Roadha Mihaaru
"ތިން އަހަރުން ހެދި ބަނދަރު އެއް އަހަރުން ނިންމަން"

ތިން އަހަރުން ހެދި ބަނދަރެއް މިހާރު އެއް އަހަރުން ނިމޭ: އާޒިމް

20 ޑިސެމްބަރ 2021

ތިން އަހަރުން ހެދި ބަނދަރުތައް މިހާރު އެއް އަހަރުން ނިންމާ ކަމަށާއި އެމްޓީސީސީގެ މަސައްކަތުގެ ސްޕީޑް ވަރަށް ބޮޑަށް އަވަސް ކޮށްފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ތިން އަހަރުން ހެދި ބަނދަރުތައް މިހާރު އެއް އަހަރުން ނިންމާ ކަމަށާއި އެމްޓީސީސީގެ މަސައްކަތުގެ ސްޕީޑް ވަރަށް ބޮޑަށް އަވަސް ކޮށްފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އެ ކުންފުންޏަށް 41 އަހަރު ފުރުން ފާހަގަކުރަން ރޭ ބޭއްވި ޖަލްސާގައި އާޒިމް ވިދާޅުވީ، ބަނދަރުގެ އިތުރުން އެއާޕޯޓެއް އަޅަން ނަގާ މުއްދަތު ވެސް އަވަސް ވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެއާޕޯޓެއް އަޅަން ބިން ހިއްކައިގެން ނިންމަން މިހާރު ނަގަނީ 15 ވަރަކަށް މަސް ކަމަށެވެ. ކުރިން މިކަމަށް ތިން އަހަރު ހޭދަވެ އެވެ.

"މިދިޔަ ތިން އަހަރު މި ކުންފުނި މި ހިންގަނީ ފަތުއަޑު ކިޔައިފަ. ބިން ހިއްކުމާއި ބަނދަރު ހެދުމާއި އެއާޕޯޓް އެޅުމާއި ގޮނޑުދޮށްތައް ހިމާޔަތްކުރުމާއި ހޮސްޕިޓަލް އެޅުމާއި ދަތުރުފަތުރު ފަދަ ކިތަންމެ މަޝްރޫއުއެއް އެބަ ހިންގަން،" އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، އެ ކުންފުނިން މަޝްރޫއެއް ނުހިންްގާ އެންމެ ރަށެއް ވެސް ނެތް ކަމަށެވެ. އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި އިންޓަނޭޝަނަލް ޕްރޮޖެކްޓްތައް ވެސް ހިންގުން ކަމަށް އޭނާ ވިދާޅުވި އެވެ.

"2018 ގައި އެމްޓީސީސީން އެއްފަހަރާ ހިންގީ 25 ޕްރޮޖެކްޓް. މިހާރު އެއްފަހަރާ 94 މަޝްރޫއެއް އެއްފަހަރާ އެބަ ގެންދޭ،" އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، މި އަހަރުގެ ފައިދާ މިދިޔަ އަހަރަށް ވުރެ ވެސް ބޮޑުވާނެ ކަމަށެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް ވަނީ 224 މިލިއަން ރުފިޔާ ލިބިފަ އެވެ.

އޭނާ ވިދާޅުވީ، މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި އެ ކުންފުނިން ހިންގާ މަޝްރޫއުތައް ވަރަށް ބޮޑަށް އިތުރުވެ، އާންމުންނަށް ދޭ ހިދުމަތްތައް ވެސް އިތުރު ވެފައިވާ ކަމަށެވެ. އަދި މުޅި ރާއްޖެ އަށް ސްޕީޑް ފެރީގެ ހިދުމަތް ދޭން ތައްޔާރުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.