Roadha Mihaaru
540،000 ޓޫރިސްޓުން ގެނައުމުގެ ޓާގެޓް ހާސިލްވެއްޖެ

މިއަހަރު 540،000 ޓޫރިސްޓުން ގެނައުމުގެ ޓާގެޓް ހާސިލްވެއްޖެ

28 ޑިސެމްބަރ 2020

މި އަހަރު ނިމުމުގެ ކުރިން ރާއްޖެއަށް 540،000 ޓޫރިސްޓުން ގެނައުމުގެ ޓާގެޓް އަހަރު ނިމެން 10 ދުވަހަށް ވެފައިވަނިކޮށް ހާސިލްވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރު ނިމުމުގެ ކުރިން ރާއްޖެއަށް 540،000 ޓޫރިސްޓުން ގެނައުމުގެ ޓާގެޓް އަހަރު ނިމެން 10 ދުވަހަށް ވެފައިވަނިކޮށް ހާސިލްވެއްޖެ އެވެ.

މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިހާރު ވަނީ 542،000 އަށް އަރައިފަ އެވެ.

އިއްޔެއަކީ ކޮވިޑް-19 ފެތުރޭތީ ބޯޑަރު ބަންދުކޮށް ޓޫރިޒަމް ހުއްޓުމަކަށް ގެނައުމަށް ފަހު އަލުން ބޯޑަރު ހުޅުވައިލި ފަހުން އެއާޕޯޓަށް އެންމެ ބިޒީ ދުވަހެވެ. އިއްޔެ ވެސް 6،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުގައި ބޯޑަރު ހުޅުވައިލި ފަހުން އިއްޔެގެ ނިޔަލަށް 159،000 ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެ އެވެ.

ކޮވިޑްގެ ސަބަބުން ބޯޑަރު ބަންދުކުރިތާ ހަތަރު މަސް ފަހުން ޖުލައި މަހު ބޯޑަރު ހުޅުވާލައި ސަރުކާރުގެ އަމާޒަކަށްވީ އަހަރު ނިމުމުގެ ކުރިން 500،000 ޓޫރިސްޓުން ގެނައުމެވެ. އެ އަދަދު މި މަހުގެ 17 ވަނަ ދުވަހު ވަނީ ހަމަވެފަ އެވެ.

ކްރިސްމަސް އާއި އާ އަހަރަކީ އާންމު ގޮތެއްގައި ވެސް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ދުވަސްވަރެވެ. މިއަހަރު ވެސް މިއީ އެންމެ ގިނައިން ޓޫރިސްޓުން އަންނަ ދުވަސްވަރެވެ.

މިވަގުތު 510 ފެސިލިޓީއަކުން ޓޫރިސްޓުންނަށް އަންނަނީ ހިދުމަތް ދެމުންނެވެ. އޭގެތެރޭގައި 140 ރިސޯޓާއި 229 ގެސްޓް ހައުސްއެއް ހިމެނެ އެވެ. މިއަހަރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ރަޝިޔާއިންނެވެ. އެ ގައުމުން 46،000 ޓޫރިސްޓުން އައިސްފައިވެ އެވެ. މީގެ އިތުރުން ދެން އެންމެ ގިނައިން ޓޫރިސްޓުން އައީ އިޓަލީ އާއި އިންޑިއާ އިންނެވެ.

ރާއްޖެއަށް ޓޫރިސްޓުން އަންނަ ގައުމުތަކަށް ކޮވިޑްގެ ސަބަބުން ބޮޑު ބަދަލެއް އައިސްފައިވެ އެވެ. ކޮވިޑްގެ ކުރިން އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމު ކަމުގައިވާ ޗައިނާ އިން މިވަގުތު ޓޫރިސްޓުންނެއް ނާދެ އެވެ. ސަބަބަކީ އެ ގައުމުން އަދިވެސް އެހެން ގައުމުތަކަށް ދަތުރުކުރަން ނުފަށާތީ އެވެ.

މިދުވަސްވަރު ރަޝިއާގެ އިތުރުން ޔޫކްރެއިނާއި ކަޒަގިސްތާނާއި މިސްރާއި އެމެރިކާ ފަދަ ގައުމުތަކުން ވެސް އަންނަ ޓޫރިސްޓުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު 1.5 މިލިއަން ޓޫރިސްޓުން ގެނައުމެވެ. މިއީ މިދިޔަ އަހަރު ވެސް ރާއްޖެއަށް ޓޫރިސްޓުން އައި އަދަދެވެ. މިއަހަރު ކޮވިޑްގެ. ސަބަބުން މުޅި ދުނިޔޭގެ ޓޫރިޒަމަށް ބޮޑު ހުއްޓުމެއް އައެވެ. ނަމަވެސް ރާއްޖެ އަކީ އެންމެ އަވަހަށް ބޯޑަރު ހުޅުވައި ޓޫރިޒަމް އަލުން ފަށައިގަތް އެއް ގައުމެވެ. ރާއްޖޭގެ ޓޫރިޒަމް އަނެއްކާ ވެސް ރަނގަޅުވާން ފެށުމަކީ އަންނަ އަހަރަށް އޮތް އަމާޒު ހާސިލުވާނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެފައިވެ އެވެ.