Roadha Mihaaru
ޓްރަމްޕް ވަގުތުން އިސްތިއުފާ ދެއްވަން މަޖުބޫރުކުރަނީ

ޓްރަމްޕަށް އިންޒާރު: ވަގުތުން އިސްތިއުފާ ދެއްވާ، ނޫނީ އޮތީ އިމްޕީޗްކުރުން

09 ޖެނުއަރީ 2021

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ހިތްވަރާ އެކު ސަޕޯޓަރުން ކޮންގްރެސްގެ އިމާރާތަށް ގަދަކަމުން ވަދެ، ހަމަނުޖެހުން ހިންގައި، އަދި ފަސް މީހުން މަރުވުމާ އެކު، ރައީސް ކަމުން ވަގުތުން އިސްތިއުފާ ދެއްވަން، ޑިމޮކްރެޓިކް ޕާޓީން ގޮވާލައިފި އެވެ. ނޫނީ ދެން އޮތީ އަނެއްކާވެސް އިތުބާރު ނެތްކަމުގެ މައްސަލަ ކޮންގްރެސްއަށް ވެއްދުން ކަމަށް ވެސް، އެ ޕާޓީން ބުނެފި އެވެ.

މޫސާ ލަތީފް މޫސާ ލަތީފް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ހިތްވަރާ އެކު ސަޕޯޓަރުން ކޮންގްރެސްގެ އިމާރާތަށް ގަދަކަމުން ވަދެ، ހަމަނުޖެހުން ހިންގައި، އަދި ފަސް މީހުން މަރުވުމާ އެކު، ރައީސް ކަމުން ވަގުތުން އިސްތިއުފާ ދެއްވަން، ޑިމޮކްރެޓިކް ޕާޓީން ގޮވާލައިފި އެވެ. ނޫނީ ދެން އޮތީ އަނެއްކާވެސް އިތުބާރު ނެތްކަމުގެ މައްސަލަ ކޮންގްރެސްއަށް ވެއްދުން ކަމަށް ވެސް، އެ ޕާޓީން ބުނެފި އެވެ.

އެމެރިކާގެ މި ޒަމާނުގެ ތާރީހުގައި ވެސް ނުހިނގާ ވަރުގެ ބޮޑު ހަމަނުޖެހުމަކާއި ރައީސެއްގެ ފަރާތުން ފެނިފައިނުވާ އެ އަމަލުގެ ސަބަބުން، ޓްރަމްޕް ސަރުކާރުން އެތައް ބަޔަކު މިހާރު ގެންދަނީ ފުލުފުލުން އިސްތިއުފާ ދެއްވަމުންނެވެ. އަދި ރިޕަބްލިކަން ޕާޓީގެ ބައެއް ސެނެޓަރުންނާއި ހައުސް މެމްބަރުން ވެސް ރައީސްކަމުން އޭނާ ދުރުވަން، ހަރުކަށި އިބާރާތުން ގޮވާލައްވަމުން އެބަ ގެންދަވަ އެވެ.

ޓްރަމްޕްގެ ހަރުކަށި އަދި ދޮން މީހުންގެ "މަތިވެރިކަމަށް" ދައުވާކުރާ އެތައް ހާސް ބަޔަކު ވޮޝިންޓަނަށް ޖަމާވީ ނޮވެމްބަރު މަހު އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ޑިމޮކްރެޓިކް ޕާޓީގެ ޖޯން ބައިޑަންގެ ނަތީޖާ ކޮންގްރެސްއިން ރަސްމީކުރަން ބޭއްވި ޖަލްސާއާ ދިމާކޮށެވެ. ސެނެޓް (މަތިގެ) އަދި ހައުސް އޮފް ރެޕްރެޒެންޓެޓިވް (ދަށުގެ) ހިންގާ އިމާރާތް ދޮށަށް އެއްވީ، ވައިޓް ހައުސްގެ ބޭރުގައި ބޭއްވި އެއްވުމެއްގައި "އަހަރެމެންގެ ހިތްވަރު އެ މީހުންނަށް ދައްކާލަން ވާނެ" ކަމަށް ޓްރަމްޕް ވިދާޅުވުމުންނެވެ.

ޖެނުއަރީ 7، 2020ގެ ހަމަނުޖެހުމަށް މަގުފަހިކޮށް، ބޭއްވި އެއްވުމުގައި ޓްރަމްޕް ވާހަކަ ދައްކަވަނީ. --ފޮޓޯ:ގެޓީ އިމޭޖަސް

ޖެނުއަރީ 7، 2020ގެ ހަމަނުޖެހުމަށް މަގުފަހިކޮށް، ބޭއްވި އެއްވުމުގައި ޓްރަމްޕް ވާހަކަ ދައްކަވަނީ. --ފޮޓޯ:ގެޓީ އިމޭޖަސް

ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންގެ އިތުރުން ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުންނަށް ވެސް އެއީ އެމެރިކާގެ ރައީސަކު ކުރައްވައިގެން ވާނެ ކަމެއް ނޫނެވެ. އެއީ ރައީސްކަމުގެ ހުވަ އާއި ރައީސްކަމުގެ ބާރާ ވެސް ހިލާފުވެވަޑައިގަތުމުން ކަމަށް، އެ މެމްބަރުން ގަބޫލުކުރައްވަ އެވެ.

އެމެރިކާގެ ބާރުގަދަ މީޑިއާ އާއި ނުފޫޒު ގަދަ ނޫސްވެރިން ވެސް ގެންދަނީ ގައުމުގެ ޑިމޮކްރަސީ އާއި ގާނޫނު އަސާސީ ހިމާޔަތްކުރެވޭނީ މުސަގުބަލުގެ އެކަހަލަ ނުބައި ލީޑަރުންނަށް ފިލާވަޅަކަށް ވާނެ ފަދަ އަދަބެއް ޓްރަމްޕަށް ދީގެން ކަމަށް ގޮވާލަމުންނެވެ. އެހެންކަމުން ޖެނުއަރީ 20 ގައި ރަަސްމީކޮށް ވެރިކަމުން ވަކިވެވަޑައިގަތުމުގެ ކުރިން ވެސް، މަގާމުން ދުރުކުރުން ނުވަތަ އަމިއްލައަށް ބާރުތައް ދޫކުރެއްވުން ނޫން ގޮތެއް، ޓްރަމްޕަށް އޮވެގެން ނުވާނެ ކަމަށް ވެސް، މީޑިއާ އިން ބުނެ އެވެ.

އިމްޕީޗްމަންޓަށް ޑިމޮކްރެޓިކް ޕާޓީން ތައްޔާރު

ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމުގެ އިތުރުން ބައިޑަންގެ ޑިމޮކްރެޓިކް ޕާޓީން ވަނީ، ހައުސް އާއި ސެނެޓްގެ މެޖޯރިޓީ ވެސް ހޯދައިފަ އެވެ.

ކޮންގްރެސްގެ ރައީސް ނެންސީ ޕެލޯސީ ރޭ ޓްރަމްޕަށް ގޮވާލެއްވީ "ވަގުތުން އިސްތިއުފާ ދެއްވުމަށެ"ވެ.

"އަމިއްލަ އިހުތިޔާރުގައި ވަގުތުން ވައިޓް ހައިސް ދޫނުކުރައްވައިފި ނަމަ، ކޮންގްރެސް އިން ފިޔަވަޅު އެޅުމައިގެން ކުރިއަށް ދާނަމެވެ،" ހައުސްގެ ހުރިހާ މެމްބަރުންނަށް ފޮނުއްވި ސިޓީއެއްގައި، ޕެލޯސީ ލިއުއްވި އެވެ.

ސެނެޓްގައި އަލަސްކާ ތަމްސީލުކުރައްވާ ރިޕަބްލިކަން ޕާޓީގެ އަންހެން މެމްބަރު ލީސާ މަރްކަވޮސްކީ ވަނީ އޭނާގެ ކެރުން ދައްކަވާފަ އެވެ. އެގޮތުން ޓްރަމްޕަށް ގޮވާލެއްވީ ހަމައެކަނި "ވަގުތުން އިސްތިއުފާ ދެއްވަން" އެކަންޏެއް ނޫނެވެ. ޓްރަމްޕާ ހެދި ރިޕަބްލިކަން ޕާޓީ ދޫކުރައްވަން ވެސް ވިސްނަވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.

އެކަމަކު ޓްރަމްޕްގެ ގޮތްދޫނުކުރެއްވުން ހަމަ އެގޮތުގައި ކުރިއަށް ދާ ކަމަށް، ވައިޓް ހައުސްގެ ބައެއް މީހުން ބުނެ އެވެ. އިއްޔެ އޭނާ ވަނީ، ސަޕޯޓަރުންގެ ހަމަނުޖެހުން ކުށްވެރިކުރައްވައި، އަދި ޖެނުއަރީ 20 ގައި ސުލްހަވެރިކަމާ އެކު ވެރިކަން ދޫކުރައްވައި، އާ ސަރުކާރަށް ފުރުސަތު ދެއްވުމުގެ ކަންކަމައިގެން އުޅުއްވާނެ ކަމަށް، ޓްވިޓާ މެދުވެރިކޮށް ވީޑިއޯއެއްގައި ވިދާޅުވެފަ އެވެ. މިއީ އިންތިހާބުން ބަލިވެވަޑައިގަތުން ގަބޫލުކުރައްވާ ކަމަށް، އޭނާ ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.

އެކަމަކު ވައިޓް ހައުސްގެ އެތެރެއިން މިހާރު ލިބޭ މައުލޫމާތަކީ، އެ ވީޑިއޯ އަކީ ވެސް ހެއްދެވުނު ގޯހެއް ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ ކަމެވެ. އަދި ޖެނުއަރީ 20ގެ ކުރިން ރައީސްކަމުގެ ބާރުތައް ދޫނުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި ކަމަށް، ރިޔާސީ ގަނޑުވަރުގެ ބައެއް މީހުން މީޑިއާއަށް ބުނެފައިވެ އެވެ.

ޓްރަމްޕުގެ ސަޕޯޓަރުން ކޮންގްރެސްގެ އިމާރާތުގެ ކުޑަދޮރެއް ފަޅާލައިގެން ޗެމްބަރަށް ވަންނާތީ ސަލާމަތީ އޮފިސަރުން ހަތިޔާރު ހިފައިގެން. --ފޮޓޯ:ގެޓީ އިމޭޖަސް

ޓްރަމްޕުގެ ސަޕޯޓަރުން ކޮންގްރެސްގެ އިމާރާތުގެ ކުޑަދޮރެއް ފަޅާލައިގެން ޗެމްބަރަށް ވަންނާތީ ސަލާމަތީ އޮފިސަރުން ހަތިޔާރު ހިފައިގެން. --ފޮޓޯ:ގެޓީ އިމޭޖަސް

ހަމަނުޖެހުންތަކަށް މަގުފަހިވާ މެސެޖްތައް ދެއްވާތީ، ޓްވިޓާ އިން މިހާރު ވަނީ ޓްރަމްޕްގެ އެކައުންޓް ދާއިމީކޮށް ބަންދުކޮށްފަ އެވެ.

އިތުބާރު ނެތްކަމުގެ ވޯޓަށް ޓްރަމްޕާ ދެކޮޅަށް ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ވައްދަން އުޅެނީ އެންމެ ތުހުމަތެކެވެ. އެއީ "ސަރުކާރާ ދެކޮޅަށް ގަސްދުގައި ހަމަނުޖެހުން ހިންގި" މައްސަލަ އެވެ. އެ ތުހުމަތު ވައްދަން މިހާރު ވަނީ 170 މެމްބަރުން ސޮއިކުރައްވައިފަ އެވެ.

އެމެރިކާގައި "ސަރުކާރު" ކަމަށް ބަލަނީ، ވެރިކަން ހިންގުމުގެ ބާރާއި ރައްޔިތުންގެ މަޖިލިހާއި ޝަރުއީ ނިޒާމް އެއްކޮށްލައިގެންނެވެ.

ޓްރަމްޕް ރޭ ވިދާޅުވީ ބައިޑަން ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިނުގަންނަވާނެ ކަމަށެވެ. މިއީ މިދިއަ 150 އަހަރުގެ ތެރޭގައި، ވެރިކަމުން ފައިބައިވަޑައިގަންނަވާ ރައީސަކު، އާ ރައީސްގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިނުގަންނަވާ ފުރަތަމަ ފަހަރެވެ. އޭގެ ކުރިން އެފަދަ ކަމެއް ކުރެއްވީ އެންމެ ތިން ރައީސެކެވެ.

ކޮންގްރެސްގެ އިމާރާތަށް ވަދެ ހަމަނުޖެހުން ހިންގި މީހުންނާ މެދު ފިޔަވަޅު އެޅުން ވެސް ކުރިއަށް އެބަ ދެ އެވެ. އެގޮތުން މަދުވެގެން 13 މީހަކާ ދެކޮޅަށް މިހާރު ވަނީ ދައުވާ އުފުލައިފަ އެވެ. އަދި ބައެއް މީހުން ހޯދަން، އެފްބީއައި އިން ވަނީ ރެޑް ނޯޓިސް ވެސް ނެރެފަ އެވެ.