Roadha Mihaaru
ފައުޒާންގެ ގުރުބާނީން ގައުމު ރޮއްވާލި: ރައީސް

ފައުޒާން އެ ދިޔައީ އޭނާގެ ގުރުބާނީން ގައުމު ރޮއްވާފައި: ރައީސް

10 ޖެނުއަރީ 2021

ޏ. ފުވައްމުލަކުގައި އިއްޔެ ގެނބިގެން މަރުވި އަހުމަދު ފައުޒާން އެ ދިޔައީ އޭނާގެ ގުރުބާނީން ގައުމު ރޮއްވާލާފައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ޏ. ފުވައްމުލަކުގައި އިއްޔެ ގެނބިގެން މަރުވި އަހުމަދު ފައުޒާން އެ ދިޔައީ އޭނާގެ ގުރުބާނީން ގައުމު ރޮއްވާލާފައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އުމުރުން 17 އަހަރުގެ ފައުޒާން އިއްޔެ ހަވީރު މަރުވީ، މޫދަށް އެރި އުޅުނު އޭނާގެ އެކުވެރިންތަކެއް އޮޔާދަމައިގަތުމުން އެ ކުދިން ސަލާމަތްކުރަން އުޅުމުގެ ތެރޭގަ އެވެ. އެކުވެރިން ސަލާމަތްވި ނަމަވެސް، ފައުޒާން މޫދަށް ގެއްލުނެވެ. އޭގެ ގަޑިއިރެއްހާއިރު ފަހުން އޭނާ ފެނުނީ މޫދު އަޑިންނެވެ.

ފައުޒާންގެ މަރާމެދު ހިތާމަފާޅުކުރައްވައި ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަކިވެ އެ ދިޔައީ، ހިތްވަރުގަދަކަމުގެ ލާމަސީލު ނަމޫނާ ދައްކާފައި ކަމަށެވެ.

"އޭނާ (މަރުވީ) އެ ގުރުބާނީން ގައުމު ރޮއްވައިލާފައި. އަޅުގަނޑުގެ ދުއާ އަކީ ފައުޒާނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ފުވައްމުލަކަށް ނިސްބަތްވެ ވަޑައިގަންނަވާ ނައިބު ރައީސް، ފައިސަލް ނަސީމް ވެސް ވަނީ ފައުޒާންގެ މަރާ މެދު ހިތާމަފާޅުކުރައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެންމެ ފަހު ވަގުތު ވެސް ފުވައްމުލަކު ސްކޫލުގެ ދަރިވަރު ދައްކުވައިދިނީ، ތިމާގެ އަމިއްލަ ނަފްސަށް ވުރެ އަނެއް މީހާ ސަލާމަތްކުރުމުގެ ވަރުގަދަ ހިތްވަރެވެ.

ގަޑިއިރެއްހާއިރު ފަހުން ފެނުނު ފައުޒާންގެ ހަށިގަނޑުގައި، ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ވިންދު ހުރިކަމަށް ވެ އެވެ. އޭނާ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.