Roadha Mihaaru
ގިންސްބާގު އަވަހާރަވުމުން ޝަރުއީ ވާދަވެރިކަމަކަށް

އަންހެން ފަނޑިޔާރު އަވަހާރަވުމުން، އެމެރިކާ އަނެއްކާ ޝައުރީ ދާއިރާގެ ވާދަވެރިކަމަކަށް

19 ސެޕްޓެމްބަރ 2020

އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރެއްވި ވަރުގަދަ ޝަހުސިއްޔަތެއް ކަމަށް ބެލެވޭ އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ރުތު ބޭޑާ ގިންސްބާގު މިއަދު އަވަހާރަވުމުން، އެންމެ މަތީ ކޯޓުގެ ކޮންޓްރޯލް ހޯދުމުގެ ވާދަވެރިކަން، ސިޔާސީ ދާއިރާގައި ބޮޑުވެއްޖެ އެވެ.

އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރެއްވި ވަރުގަދަ ޝަހުސިއްޔަތެއް ކަމަށް ބެލެވޭ އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ރުތު ބޭޑާ ގިންސްބާގު މިއަދު އަވަހާރަވުމުން، އެންމެ މަތީ ކޯޓުގެ ކޮންޓްރޯލް ހޯދުމުގެ ވާދަވެރިކަން، ސިޔާސީ ދާއިރާގައި ބޮޑުވެއްޖެ އެވެ.

އުމުރުން 87 އަހަރުގައި ގިންސްބާގު އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅެއްގަ އެވެ. އޭނާއަކީ ޑިމޮކްރެޓިކް ޕާޓީގެ ވެރިކަމުގައި ބިލް ކްލިންޓަނަށް އައްޔަންކުރެއްވި، ލިބަރަލް ވިސްނެވުމުގެ ފަނޑިޔާރެކެވެ. އެކަމަކު ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ކޮންޒަވޭޓިވް ވިސްނުމުގެ ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓަށް ލުމުން، މިހާރު އެ ކޯޓުގެ އަގުލަބިއްޔަތު އޮތީ ކޮންޒަވޭޓިވް ފަޅިއަށެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުގައި ދީނީ އުސޫލުތަކަށް ވިސްނެވުން ބަހައްޓާ ފަނޑިޔާރުންނާއި ކޯޓުގެ ނިންމުންތަކުގައި ދީނީ ކުލަ ޖައްސަން އެއްގޮތަކަށް ވެސް ބޭނުންނުވާ ލިބަރަލް ވިސްނުމުގެ ފަނޑިޔާރުންގެ ކޮންޓްރޯލް ހޯދަން ރިޕަބްލިކަން ޕާޓީ އާއި ޑިމޮކްރެޓިކް ޕާޓީގެ މެދުގައި އަބަދުވެސް ވާދަވެރިކަން އޮވެ އެވެ. ރިޕަބްލިކަން ޕާޓީގެ ގިނަ ސަޕޯޓަރުން މިހާރު ވެސް އެމެރިކާގައި އެބޯޝަނާއި އެއް ޖިންސުގެ މީހުން ކައިވެނިކުރުން ފަދަ ކަންކަން މަނާކުރަން ބޭނުންވެ އެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުގެ ނުވަ ފަނޑިޔާރުން، ކުރީ ސަފުގައި ގިންސްބާގު: އެއް ދުވަސްވަރެއްގައި ހަމައެކަނި އަންހެން ފަނޑިޔާރުގެ ގޮތުން ވެސް އޭނާ މަސައްކަތްކުރެއްވި

އެމެރިކާގެ ސުޕްރީމް ކޯޓުގެ ނުވަ ފަނޑިޔާރުން، ކުރީ ސަފުގައި ގިންސްބާގު: އެއް ދުވަސްވަރެއްގައި ހަމައެކަނި އަންހެން ފަނޑިޔާރުގެ ގޮތުން ވެސް އޭނާ މަސައްކަތްކުރެއްވި

އެމެރިކާގެ ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރަނީ ރައީސްގެ ފަރާތުން ނަން ފޮނުވައިގެން، ސެނެޓުންނެވެ. ސެނެޓުގެ އަގުލަބިއްޔަތު އޮތީ ރިޕަބްލިކަން ޕާޓީއަށެވެ. ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު އަވަހާރަވުމުން ހުސްވި ގޮނޑިއަށް އޮބާމާ 2016 ގައި ފޮނުއްވި ނަން، ރިޕަބްލިކަން ޕާޓީގެ ބާރުގައި ސެނެޓުން ހިފެހެއްޓި އެވެ. އެފަހަރު ރިޕަބްލިކަން ޕާޓީގެ މެމްބަރުން ވިދާޅުވީ، ރިޔާސީ އިންތިހާބު އެހާ ކައިރިވެފައި އޮއްވާ، އެންމެ އިންސާފުވެރިވާނީ އަލަށް އަންނަ ރައީސަކަށް އެ ފުރުސަތު ދިނުން ކަމަށެވެ.

އެކަމަކު މިހާރު ސެނެޓްގެ މެޖޯރިޓީ ލީޑަރު މިޗު މެކޮނެލް ވިދާޅުވަނީ ޓްރަމްޕް ނަމެއް ފޮނުއްވިހާ އަވަހަކަށް ސެނެޓުން އެ ފަނޑިޔާރެއްގެ ނަން ފާސްކުރާނެ ކަމަށެވެ.

އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި ރައީސް ޓްރަމްޕާ އެކު މަސައްކަތްކުރަން ރިޕަބްލިކަން ޕާޓީގެ މެޖޯރިޓީ އޮތީ ތައްޔާރަށެވެ.

"ރައީސް ޓްރަމްޕް ފޮނުއްވާ ނަމަކަށް ސެނެޓް ތަޅުމުގައި ވޯޓު ނަގާނެ،" މެކޮނެލް ވިދާޅުވި އެވެ.

އެކަމަކު މިއީ 2016 ގައި، އޮބާމާ ވަކި ނަމެއް ފޮނުއްވުމުން މެކޮނެލް ހުންނެވި ގޮތާ މުޅިން ތަފާތު ވިސްނުމެކެވެ. އޭރު އޭނާ ވިދާޅުވީ އެންމެ އިންސާފުވެރިވާނީ، ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރުމުގެ ފުރުސަތު އާ ރައީސަކަށް ދިނުން ކަމަށެވެ. އެހެންވެ، އޮބާމާ ފޮނުއްވި ނަމާ މެދު ސެނެޓުން ގޮތެއް ނުނިންމާ އެތައް މަހެއް ވަންދެން ބޭއްވި އެވެ. އެންމެ ފަހުން އައްޔަންކުރީ، ޓްރަމްޕް ވެރިކަމަށް ވަޑައިގެން އޭނާ ފޮނުއްވި ބޭފުޅެކެވެ.

ގިންސްބާގު އަވަހާރަވި ހަބަރާ އެކު، ސެނެޓްގެ މައިނޮރިޓީ ލީޑަރު އަދި ޑިމޮކްރެޓިކް ޕާޓީގެ ސެނެޓަރު ޗަކް ޝޫމާ ކުރެއްވި ޓްވީޓެއްގައި، މެކޮނެލްއަށް ވަނީ އެކަން ހަނދާންކޮށްދެއްވައިފަ އެވެ.

"ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރަން އެމެރިކާގެ ރައްޔިތުންގެ އަޑު އަހަން ޖެހޭނެ އެވެ. އެހެންކަމުން އާ ރައީސަކު ހޮވެންދެން އެ ގޮނޑި ފުރައިގެން ނުވާނެ އެވެ،" ޝޫމާގެ ޓްވީޓްގައި ލިއުއްވި އެވެ.

ގިންސްބާގު އާދައިގެ ބޭފުޅެއް ނޫން

އުމުރުން 60 އަހަރުގައި، ސުޕްރީމް ކޯޓަށް ވަޑައިގެންނެވި ގިންސްބާގަކީ އެމެރިކާގެ ތާރީހުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ލިބިވަޑައިގެންނެވި ދެވަނަ އަންހެން ފަނޑިޔާރެވެ. އޭނާ ވަނީ ފިރިހެން އަށް ފަނޑިޔާރުންނާ އެކު އެތައް އަހަރަކު، ސުޕްރީމް ކޯޓުގައި މަސައްކަތްކުރައްވައިފަ އެވެ. އެކަމަކު އެއީ ވަރަށް އުނދަގޫވި ދުވަސްތަކެއް ކަމަށް، ގިންސްބާގު ސިފަކުރެއްވި އެވެ.

ފަނޑިޔާރު ގިންސްބާގު އޭނާގެ ސުޕްރީމް ކޯޓުގެ އޮފީހުގައި: އަންހެނުންގެ ހައްގުތަކަށް ގިނަ މަސައްކަތްތަކެއް ކުރެއްވި

ފަނޑިޔާރު ގިންސްބާގު އޭނާގެ ސުޕްރީމް ކޯޓުގެ އޮފީހުގައި: އަންހެނުންގެ ހައްގުތަކަށް ގިނަ މަސައްކަތްތަކެއް ކުރެއްވި

އިސްކޮޅުގައި އެންމެ ފަސް ފޫޓު ހުންނަ ގިންސްބާގު، އެ ދުވަސްތައް ސިފަކުރައްވަމުން، އޭނާގެ އިސްކޮޅުން ވެސް މިސާލު ޖެއްސެވި އެވެ.

"ހިޔާލަށް ގެނެސްބަލަ، އާންމުން ސުޕްރީމް ކޯޓަށް ވަންނަ އިރު އިސްކޮޅު ހުރި ފިރިހެން އަށް ފަނޑިޔާރުންނާ އެކު އެއް ފަރާތުގައި މި އިންނަނީ ކުޑަ މި އަންހެނާ،" 2014 ގައި ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ.

"އެއީ އާންމުންނަށް ފެންނާނެ ރަނގަޅު މަންޒަރެއް ނޫން."

ސުޕްރީމް ކޯޓަށް ފަހުން ވަނީ އަންހެން އެހެން ދެ ފަނޑިޔާރަކު 2009 އާއި 2010 ގައި އައްޔަންކޮށްފަ އެވެ.

ޝަރުއީ ދާއިރާގައި، ވަކީލެއްގެ ގޮތުން މަސައްކަތްކުރެއްވި އިރު ވެސް، ގިންސްބާގު ފާހަގަކުރެވެނީ އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރެއްވި ބޭފުޅެއްގެ ގޮތުގަ އެވެ. އަވަހާރަވި އިރު އޭނާ އަކީ އެމެރިކާގެ އެތައް މިލިއަން އަންހެނުންނަކަށް ނަމޫނާއެކެވެ. އޭނާއަށް ހާއްސަ ޓެޓޫތައް ބައެއް މީހުންގެ ގައިގައި ޖަހާފައި ހުރެ އެވެ. އޭނާގެ ނަމަށް ނިސްބަތްކޮށް ޓީޝާޓު ފަދަ އެއްޗެހި ވިއްކަ އެވެ.

އޮބާމާގެ ދުވަސްވަރު، ޑިމޮކްރެޓިކް ޕާޓީގެ ބައެއް ސަޕޯޓަރުން އެދެމުން ދިޔައީ، ލިބަރަލް ވިސްނުމުގެ އާ ފަނޑިޔާރަކަށް ފުރުސަތު ދޭން، ގިންސްބާގު ރިޓަޔަކުރައްވާށެވެ. އެކަމަކު އޭނާ އެ މަގު ހިޔާރެއްނުކުރެއްވި އެވެ. އޭނާގެ ހަޔާތުގެ އެންމެ ފަހު ދުވަސްކޮޅާ ޖެހެންދެން ވެސް މަސައްކަތުގައި އުޅުއްވި އެވެ.

"މި ރައީސަށް ފަހު އެހެން ރައީސަކު ހުންނަވާނެ. އަހަރެން އުއްމީދުކުރަނީ އެ ރައީސަކު ވެސް ވަރަށް ރަނގަޅުވާނެ ކަމަށް،" ސުޕްރީމް ކޯޓުގައި 20 އަހަރު ހޭދަކުރެއްވުން ފާހަގަކުރައްވަމުން އޭރު ގިންސްބާގު ވިދާޅުވި އެވެ.