Roadha Mihaaru
އިންތިގާލީ އިންސާފު ތަންފީޒު ކުރާނީ ޕީޕީއެމުން: ޖަމީލް

އިންތިގާލީ އިންސާފުގެ ގާނޫނު ރަނގަޅަށް ތަންފީޒު ކުރާނީ ޕީޕީއެމުން: ޑރ. ޖަމީލް

27 ޑިސެމްބަރ 2020

އަނިޔާ ލިބިފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހުން ދާދި ފަހުން ފާސްކުރި އިންތިގާލީ އިންސާފުގެ ގާނޫނު ރަނގަޅަށް ތަންފީޒު ކުރާނީ ޕީޕީއެމްގެ ސަރުކާރެއްގައި ކަމަށް ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލު ރޭ ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އިދިކޮޅު ޕީޕީއެމް/ޕީއެންސީން މާލޭގެ ކާނިވާ ސަރަހައްދުގައި ބޭއްވި "ވިސްނާ" ޖަލްސާގައި ޑރ. ޖަމީލު ވިދާޅުވީ މި ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީން އެންމެ ފަހުން ފާސްކުރި އިންތިގާލީ އިންސާފުގެ ގާނޫނަކީ އެ ޕާޓީގެ އަމިއްލަ ކަރަށް މަހައިލި މަޅިއެއް ކަމަށެވެ. އެ ގާނޫނުގެ ދަށުން ފުރަތަމަ ބަލަން ޖެހޭނީ އެމްޑީޕީގެ ސަރުކާރުން މީހުންނަށް ދީފައިވާ އަނިޔާތައް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ ބަލަން ޖެހޭނީ ސުޕްރީމް ކޯޓުގައި ތަޅު އެޅުވި މައްސަލަ، އަބްދުﷲ ގާޒީ ވަގަށް ނެގި މައްސަލަ، ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރި މައްސަލަ، ގާސިމް އިބްރާހިމް ހައްޔަރު ކުރި މައްސަލަ، ހުދު އަޅުގަނޑު ހައްޔަރު ކުރި މައްސަލަ އަދި މުލިއާގޭ ތެރޭގައި ހޯރަ އިއްބެ އާއި އޭނާގެ އެހެން ރައްޓެހިން ދިރިއުޅުނު މައްސަލަ،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. ޖަމީލް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން ރޭ މާލޭގައި ބޭއްވި ޖަލްސާގެ ތެރެއިން.---ފޮޓޯ: ނިޝާން އަލީ/މިހާރު

އިދިކޮޅު ކޯލިޝަނުން ރޭ މާލޭގައި ބޭއްވި ޖަލްސާގެ ތެރެއިން.---ފޮޓޯ: ނިޝާން އަލީ/މިހާރު

އިންތިގާލީ އިންސާފުގެ ގާނޫނު ޕީޕީއެމްގެ ސަރުކާރެއްގައި ފުރިހަމަ އަށް ތަންފީޒު ކުރުމުން ނޮވެމްބަރު 3، 1988 ގައި ޝަހީދުވި މީހުންގެ އާއިލާތަކަށް އިންސާފު ލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ޑރ. ޖަމީލް ވިދާޅުވިގޮތުގައި، އެ ގާނޫނު ރަނގަޅަށް ތަންފީޒު ވެއްޖެ ނަމަ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 1،000 އަހަރަށް ޖަލަށް ލާން ޖެހޭނެ އެވެ.

"ހިތާމައާއެކީގައި ދަންނަވާލަން ބޭނުންވޭ އިންތިގާލީ އިންސާފުގެ ބިލު ރަނގަޅަށް ތަންފީޒު ވެއްޖެ ނަމަ ރައީސް ނަޝީދު އެއްވެސް ޝައްކެއް ނެތް ގޮތުގައި 1،000 އަހަރު ޖަލުގައި ހުންނަވާނެ،" ޑރ. ޖަމީލު ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން ރޭ މާލޭގައި ބޭއްވި ޖަލްސާގެ ތެރެއިން.---ފޮޓޯ: ނިޝާން އަލީ/މިހާރު

އިދިކޮޅު ކޯލިޝަނުން ރޭ މާލޭގައި ބޭއްވި ޖަލްސާގެ ތެރެއިން.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެ މަނިކުފާނު ވިދާޅުވީ، އެމްޑީޕީން މި ހުރިހާ ދުވަހަކު ޝަކުވާ ކުރީ ހުރިހާ ބާރަކާއި އަޣުލަބިއްޔަތު ނުލިބޭތީ ކަމަށެވެ. ނަމަވެސް މިއަދު އެ ބާރުތަކާއި އަޣުލަބިއްޔަތު ލިބުމުން ރާއްޖޭގެ ހާލަތު އިތުރަށް ދަށްވެ، އިންސާފުގެ ދޮރު ކިލަނބު ވެފައިވާ ކަމަށް ވިދާޅުވި އެވެ.

އޭގެ ނަތީޖާ އަކީ ޑރ. ޖަމީލް ވިދާޅުވިގޮތުގައި، އިދިކޮޅު ފަރާތްތަކަށް ވެސް އެއްވެސް ރައްޔިތަކަށް ވެސް މިއަދު އިންސާފު ނުލިބުމެވެ.