Roadha Mihaaru
ރަނަކީ ރާއްޖޭގެ ވޮލީ އަށް ލިބުނު އިތުބާރެއް: އެޑަމް

ރަނަކީ ރާއްޖޭގެ ވޮލީ އަށް ލިބުނު އިތުބާރެއް: އެޑަމް

05 އޯގަސްޓް 2024

އޭޝިއާގެ ސެންޓްރަލް ޒޯން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) ގެ ބީޗް ވޮލީ މުބާރާތުގެ ކާމިޔާބީއަކީ ރާއްޖޭގެ ވޮލީބޯޅަ އަށް ލިބުނު އިތުބާރެއް ކަމަށް، އެ މުބާރާތުން ޗެމްޕިއަންކަން ރާއްޖެ އަށް ހޯދައި ދިނުމުގައި ހިއްސާވި އާދަމް ނަސީމް (އެޑަމް) ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އޭޝިއާގެ ސެންޓްރަލް ޒޯން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) ގެ ބީޗް ވޮލީ މުބާރާތުގެ ކާމިޔާބީއަކީ ރާއްޖޭގެ ވޮލީބޯޅަ އަށް ލިބުނު އިތުބާރެއް ކަމަށް، އެ މުބާރާތުން ޗެމްޕިއަންކަން ރާއްޖެ އަށް ހޯދައި ދިނުމުގައި ހިއްސާވި އާދަމް ނަސީމް (އެޑަމް) ބުނެފި އެވެ.

އިސްމާއީލް ސާޖިދު (ކުޑަ ކާއްޓޭ) އާއި އެޑަމް މިދިޔަ ހޮނިހިރު ދުވަހު ކާވާގެ ބީޗް ވޮލީ މުބާރާތުން ރާއްޖެ އަށް ހޯދައިދިނީ ދެ ވަނަ ރަން މެޑެއްޔެވެ. އެ ޕެއާ ހިއްސާވެ 2022 ގެ މުބާރާތުން ވެސް ރަން މެޑަލް ހޯދައިިދނެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ވޮލީ ކުޅުންތެރިޔާގެ އެވޯޑް ހޯދި އެޑަމް ބުނީ ތަށި ދިފާއު ކުރުމަކީ އަބަދުވެސް އުނދަގޫ މަސައްކަތެއް ކަމަށެވެ. އެ ކާމިޔާބު ދިފާއު ކުރެވުމުން ބޮޑު ހިތްހަމަޖެހުމެއް ލިބުނުކަމަށް އިންޑޯ ވޯލީގައި ވެސް ތަޖުރިބާކާރު ކުޅުންތެރިޔާ ބުންޏެވެ.

"ތި ބުނިހެން އެންމެ އުނދަގޫ ކަމަކީ ކާމިޔާބު ދެމެހެއްޓުން. އެކަން ހާސިލު ކުރެވުނީމަ އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. މިއީ ރާއްޖޭގެ ވޮލީ އަށް ވެސް ލިބުނު އިތުބާރެއް،" ރ. ކިނޮޅަހަށް ނިސްބަތްވާ އެޑަމް ބުންޏެވެ.

އެޑަމް އާއި ކުޑަ ކާއްޓޭ އަށް މަރުހަބާ ކިޔުމަށް އެއާޕޯޓް ލައުންޖުގައި ކުރިއަށް ގެންދިޔަ ހަފުލާގެ ތެރެއިން --- ސްޕޯޓްސް މިނިސްޓްރީ

އެޑަމް އާއި ކުޑަ ކާއްޓޭ އަށް މަރުހަބާ ކިޔުމަށް އެއާޕޯޓް ލައުންޖުގައި ކުރިއަށް ގެންދިޔަ ހަފުލާގެ ތެރެއިން --- ސްޕޯޓްސް މިނިސްޓްރީ

އެޑަމް އާއި ކުޑަ ކާއްޓޭ ރޭ، ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ލައުންޖުން އެ ދެކުޅުންތެރިންނަށް މަރުހަބާ ވިދާޅުވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.

އެ ރަސްމިއްޔާތުގައި، ޕީއެސްއެމް އަށް ދެއްވި އިންޓަވިއުގައި ރާފިއު ވިދާޅުވީ އެޑަމް އާއި ކުޑަ ކާއްޓޭގެ ކާމިޔާބާ އެކު ރާއްޖޭގެ ބީޗް ވޮލީ އަށް އިތުރު މުބާރާތްތަކުގައި ވެސް ކާމިޔާބު ހޯދޭނެކަން އެނގިގެން ހިނގައްޖެ ކަމަށެވެ.

"މިކަމުގެ އަލީގައި އަޅުގަނޑުމެން އެންމެންނަށް ވެސް އުންމީދުތަކެއް އާވެއްޖެ. އަޅުގަނޑުމެންނަށް އެނގިއްޖެ ރާއްޖެ ބީޗް ވޮލީގައި އިތުރު ހަރުފަތްތަކަކަށް ދެވޭނެކަން. އަޅުގަނޑު ދަންނަވާނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިކަން ނުކުރާންވީ ސަބަބެއް ނެތޭ،" ރާފިއު ވިދާޅުވި އެވެ.

މިފަހަރު ބޫޓާންގައި ބޭއްވި މުބާރާތުގެ ފައިނަލްގައި އެޑަމް އާއި ކުޑަ ކާއްޓޭގެ ޕެއާ ކާމިޔާބު ހޯދީ ފައިނަލުގައި ނޭޕާލްގެ އެއް ވަނަ ކުޅުންތެރިޔާ މަން ބަހާދުރު ޝުރެސްތާ އާއި ދިލް ބަހާދުރް ސުނާ ބަލި ކުރުމަށް ފަހު އެވެ.