Roadha Mihaaru
ކިމް އާއި ކަންޔޭގެ ވަރީގެ އަސްލަކީ ޖެފްރީ ސްޓާ!

ކިމް އާއި ކަންޔޭ ވަރިވާން އުޅުމުގެ އަސްލަކީ ޖެފްރީ ސްޓާ!

11 ޖެނުއަރީ 2021

ކިމް ކާޑޭޝަނާއި ކަންޔޭ ވެސްޓްގެ ހަތް އަހަރުވީ ކައިވެނި ރޫޅައިލުމުގެ އަޑުތައް ގަދަވެފައިވާ އިރު މި ވާހަކައިގެ ތެރެއިން މިހާރު އާ ކުރިއެއް ފަޅައި، އެ ވާހަކަ ވަރަށް ހޫނުކޮށް ދެކެވެން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކިމް ކާޑޭޝަނާއި ކަންޔޭ ވެސްޓްގެ ހަތް އަހަރުވީ ކައިވެނި ރޫޅައިލުމުގެ އަޑުތައް ގަދަވެފައިވާ އިރު މި ވާހަކައިގެ ތެރެއިން މިހާރު އާ ކުރިއެއް ފަޅައި، އެ ވާހަކަ ވަރަށް ހޫނުކޮށް ދެކެވެން ފަށައިފި އެވެ.

ބައެއް މީޑިއާތަކުން ބުނި ގޮތުގައި ހަތަރު ދަރިން ވެސް ލިބިފައި ވަނިކޮށް ކަންޔޭގެ ގާތުން ވަރިވާން ކިމް ނިންމާފައި ވަނީ ބިއުޓީ ގުރޫއެއްގެ ގޮތުގައި މަޝްހޫރު ޖެފްރީ ސްޓާ، 35، އާއި ކަންޔޭއާ ދެމެދު ސިއްރު ގުޅުންތަކެއް އޮންނަކަން އެނގުމުންނެވެ. އަދި މިކަން ފަޅާއެރުމުން ކަންޔޭއާ އެކު އިތުރަށް ނޫޅެން ކިމް ނިންމީ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކިމް ވަނީ ކަންޔޭގެ ގާތުން ވަރިވާން ނިންމައި، އެކަމަށް އޭނާގެ ފަރާތުން މަސައްކަތްކުރާނެ ވަކީލަކު ވެސް ހަމަޖައްސައިފަ އެވެ. މިއީ ކިމްގެ ތިން ވަނަ ކައިވެންޏެވެ. އަދި ކަންޔޭގެ އަލަތު ކައިވެންޏެވެ.

މީޑިއާތަކުން މި ދެ މީހުންގެ ވަރި ސިފަކުރަނީ މި ފަހުން ފެންނާނެ އެންމެ އަގު ބޮޑު ސެލެބްރިޓީ ވަރީގެ ގޮތުގަ އެވެ.

ކަންޔޭ އާއި ސްޓާއާ ދެމެދު ގުޅުންތަކެއް އޮންނަ ކަމުގެ އަޑުތަކެއް އަރާފައި ވަނިކޮށް ސްޓާ ވަނީ އެކަމަށް ރައްދު ދީފަ އެވެ. "އެޑްރެސިން ދަ ކަންޔޭ ސިޗުއޭޝަން" ގެ ނަމުގައި މި މަހުގެ 7 ވަނަ ދުވަހު އާންމުކުރި ވީޑިއޯއެއްގައި އޭނާ ބުނީ ކަންޔޭއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

"އަހަރެން ސިންގަލް. އެއްވެސް މީހަކާ އެކު ނޫޅެން. ކަންޔޭ އާއި އަހަންނާ އަޅުވާކިޔުމަކީ ތާކުންތާކު ޖެހޭ ވާހަކައެއް ނޫން،" ސްޓާ ބުންޏެވެ. "އެކަމަކު ބުނެލަން ބޭނުން އިސްކޮޅުން ދިގު ފިރިހެނުން އަހަންނަށް ވަރަށް ކަމުދޭ."

ކިމް އާއި ކަންޔޭގެ ކައިވެނި ރޫޅާލުމުގެ ވާހަކަތައް ހޫނުކޮށް ދެކެވެމުން އަންނަ އިރު، މިދިޔަ އަހަރު އެމެރިކާގެ ރިޔާސީ އިންތިހާބަށް ވެސް ވާދަކުރި ކަންޔޭ ދިރިއުޅެމުން އަންނަނީ ވިއޮމިންގަ އެވެ. އަދި ކިމް އުޅެނީ ދަރިންނާ އެކު ލޮސް އެންޖެލިސްގަ އެވެ.

މިހާތަނަށް އަދި ކައިވެންޏެއް ނުކުރާ ސްޓާ އަކީ "ޖެފްރީ ސްޓާ ކޮސްމެޓިކްސް" ގެ ވެރިޔާ އެވެ. އެ ޕްރޮމޯޓްކުރަން އޭނާ ހިންގާ ޔޫޓިއުބް ޗެނެލްގެ ސަބްސްކްރައިބަރުންގެ އަދަދު 16.9 މިލިއަނަށް އަރަ އެވެ. ލޮސް އެންޖެލިސް އަށް އުފަން ސްޓާ އަކީ ކަންޔޭ ގޮތަށް މިއުޒިޝަނެއް ވެސް މެ އެވެ. އޭނާ 2009 ގައި "ބިއުޓީ ކިލާ" ގެ ނަމުގައި އަލްބަމެއް ވެސް ނެރެފައިވެ އެވެ.