25 ޑިސެމްބަރ 2020
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އަހުމަދު ރިޒުވާން (ރިޒޭ) ފަހު ވަގުތު ޖެހި ގޯލުން 1-1 އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ އެއްވަރުކޮށް ކްލަބް އީގަލްސް ބަލިނުވެ ސަލާމަތްވެއްޖެ އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އަހުމަދު ރިޒުވާން (ރިޒޭ) ފަހު ވަގުތު ޖެހި ގޯލުން 1-1 އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ އެއްވަރުކޮށް ކްލަބް އީގަލްސް ބަލިނުވެ ސަލާމަތްވެއްޖެ އެވެ.
މި ފަހަރުގެ ސީޒަނުގައި ޗެރިޓީ ޝީލްޑް އުފުލާލި އީގަލްސް އިން ލީގުގައި ކުޅުނު ތިން މެޗުން އަދި މޮޅެއް ނުލިބެ އެވެ. ފުރަތަމަ ދެ މެޗުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ޓީސީ އަތުން ބަލިވިއިރު، މިއަދު އެއްވަރުވީ އެވެ.
އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މިއަދު ނަތީޖާއާ އެކު އަމިއްލަ ބާރުގައި ލީގު ހޯދަން ކުރާ މަަސައްކަތް ގާތްގަނޑަކަށް މިދިޔައީ ކަމަށާއި ނަތީޖާ ނުނެރެވޭ އެންމެ ބޮޑު ސަބަބަކީ މެޗަކަށް ފަހު މެޗެއް ކުޅުން ދަށަށް ދިއުން ކަމަށެވެ.
"ހަގީގަތުގައި ބިރުން ތިބެ ކަހަލަ ގޮތަކަށް މި ކުޅެނީ. ލަނޑެއް ވަން ހިސާބުން ދެން ކޮންމެވެސް ވަރަކަށް ކުޅުން ފެނުނު. އެހެން ނަމަވެސް ޖުމްލަކޮށް ބަލާއިރު މިއީ އަނެއްކާ ވެސް ވަރަށް ދަށްކޮށް ދިޔަ ދުވަހެއް،" މޯހަން ބުންޏެވެ.
އޭނާ ބުނީ ކުރިއަށް ހުރި މެޗުތަކުގައި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި ޔޫތު ކުޅުންތެރިންތަކެއް ތިބި ނަމަވެސް އެ ކުޅުންތެރިން ލައިގެން ވެސް ރަނގަޅުކުރަން ޖެހޭ ކަންތައްތަކަށް ފޯކަސް ކުރާނެ ކަމަށެވެ.
އީގަލްސް އިން މި މެޗަށް ނުކުތީ މީގެ އެއް ދުވަސް ކުރިން އެ ޓީމާ ގުޅުނު މޮންޓަނެގްރޯގެ ގޯލްކީޕަރު މިލާން ޔެލޮވަކް ފުރަތަަމަ އެގާރައިގައި ހިމަނައިގެންނެވެ. އަދި ސީރިއަސް އަނިޔާއެއް ކަމަށް ކުރިން ބެލެވުނު ރިޒޭ ވެސް ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން މެޗު ފަށައިފަ އެވެ.
ފުރަތަމަ ހާފުގައި އީގަލްސް އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ. އެންމެ ގިނަ ފުރުސަތުތައް ލިބުނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އަށެވެ. ހަންނަ އަށް ލިބުނު ފުރުސަތުތަކުގައި އޭނާ ފޮނުވާލި އެއް ބޯޅައެއް ފިޔަވައި ދެން ހުރިހާ ހަމަލާއެއް ދިޔައީ ގޯލާ ސީދާނުވެ އެވެ. ރިޒޭ ޖެހި ދެ ބޯޅައެއް ބްލޮކްވިއިރު، މުހައްމަދު ނާއިމް އަށް އޭރިއާ ތެރެއިން ލިބުނު ފުރުސަތުގައި އޭނާ ޖެހި ބޯޅަ ދަ ގްރާންޑޭގެ ކީޕަރު އިޔާން އަބްދުލް އަލީމް (ޗިކީ) ވަނީ މަތަކޮށްފަ އެވެ.
ދަ ގްރާންޑޭ އަށް ވެސް ފުރަތަމަ ހާފުގައި ކޮންމެވެސް ވަރަކަށް ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެ ޓީމުން އުޒްބެކިސްތާން ފޯވާޑް ހައިދަރޯފް އޮޓަބެކް އަށް ލިބޭ ބޯޅަތަކުގައި އޭނާ ފޮނުވާލުން ލަސްވުމާއި އެ ޓީމުގެ އެހެން ކުޅުންތެރިއަކަށް ނުދީ އަމިއްލަ އަށް ޖަހަން އުޅުމުން ގިނަ ފުރުސަތުތަކެއް ގެއްލުނީ އެވެ. ފުރަތަމަ ހާފުގައި ދަ ގްރާންޑޭ އިން ވަނީ އިބްރާހިމް ޝަފްރާޒް (ޝަފްލޭ)ގެ ބަދަލުގައި މުހައްމަދު ސަހާއު (ބޭލް) ކުޅެން އަރުވައިފަ އެވެ.
ދެ ވަނަ ހާފް ފަށައިގެން އީގަލްސް ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް ކުރި ފުރަތަމަ އެޓޭކުގައި ދަ ގްރާންޑޭ އިން ވަނީ ލީޑުނަގައިފަ އެވެ. މެޗުގެ 58 ވަނަ މިނިޓްގައި ދަ ގްރާންޑޭގެ ސަހާއު ނެގި ކޯނަރު ގޯލަށް ވަނީ ކީޕަރު މިލާން އަތުގައި ޖެހިފައި ގޮހެވެ. އޭގެ ފަސް މިނިޓް ފަހުން އޭރިއާ ތެރެއިން ލީޑުފުޅާކުރަން ދަ ގްރާންޑޭގެ އަކްރޯފް ޖެހި ބޯޅަ ކީޕަރު މިލާން ވަނީ މަތަކޮށްފަ އެވެ.
އީގަލްސް އިން ވަނީ ފަހު 25 މިނިޓަށް ރިހާމް އަބްދުލް ގަނީ (ބޮބީ) އާއި ހަންނަގެ ބަދަލުގައި ޒައިން ޒަފަރާއި ޖުމައިލް ޖަމީލް ކުޅެން އަރުވައިފަ އެވެ. މެޗުގެ 73 ވަަނަ މިނިޓްގައި އޭރިއާ ބޭރުން ޒައިން ޖެހި ބޯޅަ ކީޕަރު އިޔާން ވަނީ މަތަކޮށްފަ އެވެ. އޭގެ ދެ މިނިޓް ފަހުން ގޯލު ކުރިމަތިން ހުސްކޮށް ކަހަލަ ގޮތަކަށް ހިސާމް ސަލީމް (ކޮކީ) އަށް ލިބުނު ބޯޅަ ފޮނުވާލި ނަމަވެސް ދިޔައީ ހުރަސްދަނޑިމަތިންނެވެ.
މެޗުގެ 79 ވަނަ މިނިޓްގައި އީގަލްސް ޑިފެންސް ތެރެއިން ޖާގައެއް ހުސްކޮށްލުމަށް ފަހު ސަހާއު ދިން ބޯޅައެއް އޭރިއާތެރެއިން އެ ޓީމުގެ ކެޕްޓަން ޔަސްފާދު ހަބީބު (މުލަކޭ) ފޮނުވާލިއިރު އެ ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
އީގަލްސް އަށް އެއްވަރުކޮށްދިން ގޯލު ޖެހީ މެޗުގެ 86 ވަނަ މިނިޓްގައި ރިޒޭ އެވެ. އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ) ހުސްކޮށްލާފައި ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ރިޒޭ ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އީގަލްސް މޮޅުކޮށްދޭން އެންމެ ހުސް ފުރުސަތު ލިބުނީ އިމްރާން ނަޝީދު (އިންމަ) އަށެވެ. އަހުމަދު ނޫމާން (ހެލްމެޓު) ހުސްކޮށްލާފައި އިންމަ އަށް ޖައްސާލި ބޯޅަ އޭނަ ބޮލުން ފޮނުވާލިއިރު ގޯލު ރޮނގުމަތިން ދަ ގްރާންޑޭ ކުޅުންތެރިން ވަނީ އެ ސަލާމަތްްކޮށްފަ އެވެ.
ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ މިދިޔަ މެޗަކީ ވެސް މޮޅެއް ހޯދޭނެ މެޗެއް ކަމަށާއި ލިބުނު ފުރުސަތުތައް ގޯލަކަށް ހަދައިނުލެވުމުން މެޗުގެ ޓާގެޓް ހާސިލްނުވީ ކަމަށެވެ. އެހެން ނަމަވެސް އީގަލްސް ކަހަަލަ ޓީމަކާ ދެކޮޅަށް މި މެޗުގައި ދަ ގްރާންޑޭ އިން ކުރި ހިތްވަރު އިންމަ ފާހަގަކުރި އެވެ.
"ހަގީގަތުގައި ޓެކްޓިކަލް ޑިސިޕްލިން ހިފަހައްޓައިން ކުޅެގެން ލިބުނު ޕޮއިންޓެއް މިއީ. ކުރިއަށް ހުރި މެޗުތަކުގައި މިއަށް ވުރެން ރަނގަޅުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،" އިންމަ ބުންޏެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މެޗު ފަށާނީ 9 ޖަހާއިރު އެވެ.
އަޔާގެ ގޯލުން ދަ ގްރާންޑޭ އަށް ޕޮއިންޓެއް
ބޭނުމީ މޮޅަކުން އަލުން ފަށަން: އިންމަ
ލީގު ނުފެށި ކްލަބްތައް ކެތްތެރިކަން ކޮޅުންލަނީ!
އާ ގައިޑްލައިންތަކާ އެކު ކްލަބްތަކުގެ ޕްރެކްޓިސް ފަށަނީ
ކުޅުންތެރިންގެ އާދޭސް: "ލީގު ފެށޭނެ ގޮތެއް ހަދައިދީ"
ފުޓްބޯޅައާ މެދު ފުންކޮށް ވިސްނަން ކްލަބްތަކުން އެދެފި
ލީގު ހޯދަން ބަލާއިރު މިއީ މަރުގެ މެޗެއް: މޯހަން
ވެޓެރަންސް ލީގުގެ ފުރަތަމަ މޮޅު އީގަލްސް އަށް
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ޓީސީ އާއި އީގަލްސް މޮޅުވެ ގަދަހަތަރެއްގެ ވާދަ ފޯރިގަދަ