Roadha Mihaaru
"މިހާރު"ން އެމެރިކާ އިންތިހާބުގެ ނަތީޖާ ވަގުތުން

"މިހާރު"ން އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ވަގުތުން

03 ނޮވެމްބަރ 2020

މިއަދު އެމެރިކާގައި އޮންނަ ވާދަވެރި ރިޔާސީ އިންތިހާބުގެ ނަތީޖާ "މިހާރު"ގެ ކިއުންތެރިންނަށް ވަގުތުން ފެންނާނެ ގޮތަށް އޭއެފްޕީގެ ހާއްސަ ކަވަރޭޖުގައި ބައިވެރިވެއްޖެ އެވެ.

މިއަދު އެމެރިކާގައި އޮންނަ ވާދަވެރި ރިޔާސީ އިންތިހާބުގެ ނަތީޖާ "މިހާރު"ގެ ކިއުންތެރިންނަށް ވަގުތުން ފެންނާނެ ގޮތަށް އޭއެފްޕީގެ ހާއްސަ ކަވަރޭޖުގައި ބައިވެރިވެއްޖެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ނިއުސް އެޖެންސީ ކަމަށްވާ އޭއެފްޕީގެ ހާއްސަ ކަވަރޭޖްގައި، ރިޔާސީ އިންތިހާބުގެ ވާދަވެރިން ކަމަށް ވާ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑަންއަށް، އެމެރިކާގެ އެކި ސްޓޭޓްތައް ކާމިޔާބުކުރެއްވޭ ވަރު ވަގުތުން ފެންނާނެ އެވެ. އޭގެ އިތުރުން ރިޔާސީ އިންތިހާބާ އެކުއެކުގައި ކުރިއަށް ދާ ސެނެޓަށާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ އިންތިހާބުގެ ނަތީޖާތައް ވެސް ވަގުތުން ފެންނާނެ އެވެ.

"މުޅި ދުނިޔެ ހުއްޓިފައި މި އޮތީ އެމެރިކާގެ އިންތިހާބަށް. އަޅުގަނޑުމެން ބެލީ 'މިހާރު'ގެ ކިއުންތެރިންނަށް ހަމައެކަނި 'މިހާރު"އަށް ވަދެގެން ވެސް ވަގުތުން ނަތީޖާ ލިބޭނެ ގޮތް ހެދުން ވަރަށް މުހިންމު ކަމެކޭ،" އެޑިޓަރު މޫސާ ލަތީފް ވިދާޅުވި އެވެ.

"މިހާރު"ން ދުނިޔޭގެ ހަބަރުތަކާއި ދުނިޔޭގެ ކުޅިވަރު ހަބަރުތަކާއި ފޮޓޯތައް ގަންނަނީ އަބަދުވެސް އޭއެފްޕީންނެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ، ވޯޓު ގުނަން ފެށުމާ އެކު، "މިހާރު"ގެ ހޯމް ޕޭޖުން ފެންނާނެ އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގައި އޮންނަ "އާލީ ވޯޓިން" ނުވަތަ އިންތިހާބު އޮންނަ ދުވަހުގެ ކުރިން ވޯޓު ލެވޭ ގޮތަށް ދޭ ފުރުސަތުގައި މިހާތަނަށް 100 މިލިއަނަށް ވުރެ ގިނަ މީހުން ވޯޓު ލައިފި އެވެ. މިއީ އެމެރިކާގެ ތާރީހުގައި ވެސް މިހާ ގިނަ އަދަދެއްގެ ބަޔަކު، އެގޮތަށް ވޯޓު ލީ ފުރަތަމަ ފަހަރެވެ.

މޫސަ ވިދާޅުވި ގޮތުގައި އެމެރިކާގެ އިންތިހާބަށް މުޅި ދުނިޔޭގެ ލޯ ހުއްޓުމުގެ އިތުރުން ދިވެހިންގެ ގިނަ ބަޔަކު ވެސް ވަރަށް ކައިރިން އެ އިންތިހާބުގެ ކަންކަން ބަލަ އެވެ.

"އަޅުގަނޑުމެންގެ ކިއުންތެރިން ވެސް ވަރަށް ސަމާލުކަން ދޭ އިންތިހާބެއް މިއީ. އެހެންވެ އަޅުގަނޑުމެންނަށް ބުރަވެވުނީ އިތުރު ހަރަދެއް ކޮށްގެން ނަމަވެސް އެ އިންތިހާބުގެ ނަތީޖާ ވަގުތުން ކިއުންތެރިންނަށް ލިބޭނެ ގޮތް ހެދުން ރަނގަޅޭ،" މޫސަ ވިދާޅުވި އެވެ.