Roadha Mihaaru
ލަންކާގެ ބީޗް ވޮލީ ރެފްރީން ތަމްރީންކުރަނީ ހުސެއިން

ލަންކާގައި ބީޗް ވޮލީ ރެފްރީން ތަމްރީނު ކުރަން ރާއްޖޭގެ ހުސައިން ކިޔަވައި ދެނީ

04 ޖުލައި 2024

ސްރީ ލަންކާގެ ވޮލީބޯޅަ އެސޯސިއޭޝަނުން ފެށި ބީޗް ވޮލީބޯލް ރެފްރީން ތަމްރީނު ކުރާ ކޯހުގައި، ރާއްޖޭގެ އިންޓަނޭޝަނަލް ބީޗް ވޮލީ ރެފްރީ ހުސައިން މުހައްމަދު ކިޔަވައި ދޭން ފަށައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސްރީ ލަންކާގެ ވޮލީބޯޅަ އެސޯސިއޭޝަނުން ފެށި ބީޗް ވޮލީބޯލް ރެފްރީން ތަމްރީނު ކުރާ ކޯހުގައި، ރާއްޖޭގެ އިންޓަނޭޝަނަލް ބީޗް ވޮލީ ރެފްރީ ހުސައިން މުހައްމަދު ކިޔަވައި ދޭން ފަށައިފި އެވެ.

އޭޝިއާގެ ސެންޓްރަލް ޒޯން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އާ ގުޅިގެން ކުރިއަށްދާ ބީޗްވޮލީބޯލް ރެފްރީ ކޯހަކީ، ކާވާގެ ބީޗް ވޮލީ ކެންޑިޑޭޓް ލެވަލްގެ ކޯހެކެވެ.

މި ކޯހުގައި ޖުމުލަ 13 ރެފްރީން ބައިވެރިވެ އެވެ. އެއީ ލަންކާގެ 10 ރެފްރީންގެ އިތުރުން އެ ގައުމުން ބޭރުގެ އިތުރު ތިން ރެފްރީއެކެވެ.

ދުނިޔޭގެ ވޮލީ ފެޑެރޭޝަން، އެފްއައިވީބީގެ ބީޗް ވޮލީގެ ގްރޭޑް ސީގެ ދަރަޖަ ހާސިލުކޮށްފައިވާ ހުސައިން މިއަދު ވިދާޅުވީ ސަރަހައްދުގެ ގައުމުތަކުގެ ރެފްރީން ތަމްރީނު ކުރުމުގެ ކޯހެއްގައި ދިވެއްސެއްގެ ހައިސިއްޔަތުން ކިޔަވައި ދިނުމަކީ ލިބޭ ޝަރަފެއް ކަމަށެވެ.

"ކުރީގައި އަޑުއަހަނީ މި ސަރަހައްދުގެ ގައުމުތަކުގެ އެކްސްޕާޓުން އައިސް ދިވެހިންނަށް ކުޅިވަރުގެ ކަންކަން ކިޔަވައި ދީ ހެދި ވާހަކަ. އަލްހަމްދުލިﷲ މިއަދު ދިވެއްސެއްގެ ހައިސިއްޔަތުން މިސަރަހަދުގެ ގައުމުތަކުގެ މީހުންނަށް ކުޅިވަރު މި ކިޔައި ދެނީ. ދެކެނީ މިއީ ރާއްޖެ އަށް ލިބޭ ޝަރަފެއް ކަމަށް،" ކުޅިވަރު ހިންގުމުގެ ދާއިރާއިން މާސްޓާސް ޑިގްރީ ވެސް ހާސިލުކޮށްފައިވާ ހުސައިން ވިދާޅުވި އެވެ.

ސްޕޯޓްސް ކޯޕަރޭޝަންގެ ކުރީގެ ޗެއާމަން އަދި ކުރީގެ ކުޅިވަރު ހިންގުންތެރިޔާ ހުސައިން ވަނީ ވަނީ ވޯލްޑް ޗެމްޕިއަންޝިޕްގެ ފެންވަރުގެ މުބާރާތްތަކުގައި ވެސް ބީޗް ވޮލީ ރެފްރީކަން ކުރައްވައިފަ އެވެ.

ޖަޕާނުގައި 2018 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގެ ޖޫނިއާ މުބާރާތުގައި އޭނާ ވަނީ ރެފްރީކަން ކުރި އެވެ. އަދި 2017 ގައި ޗައިނާގައި ބޭއްވީ 23 އަހަރުން ދަށުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ވެސް ރެފްރީކަން ކޮށްފައިވެ އެވެ. އިންގްލެންޑްގައި 2022 ވަނަ އަހަރު ބޭއްވި ކޮމަންވެލްތު ގޭމްސް އަކީ މިހާތަނަށް އޭނާ ރެފްރީކަން ކުރި އިންޓަނޭޝަނަލް މަލްޓި ސްޕޯޓްސްގެ އެންމެ ބޮޑު ގޭމްސް އެވެ. ބާމިންހަމްގައި ބޭއްވި އެ ގޭމްސްގެ ނުވަ މެޗުގައި އޭނާ އޮފިޝަލްކަން ކޮށްފަ އެވެ.