮޑުބައި ނިމިފައި. މިއީ އެ ރަށުގައި އެމްޓީސީސީން ހިންގާ ޕްރޮޖެކްޓެއް-- ފޮޓޯ: އެމްޓީސީސީ

މ. ވޭވަށުގެ ބަނދަރުގެ މަސައްކަތުގެ ބޮޑުބައި ނިމިފައި. މިއީ އެ ރަށުގައި އެމްޓީސީސީން ހިންގާ ޕްރޮޖެކްޓެއް-- ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީން ގަބޫލުކުރާ ގޮތުގައި ކުންފުނީގެ ރައުސްމާލަކީ ކުންފުނީގެ މުއައްޒަފުންނެވެ. ވޭތުވެދިޔަ 40 އަހަރު ކުންފުންޏަށް ހާސިލުކުރެވުނު ކާމިޔާބީގެ އަސްލަކީ ފަންނުވެރި، އިހުލާސްތެރި، ގާބިލު "ޓީމް އެމްޓީސީސީ"ގެ މިންނެތް ބުރަ މަސައްކަތެވެ. ކުންފުނީގެ މެނޭޖްމަންޓްގެ އަމާޒަކީ ކުންފުނީގެ މުއައްޒަފުންނަކީ ގިނަ ދުވަހު ވަޒީފާގައި ދެމިތިބޭ، ކުންފުންޏަށް އެ މުއައްޒަފުންގެ ފަރާތުން ދިގު ރާސްތާގައި ފައިދާތަކެއް ލިބޭ ބަޔަކަށް ހެދުމެވެ. މިގޮތުން މި އަހަރުގެ އޮކްޓޯބަރު 7 ގައި މަހާ ޖައްރާފުގެ ހުރިހާ ފަޅުވެރިން ދިވެހިންނަށް ބަދަލުކުރުމަކީ ކުންފުނިން ނިންމި ފާހަގަކޮށްލެވޭ ނިންމުމެކެވެ. އެމްޓީސީސީގެ މި ނިންމުމުގެ ސަބަބުން ބިދޭސީ ފަޅުވެރިންގެ މުސާރައިގެ ގޮތުގައި ދިވެހި ރާއްޖޭއިން ބޭރުވާ ފައިސާ ރާއްޖޭގައި ހިފެހެއްޓި، ދިވެހިންނަށް އިތުރު ވަޒީފާގެ ފުރުސަތުތަކެއް ފަހިވެ މިކަމުގެ ހެޔޮ އަސަރު ރާއްޖޭގެ އިގުތިސާދަށް ކުރާނެއެވެ. މީގެ އިތުރުން ވޭތުވެދިޔަ އަހަރުތަކުގައި ވަނީ މުއައްޒަފުންނަށް ތަފާތު ދާއިރާތަކުން ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯދައިދީފައެވެ. މުއައްޒަފުންގެ މެދުގައި އެއްބައިވަންތަކަން އިތުރުކުރުމަށް އުފައްދާފައިވާ ކްލަބް އެމްޓީސީސީ އަކީ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ގާތްކަން އުފައްދާ ތަރައްގީކުރުމަށް ގާއިމްކޮށްފައިވާ ވަސީލަތެކެވެ.

ކުންފުނީގެ މުއައްޒަފުންގެ ގާބިލުކަމާއި އިހުލާސްތެރިކަމާއި ކުންފުޏަށް ހުންނަ ލޯބި އެންމެ ބޮޑަށް ވަޒަންކުރެވުނީ 2020 ވަނަ އަހަރުއެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް ކުންފުނިން ހިންގަމުންދިޔަ އެއްވެސް މަޝްރޫއެއް ހުއްޓުމަކަށްނައިސް ކުރިއަށްދިޔައީ ކުންފުނީގެ މުއައްޒަފުންގެ ބުރަ މަސައްކަތާއި ހިތްވަރުންނެވެ. މީގެ އިތުރުން ކޮވިޑްގެ ސަބަބުން ކުންފުނީގެ އެކި ވިޔަފާރިތަކަށް ކުރަމުންދާ އަސަރު ކުޑަކުރުމަށް އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތަކާއި އިސްތިރާޖީ ޕްލޭންތައް ކުންފުނިން އެކުލަވާލާ، ހާލަތު ބަދަލުވަމުންދާ މިންވަރަށް ރިއަަޔަތްކޮށް މުރާޖައާ ކުރަމުން ގެންދިޔައެވެ.

އެމްޓީސީސީގެ އެމްޑީ އާޒިމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީގެ އެމްޑީ އާޒިމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ: އެމްޓީސީސީ

ރާއްޖޭގެ އިގުތިސާދަށް ދިމާވެފައިވާ ދަތި ހާލަތުގައި ވެސް، ކުންފުނީގެ މަގުސަދުތައް ހާސިލުކުރުމަށް ހިކުމަތްތެރިކަމާ އެކު އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ފޮނި ނަތީޖާ 2020ގައި ކުންފުންޏަށް ލިބުނު ކާމިޔާބީން ވަޒަންކުރެވެއެވެ. އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން، އައިއެސްއޯގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް ކަމަށްވާ އައިއެސްއޯ 2015:9001 ސެޓްފިކެޓް ކުންފުނިން ހާސިލުކުރީ 2020 ގަ އެވެ. އެމްޓީސީސީއަކީ އައިއެސްއޯގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމަށް ސަޓިފައިކޮށްފައިވާ ދިވެހި މަދު ކުންފުނިތަކުގެ ތެރެއިން، ކުންފުނީގެ ހުރިހާ އޮޕަރޭޝަނެއް ސަޓިފައިކުރި ކުންފުންޏެކެވެ. އަދި އެމްޓީސީސީގެ ދިގު ތާރީޚްގައި މިހާތަނަށް އަހަރެއްގެ ތިން ވަނަ ކުއާޓަރާ ހަމައަށް ހޯދުނު އެންމެ ރަނގަޅު މާލީ ނަތީޖާ ހޯދުނީ ވެސް މި އަހަރުގެ ތެރޭގައެވެ.

އެމްޓީސީސީގެ އަމާޒަކީ ހިކުމަތްތެރިކަމާ އެކު ވިޔަފާރިތައް ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ ވިޔަފާރި ކުރިއަށް ގެންދިޔުމެވެ. ކަސްޓަމަރުންނާއި ހިއްސާދާރުންނާއި ވިޔަފާރީގެ ބައިވެރިންނާއި އާއްމު ރައްޔިތުން، ވޭތުވެދިޔަ 40 އަހަރު ދެގޮތެއްނުވެ ކުންފުންޏަށް ކުރަމުން އައި އިތުބާރު ދެމެހެއްޓުމެވެ. އެމްޓީސީސީ 40 އަހަރު ދެއްކި ނަތީޖާއަށް ބަލާއިރު މިއިން ކޮންމެ އަމާޒަކަށް ވާސިލުވުމަށް ބޭނުންވާ ވަސީލަތްތައް ކުންފުނީގައި އެބަހުއްޓެވެ. ކަސްޓަމަރުންނަށް ހައްލުތައް ހޯދައިދިނުމަށް މަސައްކަތްކުރުމަށް ތައްޔާރަށް ތިބި، ގާބިލު، ފަންނުވެރި މުއައްޒަފުން އެކުލެވޭ ޓީމެއް އެބަ އޮތެވެ. ރައްޔިތުންގެ ކުންފުނި ރައްޔިތުންގެ ހިދުމަތުގައި ކާމިޔާބު 40 އަހަރު ވޭތުކުރި ބީދައިން، ކުރިއަށް އޮތް ތަނުގައި ވެސް ގައުމު ބިނާކުރުމުގައި އެމްޓީސީސީ އާ އުސްމިންތަކަކަށް ވާސިލުވާނެ ކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.