Roadha Mihaaru
އެެލޯ ވެރާގެ ބޭނުންހިފޭނެ ކިތަންމެ ގޮތެއް

އެެލޯ ވެރާގެ ބޭނުންހިފޭނެ ކިތަންމެ ގޮތެއް

22 ޑިސެމްބަރ 2020

އެލޯ ވެރާ ގަހެއް ހުރި ނަމަ އޭގެ ބޭނުން ހިފާށެވެ. ހަމައެކަނި ރީއްޗަކަށް ގަހެއް ބަހައްޓާލުމުގެ ބަދަލުގައި އެ ގަހަކުން ލިބޭ ފައިދާ އަމިއްލަ ހަށިގަނޑަށް ވެސް ހޯދިދާނެ އެވެ. އެލޯ ވެރާ އަކީ އެގޮތަށް ފަސޭހަ އިން ބޭނުންކޮށްލެވިދާނެ އެއްޗެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެލޯ ވެރާ ގަހެއް ހުރި ނަމަ އޭގެ ބޭނުން ހިފާށެވެ. ހަމައެކަނި ރީއްޗަކަށް ގަހެއް ބަހައްޓާލުމުގެ ބަދަލުގައި އެ ގަހަކުން ލިބޭ ފައިދާ އަމިއްލަ ހަށިގަނޑަށް ވެސް ހޯދިދާނެ އެވެ. އެލޯ ވެރާ އަކީ އެގޮތަށް ފަސޭހަ އިން ބޭނުންކޮށްލެވިދާނެ އެއްޗެކެވެ.

އެލޯ ވެރާ ފަތުގެ އެތެރޭގައި ހުންނަ ޖެލް އަކީ ވަރަށް ފައިދާހުރި ބޭނުންތެރި އެއްޗެކެވެ. ރީތިވާ ސާމާނާއި އިސްތަށިގަނޑަށް ބޭނުންވާ އުފެއްދުންތަކުގައި އާންމުކޮށް މި ބޭނުންކުރެ އެވެ.

އެލޯ ވެރާގެ ގުދުރަތީ ޖެލް ގޭގައި ވެސް ތަފާތު ގޮތްގޮތަށް ތަފާތު ކަންކަމަށް ބޭލުންކޮށްލެވިދާނެ އެވެ.

އެލޯ ވެރާ ޖެލް އިން ޖޫސް ގިރައިގެން ބޮވޭނެ އެވެ. މީގައި ހިތި ރަހައެއް ހުއްޓަސް، މޭވާ ނުވަތަ ތަރުކާރީގެ ކޮންމެވެސް ބާވަތަކާ އެކު ގިރާލައިގެން ބޯލަން މީރު ވެސް ވާނެ އެވެ. އަދި ރަހަ އިތުރަށް ރަނގަޅުކޮށްލަން ހަކުރު ނުވަތަ މާމުއި އަދި ލުނބޯ ހުތް ވެސް އެޅިދާނެ އެވެ.

ހަޖަމުކުރުމުގެ ނިޒާމުގެ މައްސަލަތަކަށް މިކަމުން ލުއި ލިބޭނެ އެވެ. އެލޯ ވެރާ ޖޫސް ބުއިމުން ޑިޓޮކްސިފައިކޮށްދީ ތާޒާކަން ވެސް ގެނެސްދޭނެ އެވެ. އަދި މިއީ ބަރުދަން ލުއިކުރަން ވެސް އެހީވެދޭނެ ބުއިމެކެވެ. އެލޯ ވެރާގައި އެކުލެވޭ ވިޓަމިންތަކާއި މިނެރަލްތަކުން އެކަމަށް މަގުފަހިކޮށްދެ އެވެ.

ހަންގަނޑު ރީތިކޮށްލަން ވެސް އެލޯ ވެރާ ޖެލް އަކީ އެއް ވަނައިގެ އެއްޗެކެވެ. ތަފާތު ގޮތްގޮތަށް ބޭނުންކޮށްލެވިދާނެ އެވެ. އެއްގޮތަކީ ގަހުން ފަތެއް ކަނޑާފައި އޭގެ މަތީ ފަށަލަ ދުއްވާލައި، ކިއުބް ގޮތަކަށް ކޮށާފައި ފްރީޒަރުގައި ގަނޑުކޮށްލައިގެން ހަށިގަނޑުގެ އެކި ތަންތަނުގައި އުނގުޅުމެވެ.

މިހެން ހެދުމުން ހަންގަނޑުގައި ހަކާލުވެފައި ހުންނަ ތަންތަން ރަނގަޅުވުމާއި މަރުވެފައި ހުންނަ ހަންތައް ނެއްޓި، ހަށިގަނޑު ޓޭން ވެސް ކޮށްދޭނެ އެވެ. އަދި ހަމަ ތާޒާކަންމަތީ ސްކްރަބެއްގެ ގޮތުގައި ވެސް އެލޯ ވެރާ ޖެލް ބޭނުންކޮށްލެވުދާނެ އެވެ. މިސާލަކަށް މޫނުގަ އެވެ.

ބޮލުން ހަންފޮޅޭ ނަމަ އެކަމުގެ ހައްލަކަށް ވެސް އެލޯ ވެރާ ޖެލް ބޭނުންކޮށްލެވިދާނެ އެވެ. މީގެ ސަބަބުން އިސްތަށިގަނޑުގައި ހުންނަ ކުރަކިކަން ފިލައި އޮމާންކަން ގެނުވައިދީ މަޑު ވެސްކޮށްދޭނެ އެވެ. އަދި އެލޯ ވެރާ ޖެލް އަކީ އިސްތަށި ފެށުމަށް ވެސް އެހީވެދޭ އެއްޗެކެވެ.