Roadha Mihaaru
އަޔާގެ ގޯލުން ދަ ގްރާންޑޭ އަށް ޕޮއިންޓެއް

އަޔާގެ ގޯލުން ދަ ގްރާންޑޭ އިން އީގަލްސްއާ އެއްވަރުކޮށްފި

29 މާޗް 2021

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އަޔާޒު އަހުމަދު (އަޔާ) ޖެހި މޮޅު ގޯލުން ދަ ގްރާންޑޭ 1-1 އިން ކްލަބް އީގަލްސްއާ އެއްވަރުކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އަޔާޒު އަހުމަދު (އަޔާ) ޖެހި މޮޅު ގޯލުން ދަ ގްރާންޑޭ 1-1 އިން ކްލަބް އީގަލްސްއާ އެއްވަރުކޮށްފި އެވެ.

މި މެޗުން ލިބުނު ޕޮއިންޓާ އެކު ދަ ގްރާންޑޭ ވަނީ ލީގުގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 10 މެޗުން 16 ޕޮއިންޓް ހަމަކޮށްގެންނެވެ. އެކަމަކު ލީގުގައި މިރޭ ތިން ވަނައިގައި އޮތް ވެލެންސިއާ އާއި ހަތަރު ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް ކުޅޭ މެޗުން ކޮންމެ ނަތީޖާއެއް ނުކުތް ކަމުގައި ވިޔަސް ދަ ގްރާންޑޭ އަށް ދެ ވަނަ ގެއްލޭނެ އެވެ.

ވެލެންސިއާ މި ވަގުތު ތިން ވަނައިގައި އޮތީ ނުވަ މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރެއްގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އަށް ވަނީ ނުވަ މެޗުން 14 ޕޮއިންޓް ލިބިފަ އެވެ. ވެލެންސިއާ މިރޭ މޮޅުވެއްޖެނަމަ ދެ ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއްލިބޭއިރު، އެއްވަރުކޮށްލައިގެން ވެސް ދެ ވަނަ އަށް އެރޭނެ އެވެ. ދެ ވަނަ މަގާމަށް އަރަން ގްރީން ސްޓްރީޓްސް ޖެހޭނީ ވެލެންސިއާ ބަލިކުރާށެވެ.

މިދިޔަ ހުކުރު ދުވަހު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން މޮޅުވި މެޗުގައި ނެރުނު ފުރަތަމަ އެގާރަ އަށް އީގަލްސް އިން ވަނީ ބަދަލެއް ގެނެސްފަ އެވެ. އެ ގޮތުން ސަސް މެޗުގައި ކާޑު ހަމަވުމުގެ ސަބަބުން ނުކުޅެވުނު ޒުވާން ފުލްބެކް ހައިޝަމް ހަސަން (ބިޑި) ވަނީ މިއަދުގެ މެޗުގައި ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ. އަނެއްކޮޅުން ކުރިން މެޗުގައި ޑިފެންޑަރަކަށް ކުޅުނު މިސްރުގެ އެލްސައީދު މި މެޗު ފެށީ މިޑްފީލްޑަރެއްގެ މަގާމުގަ އެވެ.

ދަ ގްރާންޑޭގެ ޝިފާން (ކ) އީގަލްސްގެ ކޮރްމިޝިން އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ދަ ގްރާންޑޭގެ ޝިފާން (ކ) އީގަލްސްގެ ކޮރްމިޝިން އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

މުޅި ފުރަތަމަ ހާފަށް ބަލާއިރު ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް އީގަލްސް އިން ތަނަވަސްކުރި އެވެ. އެ ގޮތުން ލަނޑެއް ޖެހުމާ އެންމެ ގާތަށް ޖެހިލީ އެ ޓީމުގެ މިޑްފީލްޑަރު އިމްރާން ނަޝީދު (އިންމަ) އެވެ. ހަންނަ ނަގައިދިން ކޯނަރަކުން އިންމަ ބޮލުން ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ފުރަތަމަ ހާފުގައި އީގަލްސް އަށް ލިބުނު ދެ ކޯނަރެއްގައި އެ ޓީމުގެ އަހުމަދު ނޫމާން (ހެލްމެޓް) އަށް ވެސް ރަނގަޅު ދެ ފުރުސަތެއް ލިބުނުއިރު، އޭނާ ފޮނުވާލި އެއްވެސް ހަމަލާއެއް ގޯލާ ސީދާނުވި އެވެ.

ދަ ގްރާންޑޭ އަށް ފުރަތަމަ ހާފުގައި އީގަލްސް ގޯލާ އަމާޒުކޮށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވައެއްނުލެވުނެވެ. އެކަމަކު ދެ ވަނަ ހާފްގެ ފުރަތަމަ ފަސް މިނިޓް ތެރޭ ދަ ގްރާންޑޭ އިން ވަނީ ފުލުފުލުގައި ދެ ހަމަލާއެއް އީގަލްސްގެ ގޯލަށް ފޮނުވާލައިފަ އެވެ. އުޒްބެކިސްތާންގެ މިޑްފީލްޑަރު އުމަރުޔޯނޯފް އަހްރޯރާއި އަހުމަދު އަޔާޒް (އަޔާ) ޖެހި ޝޮޓްތައް އީގަލްސްގެ ލެބަނަން ކީޕަރު މުހައްމަދު ތޯހާ ވަނީ ހުއްޓުވައިފަ އެވެ.

އީގަލްސް އިން ލީޑުނެގީ މެޗުގެ 56 ވަނަ މިނިޓްގައި ރަޝިއާގެ ފޯވާޑް ކޮރްމިޝިން ވްލަޑިސްލާވް އެވެ. ދަ ގްރާންޑޭ ފަހަތުން ކީޕަރު އިޔާން އަބްދުލް އަލީމް (ޗިކީ) އަށް ދިން ބޯޅައިގައި އޭނާ ހެދި ގޯހެއްގެ ފައިދާނަގައި އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ) ދިން ބޯޅަ ކޮރްމިޝިން ވަނީ ގޯލުގެ ކައިރީ ކަނަަށް އަމާޒުކޮށްލައިފަ އެވެ.

ދަ ގްރާންޑޭ އަށް އެއްވަރުކޮށްދިނީ މެޗުގެ 72 ވަނަ މިނިޓްގައި އަޔާ އެވެ. އޭރިއާބޭރުން އީގަލްސްގެ ތިން ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު އަޔާ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. ޑިފެންޑަރުންގެ ތެރެއިން އެ ބޯޅަ ގޯލުގެ ކަނަށް އަމާޒުވިއިރު، ކީޕަރު ތޯހާ އަށް އެ ބޯޅަ ހުއްޓުވޭނެ އެއްވެސް ގޮތެއް ނުވި އެވެ.

އީގަލްސް އިން ވަނީ މެޗުގެ ފަހު 10 މިނިޓަށް ތަޖުރިބާކާރު މިޑްފީލްޑަރު އަދި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ކުޅެން އަރުވައިފަ އެވެ. މިއީ 2018 ވަނަ އަހަރުގެ ސީޒަން ފަހު އަސްހަދު ފުޓްބޯޅަ މެޗެއްގައި ކުޅުނު ފުރަތަމަ ފަހަރެވެ. ބަދަލުތަކެއް ގެނެސްގެން ވެސް އިތުރު ލަނޑެއް ޖަހައި މެޗުން މޮޅުވާން އީގަލްސް އިން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

އަސްހަދު (ކ) އާއި އީގަލްސްގެ ޑިފެންޑަރު ހެލްމެޓް.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

އަސްހަދު (ކ) އާއި އީގަލްސްގެ ޑިފެންޑަރު ހެލްމެޓް.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

މި މެޗުން ލިބުނު ޕޮއިންޓާ އެކު އީގަލްސް ލީގުގެ ފަސް ވަނައިގައި އޮތީ 10 މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. މިއަދުގެ މެޗާ ބެހޭގޮތުން އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ މެޗަށް ނުކުތީ ތިން ޕޮއިންޓް ހޯދުމަށް ކަމަށާއި އެކަން ނުވުމުން ހިތްހަމަޖެހެއޭ ނުބުނެވޭނެ ކަމަށެވެ. އެކަމަކު އީގަލްސް އިން ހިތްވަރުކޮށްގެން ދެއްކި ކުޅުން ބަލައިގަންނަ ކަމަށާއި އޭގެއިން ޕޮޒިޓިވް ކަންތައްތަކެއް ފެނުނުކަން ޝާޒް ފާހަގަކުރި އެވެ.

ޝާޒް ވަނީ މިއަދުގެ މެޗުގެ އޮފިޝަލުންގެ ބައެއް ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެ ގޮތުން އެއް ކަމަކަށް ފާހަގަކުރީ މެޗުގެ ފަހު ވަގުތު ކޯނަރެއްގައި އެ ޓީމުގެ ފޯވާޑް ކޮރްމިޝިންގެ ޓައިޓްގެ މައްސަލައެއް ޖެހިގެން އޭނާ އެ ބަދަލުކުރަން ދަނޑުން ފޮނުވައި ފަހުން ބަދަލުކޮށްގެން އައިސް ރެފްރީގެ ހުއްދަ ނުހޯދައި ދަނޑަށް އެރުމުން އޭނާ އަށް ރީނދޫ ކާޑު ދެއްކިއިރު، އެ ކަންތައް ދިޔަ ގޮތަށް ބަލާއިރު އެ އަށް ވުރެން އިންސާފުވެރިކޮށް އެ ކަންތައް ކުރެވެން ޖެހޭނެ ކަމަށް ޝާޒް ބުންޏެވެ.

"ފުޓްބޯޅަ ކުޅޭއިރު ވިސްނަން ޖެހޭނެ ހުރިހާ އެއްޗެއް ޗެކްކޮށްގެން މި އަރަނީ ދަނޑަށް. އަރާއިރުގައި ދަށުން ލާފައި ހުންނަ ޓައިޓަކީ އޭގެ ޒާތުގައި ވެސް އެ ދޫވުމާއި އެ ކަންކަން ވެސް އަންނާނެ ވަރަށް ފިނި ދުވަހެއްގައި މި ކުޅެނީ. ވާރޭވެސް ވެހިފައި މި އޮންނަނީ. އެހެންވީމަ 80 ވަަނަ މިނިޓްގައި ޓައިޓް ތިރިން ފެންނަން އިނދެގެން ކޯނަރެއްގައި އެޓޭކަރެއް ބާލާއިރުގައި ބާލާފައި އޭނަ އަކީ އިނގިރޭސި އިނގޭ ޕްލޭޔަރެއް ވެސް ނޫން. ރީތިކޮށް އެނގޭނެ. އޭނަ ދަނޑަށް އަރާއިރުގައި ކައިރީގައި އެސިސްޓަންޓް ރެފްރީ ހުންނައިރުގައި އޭނަ ވެސް ބުނެނުލައި ދޫކޮށްލައިފައި ދެން އޭނަ ދަނޑަށް އެރީމަ ގެނެސް ޔެލޯ (ރީނދޫ ކާޑެއް) އެއް ދެއްކީމަ މިހާރު ދެ ވަނަ ޔެލޯ ހަމަވީ (އަނެއް މެޗަށް ސަސްޕެންޑްވީ). މިއީ ފައުލެއް ކޮށްގެން ނޫން. މިއީ ކޮމަން ސެންސް. ޓައިޓް ތިރިވީމަ މައްޗަށް ޖައްސަންވާނެ އެއީ ރަނގަޅުވާހަކައެއް. އެހެންނަމަވެސް މެޗެއްގެ 80 ވަނަ މިނިޓްގައި (އެގޮތަށް ދަނޑުން ފޮނުވާލައިގެން) ތޯ އެކަން ކުރާނީ އެއީ ސުވާލަކީ،" ޝާޒް ބުންޏެެވެ.

ޝާޒް ބުނީ އާންމުކޮށް މެޗު އޮފިޝަލުންގެ ވާހަކަ ނޫސްވެރިންގެ ބައްދަލުވުމުގައި ދައްކަން ބޭނުމެއް ވެސް ނުވާ ކަމަށާއި އެކަމަކު މި ވާހަކަ ދައްކަން ބޭނުންވީ ކުރިއަށް އޮތްތަނުގައި ކަންކަން ރަނގަޅުކުރަން ބޭނުންވާތީ ކަމަށެވެ.

ދަ ގްރާންޑޭ އިން މިއަދުގެ ކުރިން އެންމެ ފަހުން މެޗެއް ކުޅުނީ މިދިޔަ މަހު ދެ ވަނަ ދުވަހު އެވެ. މިއަދުގެ މެޗުން ލިބުނު ޕޮއިންޓާ އެކު ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ހިތްހަމަޖެހޭ އެއް ސަަބަބަކީ އެހާ ގިނަ ދުވަސްތަކެއް ފަހުން މެޗަކަށް ނުކުތްއިރު، ޓީމަށް އެންމެ އެކަށޭނެ މިންވަރަށް ތައްޔާރުނުވެވި އެކުގައި މާ ގިނަ ޕްރެކްޓިސްތަކެއް ވެސް ނުކުރެވި އީގަލްސް ކަހަލަ ޓީމެއް ކައިރީގައި މި ނަތީޖާ ނެރެވުމެވެ.

"މުޅި މި މެޗަށް ބަލައިފިކަމަށްވާނަަމަ އަޅުގަނޑުމެންނަށް އަދި އިތުރު އެއްޗެއް މި މެޗުން ވެސް ހޯދުނީސް. އެކަމަކު ރަނގަޅަށް ޕްރެކްޓިސްތައް ނުބޭއްވި އެޓެންޑެންސް ވެސް ރަނގަޅަށް ނެތި ޓީމުގެ ކޮންޑިޝަން އާއި މި ވަގުތު ހާލަތު ހުރި ގޮތަށް ބަލާއިރު މި ނަތީޖާ ގޯހެއް ނޫން. މި މެޗުގެ ދެ ވަނަ ހާފްގައި އެ ފެނުނު މޯޓިވޭޝަނާއި ކަންތައްތަކަށް ބަލާއިރު ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅު ނަތީޖާއެއް ނެރުމުގެ އުއްމީދު އެބައޮތް،" އިންމަ ބުންޏެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަޔާ ބުނީ ދަ ގްރާންޑޭ ރަނގަޅު ލެވަލެއްގައި ކުޅެން މަދުވަނީ އެކުގައި ޕްރެކްޓިސް ކުރެވޭ އަދަދު ކަމަށާއި އީގަލްސް ކަހަލަ ޓީމަކާ ބަލާއިރު މި މެޗުގެ ނަތީޖާ ރަނގަޅު ކަމަށެވެ.