Roadha Mihaaru
އެޗްޑީސީގެ ފަރާތުން ޕާކްވޮލީ މުބާރާތެއް ބާއްވަނީ

އެޗްޑީސީގެ ފަރާތުން ޕާކްވޮލީ މުބާރާތެއް ބާއްވަނީ

12 ޖެނުއަރީ 2021

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން އާންމުންނަށް ހުޅުވާލައިގެން ޕާކް ވޮލީ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން އާންމުންނަށް ހުޅުވާލައިގެން ޕާކް ވޮލީ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

މި މަހު 21 އިން 23 އަށް ހުޅުމާލެ ޔޫތު ޕާކް ބީޗް ވޮލީބޯޅަ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވީ ނަމަވެސް ބައިވެރިވާ ޓީމުތަކުގެ އަދަދަށް ބެލުމަށް ފަހު އެ މުއްދަތު އިތުރުކުރުމުގެ ވިސްނުން އެޗްޑީސީން ގެންގުޅެ އެވެ.

"މައި ހުޅުމާލެ ޕާކްވޮލީ ޗެމްޕިއަންޝިޕް" ގެ ނަމުގައި ބާއްވާ މި މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަނުގެ ޓީމުތަކަށް ބައިވެރިވެވޭނެ އެވެ. އެ ގޮތުން ކޮންމެ ޓީމެއްގައި ފަސް ކުޅުންތެރިންގެ ނަން ޖެހޭއިރު، އުސޫލެއް ކަނޑައަޅާފައިވަނީ ފިރިހެން ޓީމުތަކަށް އެކަންޏެވެ. ފިރިހެން ޓީމުތަކުގައި 35 އަހަރުން ދަށުގެ އެއް ކުޅުންތެރިއަކާއި 45 އަހަރުން މަތީގެ އެއް ކުޅުންތެރިއަކު ޖަހަން ޖެހެ އެވެ. އަންހެން ޓީމުތަކުގައި ކުޅުންތެރިންގެ ނަން ޖެހުން ވަނީ ހުޅުވާލެވިފަ އެވެ.

އެޗްޑީސީގެ އޮފިޝަލަކު "މިހާރު" އަށް ބުނީ މިއީ ހަގީގަތުގައި ކޮމިއުނިޓީ އަށް ހުޅުވާލައިގެން ބޭއްވޭ މުބާރާތެއް ކަމަށާއި ބޭނުންވަނީ ހުރިހާ އުމުރުފުރާއެއްގެ މީހުންގެ ވެސް ބައިވެރިވުން އޮތުން ކަމަށެވެ. އެ ގޮތުން ފިރިހެން ޓީމުތަކުގައި އެ ވަކި އުމުރުފުރާތަކުގެ ކުޅުންތެރިން ތިބުން ލާޒިމްކުރި އެންމެ ބޮޑު ސަބަބަކީ ޓީމުތަކުގައި އެކި އުމުރުފުރާގެ ބައިވެރިވުން އޮންނަ ވާދަވެރި ގޮތަކަށް މުބާރާތް ކުރިއަށް ގެންދިއުން ކަމަށް އޭނާ ބުންޏެވެ.

މި މުބާރާތް ކުރިއަށްގެންދަނީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އެހީތެރިކަމާ އެކު އެވެ. އަދި މުބާރާތުގައި އަމަލުކުރާނީ ފެޑެރޭޝަން އޮފް އިންޓަނޭޝަނަލް ވޮލީބޯލް (އެފްއައިވީބީ)ގެ ޕާކްވޮލީ ގަވާއިދާ އެއްގޮތަށެވެ.

ކޮވިޑް-19ގެ ސަބަބުން މިދިޔަ އަހަރު މާޗް މަހުން ފެށިގެން އާންމުކޮށް ހުޅުވާލައިގެން ވޮލީބޯޅައިގެ އެއްވެސް މުބާރާތެއް މާލެ ސަރަހައްދުގައި ކުރިއަށްނުދެ އެވެ. ވީއޭއެމް އިން އެންމެ ފަހުން ބުނީ އުއްމީދުކުރަނީ ކޮވިޑް-19ގެ ހާލަތުން އަރައިގަނެ ވީހާވެސް އަވަހަކަށް ވޮލީގެ ހަރަކާތްތައް ފަށަން ކަމަށެވެ.