Roadha Mihaaru
މާރާމާރީއަކާ ހެދި ކަންޔޭ އަށް ޖަލު ހުކުމެއް އަތުވެދާނެ

މާރާމާރީއަކާ ހެދި ކަންޔޭ އަށް ހަ މަހުގެ ޖަލު ހުކުމެއް އަތުވެދާނެ

16 ޖެނުއަރީ 2022

މާރާމާރީގެ މައްސަލައަކާ ހެދި އެމެރިކާގެ މަޝްހޫރު ރެޕާ ކަންޔޭ ވެސްޓަށް ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މާރާމާރީގެ މައްސަލައަކާ ހެދި އެމެރިކާގެ މަޝްހޫރު ރެޕާ ކަންޔޭ ވެސްޓަށް ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ ކިމް ކަޑޭޝިއަންގެ ދަރިންގެ ބައްޕަ މިދިޔަ ބުދަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި ލޮން އެންޖެލިސްގެ ސައުތު ސަންޓޭ ޕި އެވެނިއުގައި ހިންގި މާރާމާރީއެއްގެ މައްސަލަ ލޮސް އެންޖެލިސްގެ ފުލުހުން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.

ފުލުހުންގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ކަންޔޭ، 44، މާރާމާރީ ހިންގި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ބުރާސްފަތި ދުވަހު ހެނދުނު އެވެ. މައްސަލައިގެ ތަހުގީގު ކުރިއަށް އަށް ދިޔަސް މި ހާދިސާއާ ގުޅިގެން ކަންޔޭ ހައްޔަރެއް ނުކުރެ އެވެ. އަދި މި މައްސަލައާ ބެހޭ އިތުރު ތަފުސީލެއް ވެސް ހާމައެއްނުކުރެ އެވެ.

މިކަމާ ގުޅިގެން ކަންޔޭ ވެސް އެއްވެސް އެއްޗެއް ނުބުނެ އެވެ. އެކަމަކު މީގެ ދެ ދުވަހެއް ކުރިން އޭނާ އިންސްޓަގްރާމްގައި ޕޯސްޓްކުރި ރާމާމަނުކެއްގެ ފޮޓޯއަކުން އެނގުނީ "އަހަރެންގެ ދިރިއުޅުން އެއް އިރެއްގައި ވެސް ފަސޭހަ ނޫން" ކަމަށެވެ.

މީޑިއާތަކުން ބުނީ މި މާރާމާރީގެ މައްސަލަ ސާބިތުވެއްޖެ ނަމަ، ކަންޔޭ އަށް ގިނަވެގެން ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށެވެ. އެފަދަ ހުކުމެއް އަތުވެއްޖެ ނަމަ، އަންނަ އެޕްރީލްގައި ބާއްވާ މި އަހަރުގެ ކޯޝެލާ ވެލީ މިއުޒިކް އެންޑް އާޓް ފެސްޓިވަލްގައި ވެސް ބައިވެރިވުމުގެ ފުރުސަތު އޭނާ އަށް ގެއްލޭނެ އެވެ. ކަންޔޭ އަކީ އެ ފެސްޓިވަލްގައި ޕަފޯމްކުރަން ހަމަޖެހިފައިވާ އެންމެ ނުފޫޒު ގަދަ މިއުޒިޝަނުންގެ ތެރެއިން އެކެކެވެ.

އަންހެނުން ކިމް، ކަންޔޭ ގާތުން ވަރިވާން މިދިޔަ އަަރުގެ ކުރީކޮޅު ކޯޓަށް ހުށަހަޅާފައިވާ އިރު، އަމިއްލަ ވިޔަފާރީން ބިިލިއަނަރެއްގެ ދަރަޖަ ވެސް ހޯދާއިވާ ކަންޔޭ މިހާރު ރައްޓެހިވެގެން އުޅެނީ ބަތަލާ ޖޫލިއާ ފޮކްސްއާ އެވެ.