Roadha Mihaaru
ޓޫރިސްޓުންނަށް ކޮވިޑް ޖެހޭ ރޭޓް 1 ޕަސެންޓަށްވުރެ ދަށް

ޓޫރިސްޓުން ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް 1 ޕަސެންޓަށް ވުރެ ދަށުގައި

08 ޖެނުއަރީ 2021

ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވި ފަހުން އައި ޓޫރިސްޓުންގެ ތެރެއިން އެއް ޕަސެންޓު މީހުން ވެސް ކޮވިޑަޑް ޕޮޒިޓިވްވެފައި ނުވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވި ފަހުން އައި ޓޫރިސްޓުންގެ ތެރެއިން އެއް ޕަސެންޓު މީހުން ވެސް ކޮވިޑަޑް ޕޮޒިޓިވްވެފައި ނުވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖުލައި މަހު ރާއްޖޭގެ ބޯޑަރު ފުރަތަމަ ހުުޅުވި ފަހުން ރާއްޖެއަށް އައި ޓޫރިސްޓުން ކޮވިޑަށް ޕޮޒިޓިވްވި ނިސްބަތް ކޮންމެ މަހަކު ވެސް ހުރީ އެއް ޕަސެންޓަށް ވުރެ ދަށުގަ އެވެ.

ޖުލައި 15 އިން ފެށިގެން އެ މަހުގެ ނިޔަަލަށް އައި މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވީ 0.06 ޕަސެންޓް މީހުންނެވެ. ޖެހިގެން އައި ސެޕްޓެމްބަރުމަހު 0.36 ޕަސެންޓް، އޮކްޓޯބަރުމަހު 0.26 އަދި ނޮވެމްބަރު މަހު ޕޮޒިޓިވްވީ އައި ޓޫރިސްޓުންގެ ތެރެއިން 0.13 ޕަސެންޓެވެ. މިދިޔަ މަސް ނިމުނު އިރު އެ ނިސްބަތް ހުރީ 0.07 ޕަސެންޓްގަ އެވެ. އެ ހިސާބަށް ބަލާއިރު، ޖުލައި މަހުން ފެށިގެން 93،823 ޓޫރިސްޓުން އައިސްފައިވެ އެވެ.

ޓޫރިސްޓުންނަށް ރާއްޖެ އާދެވެނީ ކޮވިޑަށް ޓެސްޓުކޮށް ނެގެޓިވް ނަތީޖާއަކާ އެކުގަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް މިހެން ހުރި ނަމަވެސް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި މީޑިއާ ބްރީފިން ގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ މެމްބަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ރިސޯޓްތަކުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ރިސޯޓުތަކުން ކުރިން އާއްމުކޮށް ޕޮޒިޓިވް ވަނީ 50-60 މީހުން ނަމަވެސް، މިހާރު އެ އަދަދު 108 އަށް އަރާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 69 ޓޫރިސްޓުންނާއި 39 މުވައްޒަފުންނެވެ.

އޭނާ މިހެން ވިދާޅުވީ ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު އިތުރުވަމުން އައި ނިސްބަތަށް ރިއާޔަތް ނުކުރައްވަ އެވެ. ބޯޑަރު ފުރަތަމަ ހުޅުވައިލުމުން އައީ ނިސްބަތުން ވަރަށް މަދު ޓޫރިސްޓުންނެވެ. ޓޫރިސްޓް އެެރައިވަލްސް އިތުރުވަމުން އައިސް މިދިޔަ މަސް ނިމުނު އިރު ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދުތައް ހުރީ ބަލިމަޑުކަމުގެ ކުރިން އަންނަ ވަރާ ދާދި އެއްވަރެއްގަ އެވެ.

ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވާން ފެށީ އޮކްޓޯބަރު މަހު އެވެ. އެ މަހު ޖުމްލަ 21،515 މީހުން އައެވެ. އެއީ ދުވާލަކަށް އެވްރެޖްކޮށް 698 މީހުންނެވެ. ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު 1،000 އިން މަތިވީ ނޮވެމްބަރުމަހު އެވެ. އެ މަހު ދުވާލަކު އެވްރެޖްކޮށް 1،119 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި އެވެ. އަދި ޖުމްލަ 35،759 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި އެވެ. ޑިސެމްބަރު މަހު 40،000 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި އެވެ.