Roadha Mihaaru
ދިރާސީ އަހަރަށް ގެނައި ބަދަލު ދާއިމީކުރާނެތޯ ބަލަނީ

އޯގަސްޓްގައި ދިރާސީ އަހަރު ފެށުން ދާއިމީކުރުމާ މެދު ގޮތެއް ނިންމުން ލަހެއް ނުވާނެ: މިިނިސްޓްރީ

11 ޖެނުއަރީ 2021

ދިރާސީ އާ އަހަރުގެ ކިޔެވުން އޮގަސްޓް މަހު ފެށުން ދާއިމީކުރުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާ އިއުލާނުކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދިރާސީ އާ އަހަރުގެ ކިޔެވުން އޮގަސްޓް މަހު ފެށުން ދާއިމީކުރުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާ އިއުލާނުކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ވިދާޅުވީ، ދިރާސީ އާ އަހަރުގެ ކިޔެވުން އޮގަސްޓް މަހު ބޭއްވުމަކީ ދާއިމީ ނިންމުމެއްތޯ ނުވަތަ ވަގުތީ ކަމެއްތޯ ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށެވެ. އެކަމާ ގުޅޭ އެންމެ ފަހުގެ މަޝްވަރާތައް ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.

"އެކަމާ ގުޅޭގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމައި އިއުލާނުކުރާނަން،" މުޖާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަމާގުޅޭ ހުރިހާ ފަރާތްތަކާ މަޝްވަރާކުރުމުގެ އިތުރުން ތަފާސްހިސާބުތައް ހޯދައި ވަރަށް ބޮޑަށް ބަލާފައިވާ ކަމަށެވެ.

މީގެ ކުރިން ދިރާސީ އާ އަހަރު ފަށަމުން ދިޔައީ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެކަމަކު މި އަހަރުގެ ދިރާސީ އާ އަހަރު ފަށަން ހަމަޖައްސާފައިވަނީ އޮގަސްޓް 10 ގަ އެވެ. އެ ބޮޑު ބަދަލު ގެންނަން ޖެހުނީ ކޮވިޑް-19 އާ ގުޅިގެން އޯ ލެވެލް އަދި އޭ ލެވެލް އިމްތިހާނު ފަސްކުރުމުން ސްކޫލުތަކަށް ދިމާވާނެ ޖާގައިގެ ދަތިތައް ހައްލުކުރުމަށެވެ. ގްރޭޑު 10 އަދި 12 ގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ފައިނަލް އިމްތިހާނު ނިމުމާ ހަމައަށް، އެ ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލުގައި ދެމިތިބޭނެ އެވެ.

މި އަހަރުގެ މެއި/ޖޫން މަހު ބާއްވާ އޯ ލެވެލް އިމްތިހާނު، ޖޫން 11 އަދި އޭ ލެވެލް އެ މަހުގެ 21 ގައި ނިމޭނެ އެވެ. ދަރިވަރުންނަށް، އަހަރީ ބޮޑު ޗުއްޓީ ދޭނީ އޭގެ ފަހުންނެވެ. އެއަށްފަހު، އާ އަހަރުގެ ކިޔެވުން ފަށާނީ އޮގަސްޓް 10 ގަ އެވެ.

އެކަޑެމިކް ކަލަންޑަރަށް ބަދަލުތައް ގެނައުމުގެ ކުރިން އާއްމުންގެ ހިޔާލަށް މިނިސްޓްރީން މީގެ ކުރިން ހުޅުވާލި އެވެ. މިނިސްޓްރީން ތައްޔާރުކުރި ފޯމުގައި ތައުލީމީ އާ އަހަރު ފަށަން ރަނގަޅު ތާރީހެއް އިހުތިޔާރުކުރަން ދިނެވެ. އެއް ޗޮއިސް އަކަށް އިނީ ޖެނުއަރީ މަހެވެ. ދެން ދީފައި އިނީ އޮގަސްޓް/ސެޕްޓެމްބަރު މަހެވެ.

ކޮވިޑްގެ ހާލަތު ކުރިމަތިވުމުގެ ކުރިން ވެސް ދިރާސީ އާ އަހަރު ފަށާ ދުވަސްވަރު ބަދަލުކުރުމަށް މަޝްވަރާކުރި އެވެ. ނަމަވެސް އޭރު ބަދަލު ގެނައީ ސްކޫލު ޗުއްޓީ ރާވާފައިވާ ގޮތަށެވެ.