Roadha Mihaaru
އިންތިހާބު އަވަސްކުރުމާ ގުޅޭ ޖަލްސާ މިރޭ ބާއްވަނީ

އިންތިހާބު އަވަސް ކުރަން ނިންމާ ޖަލްސާ މިރޭ ބާއްވަނީ

13 ޖެނުއަރީ 2021

ލޯކަލް ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނު އިސްލާހު ކުރަން ދައުރުން ބޭރުން ބާއްވާ ރައްޔިތުން މަޖިލީހުގެ ޖަލްސާ މިރެއަށް ތާވަލުކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ލޯކަލް ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނު އިސްލާހު ކުރަން ދައުރުން ބޭރުން ބާއްވާ ރައްޔިތުން މަޖިލީހުގެ ޖަލްސާ މިރެއަށް ތާވަލުކޮށްފި އެވެ.

މަޖިލީހުގެ އެޖެންޑާގައިވާ ގޮތުން ދައުރުން ބޭރުން ބާއްވާ ޖަލްސާ އޮންނާނީ މިރޭ 8:30 ގަ އެވެ. މިރޭގެ ޖަލްސާގެ މަސައްކަތަކީ ސަރުކާރު ފަރާތުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ހުށަހަޅުއްވާފައިވާ ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމެވެ.

މިދިޔަ އަހަރު މެއި 10 ގައި ފާސްކުރި ހާއްސަ ގާނޫނު އަލުން އިސްލާހު ކުރަން ސަރުކާރުން ނިންމީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތް ނަމަ އިންތިހާބު ބޭއްވުމަށް އެ ގާނޫނުން ޖާގަ ނުދޭތީ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ)ގެ ހުއްދައާ ނުލައި އިންތިހާބު ނުބޭއްވޭތީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަންބޮޑުވުން ފާޅުކޮށް ގާނޫނު އިސްލާހު ކުރަން ވަނީ ގޮވާލައިފަ އެވެ.

އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ޑްރާފްޓްކޮށް މަޖިލީހަށް ހުށަހެޅި ބިލުގައިވާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތްހާ ހިނދަކު އިންތިހާބުގެ ކަންކަން ކުރަންވާނީ ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އެއްގޮތަށެވެ. އަދި އެ އުސޫލްތައް އާންމު ކުރަން ޖެހޭނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނާއި ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގައި އިންތިހާބު ބޭއްވުމަށް ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް ކަނޑައަޅާފައިވާ ބައެއް މުއްދަތުތައް ވެސް ބިލުގައި ވަނީ ކުރުކޮށްފަ އެވެ.

އެގޮތުން މީގެ ކުރިން އިންތިހާބު ބޭއްވުމުގެ 45 ދުވަސް ކުރިން ވޯޓާސް ލިސްޓް އާންމު ކުރަން ޖެހޭ ކަމަށް ބުނާ މާއްދާ އިސްލާހުކޮށް އެ މުއްދަތު 30 ދުވަހަށް ބަދަލު ކުރުމަށް ވަނީ ހުށަހަޅައިފަ އެވެ. އަދި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ކުރިން 10 ދުވަސް ލިބުނު ނަމަވެސް އެ މުއްދަތު ފަސް ދުވަހަށް ބަދަލު ކުރުމަށް ހުށަހަޅާފައިވެ އެވެ. އަދި އެފަދަ އެހެން ޝަކުވާތައް ވެސް ކޯޓަށް ހުށަހެޅުމަށް އޮންނަ މުއްދަތު ވެސް ވަނީ ކުރުކޮށްލައިފަ އެވެ.

މީގެ އިތުރުން އިންތިހާބުގެ ރަސްމީ ނަތީޖާއާ ގުޅޭ ގޮތުން ހައި ކޯޓަށް ހުށަހަޅާ މައްސަލަތަކާ މެދު އެ ކޯޓުން 30 ދުވަސް ތެރޭގައި ގޮތެއް ނިންމަން ޖެހޭނެ ކަމަށް ބުނެފައިވާ މާއްދާ ވެސް އިސްލާހުކޮށް 15 ދުވަސް ތެރޭ ގޮތެއް ނިންމަން ޖެހޭ ގޮތަށް ބިލުގައި ވަނީ ހިމަނައިފަ އެވެ.

މި އިސްލާހުތަކާ ގުޅޭ ގޮތުން ބަހުސް ކުރުމަށް ފަހު ކޮމިޓީއަށް ފޮނުވުމާ ގުޅޭ ގޮތުން މިރޭގެ ޖަލްސާގައި ގޮތެއް ނިންމާނެ އެވެ.