Roadha Mihaaru
އީގަލްސް ބަލިކޮށް ވެލެންސިއާ އެއް ވަނަ އަށް

އީގަލްސް ބަލިކޮށް ވެލެންސިއާ އެއް ވަނަ އަށް

04 ޖެނުއަރީ 2021

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް އީގަލްސް އަތުން 2-0 އިން މޮޅުވެ ކްލަބް ވެލެންސިއާ އިން ޕޮއިންޓް ޓޭބަލްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް އީގަލްސް އަތުން 2-0 އިން މޮޅުވެ ކްލަބް ވެލެންސިއާ އިން ޕޮއިންޓް ޓޭބަލްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގެ އެއް ވަނައިގައި ކުރިން އޮތް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ރޭ ކުޅުނު މެޗުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ 2-2 އިން އެއްވަރުވުމުން މިއަދު މޮޅުވެގެން ވެލެންސިއާ އަށް އެއް ވަނައިގައި ލީޑެއް ނެގުމުގެ ފުރުސަތު އޮތުމުން އެ ޓީމުން މި ވަނީ އޭގެ ބޭނުން ރަނގަޅަށް ހިފައިފަ އެވެ. ވެލެންސިއާ އެއް ވަނައިގައި ހަތަރު މެޗުން 10 ޕޮއިންޓާ އެކު އޮތްއިރު، ދެ ވަނައިގައި އޮތް މާޒިޔާ އަށް ހަތަރު މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ.

އީގަލްސް އިން މި މެޗަށް ނުކުތީ ފުރަތަމަ އެގާރަ އަށް ހަތަރު ބަދަލެއް ގެނެސްގެންނެވެ. އެ ޓީމުން ފުރަތަމަ 10 ވަރަކަށް މިނިޓް ތެރޭގައި ޕްރެސްކޮށްގެން ވެލެންސިއާ ފަހަތަށް ބާރުބޮޑުކޮށްލި އެވެ. އެކަމަކު ވެލެންސިއާ އިން ފުރަތަމަ ތަނަވަސްކުރި ފުރުސަތުގައި ހޯދި ޕެނަލްޓީން ވަނީ ލީޑުނަގައިފަ އެވެ. މެޗުގެ 15 ވަނަ މިނިޓްގައި ޕެނަލްޓީ ކާމިޔާބުކުރީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. މިއީ މިދިޔަ ސީޒަނުގައި އީގަލްސް އަށް ކުޅުނު އަލީ ފާސިރު (ސެންޓޭ) އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ފުރަތަމަ ހާފުގައި އީގަލްސް އިން ވަނީ ތިން ބަދަލުވެސް ކޮށްފަ އެވެ. އެގޮތުން ފުރަތަމަ ބަދަލެއްގެ ގޮތުގައި މެދުތެެރެއަށް ކުޅެމުންދިޔަ ހުސެއިން އަހުސާމްގެ ބަދަލުގައި އިމްރާން ނަޝީދު (އިންމަ) އެރުވިއިރު، ދެން ކުރި ދެ ބަދަލަކީ ވެސް އަނިޔާގެ ސަބަބުން ގެންނަން ޖެހުނު ބަދަލުތަކެކެވެ. ފަހަތަށް ކުޅޭ ހިޝާމް ސަލީމް (ކޮކީ)ގެ ބަދަލުގައި އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ) ކުޅެން އެރުވިއިރު، އަހުމަދު ރިޒްވާން (ރިޒޭ) ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން ބިދޭސީ ފޯވާޑް މުހައްމަދު އުސާމާ އެރި އެވެ. މި ސީޒަނުގައި ކަކުލަށް ލިބުނު އަނިޔާއަކާ ހެދި ރިޒޭ އަށް ލީގުގެ ފުރަތަމަ ދެ މެޗު ގެއްލުނުއިރު، އޭނާ މިއަދު ލިބުނު އަނިޔާއާ ގުޅިގެން ބާލަން ޖެހުނީ އަށިގަނޑުގަ އެވެ.

ވެލެންސިއާގެ މިދުހަތު ކައިރިން އީގަލްސްގެ ކުރޯ ބޯޅަހިފައިގެންދަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ވެލެންސިއާގެ މިދުހަތު ކައިރިން އީގަލްސްގެ ކުރޯ ބޯޅަހިފައިގެންދަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ލީޑުފުޅާކުރަން ވެލެންސިއާގެ ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) އާއި ސެންޓޭ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނުއިރު، އީގަލްސްގެ ހައިޝަމް ހަސަން ނެގި ހުރަހެއްގައި އެ ޓީމުގެ ޒައިން ޒަފަރު ޖެހި ބޯޅައިގައި ބާރެއް ނެތުމުން ވެލެންސިއާގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ވަނީ ފަސޭހައިން އެ ބޯޅަ އަތަށް ނަގައިފަ އެވެ.

މެޗުގެ 64 ވަނަ މިނިޓްގައި އީގަލްސްގެ ޔަމަން މިޑްފީލްޑަރު އޮސާމާ އަންބާރު ދިން ބޯޅައެއް އޭރިއާ ތެރެއިން އެ ޓީމުގެ މުހައްމަދަށް އެންމެ ރަނގަޅަށް ފޮނުވައެއްނުލެވުނެވެ. އޭގެ ހަތަރު މިނިޓް ފަހުން އީގަލްސްގެ އިންމަ އަތުން ފަހަތުން ގެއްލުނު ބޯޅައެއް ހޯދައި ދަގަނޑޭ ހަމަލާއެއް އުފެއްދޭތޯ މަސައްކަތްކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ. ފަހުން ދަގަނޑޭ ހުސްކޮށްލާފައި ސެންޓޭ އަށް ދިން ބޯޅައަކުން އޭނާ ޖެހި ޝޮޓް އީގަލްސްގެ މޮންޓެނެގްރޯ ކީޕަރު މިލާން ޔެލޮވަކް ވަނީ މަތަކޮށްފަ އެވެ.

ވެލެންސިއާ އިން ތިން ޕޮއިންޓް ކަށަވަރުކުރީ މެޗުގެ 85 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ސެންޓޭ ޖެހި ގޯލުންނެވެ. މިއީ ކީޕަރު މިލާން ވެލެންސިއާގެ ދަގަނޑޭ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އީގަލްސް އިން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ ދެ ވަނަ ރީނދޫ ކާޑާ އެކު މުހައްމަަދު ނާއިމަށް ރަތް ކާޑު ދެއްކުމުންނެވެ.

ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ މިއީ ވަރަށް އުނދަގޫ މެޗެއް ކަމަށާއި ދެ ޓީމުން ވެސް ކުޅުނީ ވަރަށް ބަލައިގެން އިދިކޮޅު ޓީމަށް ފުރުސަތެއް ނުދީ ކަމަށެވެ. ދެ ޕެނަލްޓީން މެޗުގެ ނަތީޖާ ކަނޑައެޅިގެންދިޔަ ނަމަވެސް ލަނޑު ޖަހާނެ ފުރުސަތުތައް ވެލެންސިއާ އިން ތަނަވަސްކުރިކަން އާތީ ފާހަގަކުރި އެވެ.

"ވަރަށް 50-50 މެޗެއް މިދިޔައީ. ކޮންމެ ގޮތެއް ވިޔަސް މި ކުޅެނީ ރިޒަލްޓަށް ދެން ލަކީ އޭ ވެސް ބުނެވިދާނެ. އަނެއް ގޮތުން ދަންނަވަންޏާ މިއަދު ގިނަ ޗާންސްތަކެއް ކްރިއޭޓްކުރި ވެލެންސިއާ ކަންނޭނގެ. އެ ކްރިއޭޓްކުރި ޗާންސެއްގެ ތެރެއިން ކަންނޭނގެ ޕެނަލްޓީއެއް ވެސް އެ ލިބުނީ. ކޮންމެ ގޮތެއްވިޔަސް އޯކޭ އަޅުގަނޑުމެން މަސައްކަތްކުރަނީ މޮޅުވާން،" އާތީ ބުންޏެވެ.

އީގަލްސްގެ ނާއިމް (ކ) އާއި ނޫމާން (ވ) ކައިރިން ވެލެންސިއާގެ ސުފިޔާން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

އީގަލްސްގެ ނާއިމް (ކ) އާއި ނޫމާން (ވ) ކައިރިން ވެލެންސިއާގެ ސުފިޔާން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

މި މެޗުން ބަލިވުމާ އެކު އީގަލްސް އަށް ވަނީ މި ފަހަރު ސީޒަނުގައި މޮޅެއް ނުލިބި ހަތަރު ވަނަ މެޗެއް ނިންމާލަން ޖެހިފަ އެވެ. އީގަލްސް އަށް ހަތަރު މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ. މި ސީޒަނުގައި މިހާތަނަށް ތިން މެޗުން ބަލިވެފައިވާއިރު، އެ ޓީމުން މިދިޔަ ސީޒަނުގައި ލީގުގެ ދެ ވަނަ ހޯދިއިރު 21 މެޗުގެ ތެރެއިން ބަލިވީ ދެ މެޗުންނެވެ.

އެފްއޭއެމްއާ އެކު ކްލަބްތަކުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތަކަށް ފަހު ރެފްރީންގެ ނިންމުންތަކަށް ކޯޗުންނަށް ފާޑުނުކިޔޭނެ ކަމަށް އެ އެސޯސިއޭޝަނުން ބުނީ އިއްޔެ އެވެ. އެކަމަށް އިޝާރާތްކޮށް މިއަދުގެ މެޗަށް ފަހު އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ދައްކަން ބޭނުންވާ ވާހަކަ އޮތީ އިއްޔެ މަނާވެފައި ކަމަށާއި އެހެން ވާހަކަތައް އަލިއަޅުވާލައިގެން ވެސް ބޭނުންވާ ކަންކަމާ ބެހޭގޮތުން އެއްޗެއް ބުނެވެން ނެތް ކަމަށެވެ.

"ފުރަަތަމަ ވެސް ވެލެންސިއާ އަށް މަރުހަބާ ދަންނަވަން. ވެލެންސިއާގެ ކާމިޔާބީ އަށް. ދެން މިއަދު ދައްކަން ޖެހޭ ވާހަކަ އެ އޮތީ އިއްޔެގައި މަނާކޮށްފައި މިއަދު ވެލެންސިއާއާ ކުޅެންވާއިރަށް. އެހެންވީމަކާ ދައްކަން އޮތް އެންމެ މުހިއްމު ވާހަކަ ނެތް ދެއްކެން ވަރަށް ބޮޑަށް މާފުކުރައްވާތި،" މޯހަން ބުންޏެވެ.

އޭނާ ބުނީ އަނިޔާގެ ސަބަބުން ވަރަށް ކުރަން ޖެހުނު ބަދަލުތަކަކީ ހަގީގަތުގައި ބޭނުންވި ބަދަލުތަކެއް ނޫން ކަމަށެވެ. އަނިޔާގެ މައްސަަލައާ ހުރެ މެޗު ދިޔައީ ވަރަށް ނަސީބު ދެރަކޮށް ކަމަށާއި މި މެޗުގަައި އަނިޔާވި ރިޒޭ ލައްވައި ކުޅުވީ ޑޮކްޓަރުގެ ހުއްދަ ހޯދައިގެން އަދި ރިޒޭ ވެސް ބޭނުންވެގެން ކަމަށާއި އެކަން ވެސް ދިޔައީ ނަސީބު ދެރަކޮށް ކަމަށެވެ.