Roadha Mihaaru
ވަހީދާއި ޖަމީލް، ކެމްޕެއިނަށް ގޭގެ އާއި މާރުކޭޓަށް

ކުރީގެ ރައީސް ވަހީދާއި ކުރީގެ ނައިބު ރައީސް ޖަމީލް ކެމްޕެއިނަށް ގޭގެ އާއި ލޯކަލް މާރުކޭޓަށް

04 އެޕްރީލް 2021

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓު ހޯއްދެވުމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މާލޭގައި މިއަދު "ދޮރުންދޮރަށް" ހިންގަވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓު ހޯއްދެވުމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މާލޭގައި މިއަދު "ދޮރުންދޮރަށް" ހިންގަވައިފި އެވެ.

އިދިކޮޅު ޕީޕީއެމްގެ އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވި ވަހީދާއި ޖަމީލްގެ އަރިހުގައި، މި އިންތިޚާބުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުންނާއި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް ބައެއް ވެރިން ވެސް ބައިވެރިވެވަޑައިގަތެވެ،

މިއަދު ހަވީރު 4:00 އިން ފެށިގެން ކުރިއަށް ގެންދިޔަ ހަރަކާތުގައި މާލޭގެ އެކި ގޭގޭގެ އިތުރުން ލޯކަލް މާރުކޭޓަށް ވެސް އެ ބޭފުޅުން ވަޑައިގެން ކެމްޕެއިން ކުރެއްވި އެވެ.

މިއީ ކުރީގެ ރައީސް ވަހީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޖަމީލް، މި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މިހާ ފޯރި އާއި ޖޯޝްގައި ގޭގެ އަށް ވަޑައިގެން ކެމްޕެއިން ކުރެއްވި ފުރަތަމަ ފަހަރެވެ.

އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު "މިހާރު" އަށް ވިދާޅުވީ ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނާ އެކު ޕީޕީއެމް ލީޑަޝިޕުން ބޭއްވި ހަރަކާތުގައި މާލޭގެ ގިނަ ރައްޔިތުންނާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

"ކެނޑިޑޭޓުންނަށް ތަރުހީބު ހޯދުމަށް މިއަދު ބޭއްވި ހަރަކާތުގައި މަގުމަތިން ވެސް ގިނަ ސަޕޯޓަރުން ބައިވެރިވި. ލީޑަޝިޕުން ގިނަ ފަރާތްތަކާ މަގުމަތިން ބައްދަލުކޮށް، ގޭގެއަށް ޒިޔާރަތް ކުރި،" ހީނާ ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބަށް ބާކީ އޮތީ ހަ ދުވަހެވެ.