Roadha Mihaaru
ސޯނޫ ސޫދުގެ މައްސަލައެއް ޕޮލިހަށް

ސޯނޫ ސޫދުގެ މައްސަލައެއް ޕޮލިހަށް

09 ޖެނުއަރީ 2021

ދިރިއުޅެން ހަދާފައި ހުރި އިމާރާތެއް ހުއްދަ ނެތި ހޮޓަލަކަށް ބަދަލުކުރި މައްސަލައެއްގައި އިންޑިިއާގެ އެކްޓަރު ސޯނޫ ސޫދުގެ މައްސަލައެއް ބްރިހަމްމުމްބާއީ މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ) އިން ފުލުހުންނަށް ހުށަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދިރިއުޅެން ހަދާފައި ހުރި އިމާރާތެއް ހުއްދަ ނެތި ހޮޓަލަކަށް ބަދަލުކުރި މައްސަލައެއްގައި އިންޑިިއާގެ އެކްޓަރު ސޯނޫ ސޫދުގެ މައްސަލައެއް ބްރިހަމްމުމްބާއީ މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ) އިން ފުލުހުންނަށް ހުށަޅައިފި އެވެ.

މީޑިއާތަކުން ބުނީ މުމްބާއީގެ ޖުހޫގައި ހަ ބުރިއަށް ހަދާފައިވާ "ޝަކްތީ ސާގަރް" ކިޔާ އިމާރާތް މިދިޔަ އަހަރު ކޮވިޑް-19 އާ ދެކޮޅަށް ފްރަންޓް ލައިންގައި މަސައްކަތްކުރާ މީހުންނަށް ތިބެވޭ ހޮޓަލަކަށް ސޯނޫ ބަދަލުކުރީ އެކަމާ ގުޅޭ ގޮތުން ރަސްމީ އިދާރާތަކުން ނަގަން ޖެހޭ އެއްވެސް ހުއްދައެއް ނުނަގަ އެވެ. ދިރިއުޅެން ހަދާފައިވާ އިމާރާތަކަށް އެހެން ކަމަކަށް ހާއްސަކުރާ ނަމަ އެކަމުގެ ހުއްދަ މަހާރަޝްތުރާ ރީޖަން އެންޑް ޓައުން ޕްލޭނިން ގާނޫނުގެ ދަށުން ހުއްދަ ނަގަން ޖެހެ އެވެ

ނަމަވެސް ބީއެމްސީން ސޯނޫގެ މައްސަލަ ޖުހޫ ފުލުހުންނަށް ހުށަހެޅީ ހުއްދަ ނުހޯދައި ރެޒިޑެންޝަލް އިމާރާތް ހޮޓަލަކަށް ބަދަލުކޮށްފައިވާތީ ކަމަށެވެ. އެކަމަކު މި މައްސަލާގައި ސޯނޫ ބުނީ އެކަން ކުރީ ބީއެމްސީގެ ހުއްދަ އޮވެގެން ކަމަށާއި ގާނޫނާއި ގަވައިދުތަކާ ފުށުއަރާ ގޮތަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

އޭނާ ބުނީ މި މައްސަލާގައި މިހާރު މަހާރަޝްތުރާ ކޯސްޓަލް ޒޯން މެނޭޖްމަންޓް އޮތޯރިޓީ (އެމްސީޒީއެމްއޭ) ގެ ކްލިއަރަންސް ހޯދަން ހުށަހަޅާފައި ވާނެ ކަމަށެވެ. އަދި އިމާރާތް ހޮޓަލަކަށް ބަދަލުކުރީ އުސޫލާ ހިލާފަށް ކަމަށް ނިންމައިފި ނަމަ ކުރިއެކޭ އެއްގޮތަށް ރެޒިޑެންޝަލް އިމާރާތަކަށް އެތަން ބަދަލުކުރާނެ ކަމަށް ބުންޏެވެ.

ސޯނޫ އަކީ މިދިޔަ އަހަރު ކޮވިޑްގެ ހާލަތު އިންޑިއާގައި އެންމެ ބޮޑަށް ގޯސްވެ، އާންމު ދިިރިއުޅުމަށް ބުރޫއެރި ދުވަސްވަރު އާންމުންނަށް އަމިއްލަ ގޮތުން އެތައް ގޮތަކުން އެހީވާން ފެށި އެކްޓަރެކެވެ. އަދިވެސް އޭނާ ހުރީ އެގޮތުގަ އެވެ. މިކަމާ ގުޅިގެން ސޯނޫ އަށް ފިލްމު ކުޅެގެން ނުލިބޭ ވަރުގެ ބޮޑު މަޝްހޫރުކަމަކާއި ލޯބި އާންމުންގެ ފަރާތުން ވަނީ ލިބެން ފަށައިފަ އެވެ.

ސޯނޫ އިންސާނިއްޔަތަށް ކުރަމުން އަންނަ ހިދުމަތްތަކުގެ އަގު އެތައް ގޮތަކަށް އަންނަނީ ފާހަގަ ވެސް ކުރަމުންނެވެ.