Roadha Mihaaru

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާ ވެސް އިތުރުކޮށްފި

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މިދިޔަ މާޗު މަހު ސަރުކާރުން އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާ ވެސް އިތުރުކޮށްފި އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކޮށްފި
ލަމްޔާ އަބްދުﷲ
ލަމްޔާ އަބްދުﷲ

04 ޖެނުއަރީ 2021

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މިދިޔަ މާޗު މަހު ސަރުކާރުން އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާ ވެސް އިތުރުކޮށްފި އެވެ.

މިއީ މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހު އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރި 10 ވަނަ ފަހަރެވެ. މި ފަހަރު ވެސް އިތުރު 30 ދުވަހާ އެކު އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމައަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ ދަމަހައްޓައިފަ އެވެ.

ހެލްތު މިނިސްޓްރީން ބުނީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރަން ނިންމީ ފުޅާ ދާއިރާއެއްގައި މި ބަލި ރާއްޖޭގައި ފެތުރުމުގެ ފުރުސަތު އަދިވެސް އޮތް ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރެއްވޭތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

ނަމަވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވާން ފެށުމުން ސަރުކާރުން ވަނީ ކޮވިޑުން ރައްކާތެރިވާން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދޭން ފަށައިފަ އެވެ. އެކަމަކު މި މުއްދަތު އިތުރުކުރުމުން އަންނަ އޭޕްރިލް މަހު ލޯކަލް ކައުންސިލް އިންތިހާބެއް ނުބޭއްވޭނެ އެވެ. އެއީ ސިއްހީ ކުއްލި ނުރައްކާ އޮއްވައި އިންތިހާބު ބޭއްވުން ގާނޫނުން މަނާކުރާތީ އެވެ.

މިހާތަނަށް ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވްވެފައި ވަނީ 13،867 މީހުންނެވެ. މި ބަލި ޖެހިގެން 48 މީހަކު މަރުވެފައި ވެ އެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 96 ޕަސެންޓް މީހުން ވަނީ ރަނގަޅުވެފަ އެވެ.