Roadha Mihaaru
ބްރިޓްނީ މުވައްޒަފަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ

ބްރިޓްނީ މުވައްޒަފަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

21 އޯގަސްޓް 2021

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސް މުވައްޒަފަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސް މުވައްޒަފަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

މިކަމާ ބެހޭ ގޮތުން ކެލިފޯނިއާގެ ވެންޗޫރާ ކައުންޓީ ޝެރިފްސް ޑިޕާޓްމަންޓުން ބުނީ ބްރިޓްނީ އަނިޔާކުރި ކަމަށް ބުނާ މައްސަލަ ހުށަހެޅީ އޭނާގެ ގޭގައި ފޯނެއްގެ މައްސަލާގައި ހިނގި އަރާރުމަކަށް ފަހުގައި ކަމަށެވެ. ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ގަޔަށް އަތްލައި ކަންކަށިމަތީގައި ޖަހައި އަނިޔާކުރި ކަމަށެވެ. އަދި ހާދިސާ ހިނގައި ދިޔަ ގޮތް އިތުރަށް ބަލަމުން އަންނަ ކަމަށާއި އަންނަ ހަފުތާގެ ތެރޭގައި ތަހުގީގު ނިންމާނެ ކަމަށް ޝެރިފްސް ޑިޕާޓްމަންޓުން ބުންޏެވެ.

އެތަނުގެ ތަރުޖަމާނު ވިދާޅުވީ މައްސަލަ ތަހުގީގުކުރުމަށް ފަހު ބްރިނިޓްނީއަށް ދައުވާކުރުމާ މެދު ގޮތެއް ނިންމުމަށް މި ހަފުތާގައި ވެންޗޫރާ ކައުންޓީ ޑިސްޓްރިކްޓް އެޓާނީ އަށް ހުށަހަޅާނެ ކަމަށެވެ.

ބްރިޓްނީގެ ވަކީލު މެތިއު ރޮޒެންގާޓް ވިދާޅުވީ އަނިޔާކުރި ކަމަށް ބުނެ ބްރިޓްނީއާ ދެކޮޅަށް ހުށަހެޅީ އަސްލެއް ނެތް މައްސަލައެއް ކަމަށާއި މައްސަލަ ހުށަހެޅި މުވައްޒަފަށް އެއްވެސް އަނިޔާއެއް ވެސް ލިބިފައި ނުވާ ކަމަށެވެ. އަދި މިއީ މީޑިއާގެ ސަމާލުކަން ހޯދަން މުވައްޒަފަކު ހުށަހެޅި މައްސަލައެއް ކަމަށް ވަކީލު ވިދާޅުވި އެވެ. އެހެންވެ ފުލުހުން އެ މައްސަލަ ނުބަލައި ބޭރުކުރުމަށް އޭނާ ގޮވާލެއްވި އެވެ.

ދެ ކުދިންގެ މަންމަ ބްރިޓްނީ، 39، އާ ދެކޮޅަށް މައްސަލައެއް ހުށަހަޅާފައި މި ވަނީ 13 އަހަރު ވަންދެން އޭނާ "ކޮންޓްރޯލްކުރި" ބައްޕަ ޖެމީ ސްޕިއާސްގެ ގެ އަތްދަށުން މީގެ ހަފުތާއެއް ކުރިން މިނިވަންވެފައި ވަނިކޮށެވެ.