Roadha Mihaaru
އިންތިހާބު އަވަސް ކުރުމުގެ ބިލުގެ މަސައްކަތް ފަށައިފި

އިންތިހާބު އަވަސް ކުރާ ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށް ފަހު ޖަލްސާ ނިންމާލައިފި

13 ޖެނުއަރީ 2021

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ވަމުންދާތީ އެކަމާ ގުޅޭ ހާއްސަ ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން މިރޭ ފަށައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ވަމުންދާތީ އެކަމާ ގުޅޭ ހާއްސަ ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން މިރޭ ފަށައިފި އެވެ.

މަޖިލީހުގެ ދައުރުން ބޭރުން މިރޭ ބޭއްވި ފުރަތަމަ ޖަލްސާގައި ވަނީ ލޯކަލް ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނަށް ސަރުކާރު ފަރާތުން އިސްލާހު ހުށަހެޅުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވައިފަ އެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒެވެ.

އެ ބިލުގެ މަސައްކަތް ކުރިޔަށް ދާނެ ގޮތަށް އަލިއަޅުވާލައި މިރޭ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން 2020 ގައި ބާއްވަން އިއުލާންކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ލަސްވަމުންދާތީ، އިތުރަށް ލަސްވިޔަ ނުދިނުމަށްޓަކައި ގާނޫނު ބަލައި ގާނޫނަށް ރިއާޔަތްކޮށް، ގާނޫނީ ހުރަސްތައް ނައްތާލައި އެ އިންތިހާބު ބޭއްވޭނެ ގޮތް ހަމަޖައްސަން މަސައްކަތް ކުރާނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލުގެ މަސައްކަތް ނިމެންދެން ހާއްސަ ޖަލްސާތައް ކުރިޔަށް ގެންދާނެ ކަމަށް އީވާ ވިދާޅުވި އެވެ. އަދި ފުރަތަމަ ކިޔުން މިއަދު އޮންނައިރު، ދެވަނަ ކިޔުމާއި އިބްތިދާއީ ބަހުސް ކުރިޔަށް ގެންދާ ޖަލްސާ އަންނަ އާދީއްތަ ދުވަހު ބާއްވާނެ ކަމަށް އީވާ ވިދާޅުވި އެވެ.

"އެއަށް ފަހު ކޮމިޓީ މަރުހަލާ ކުރިޔަށް ގެންގޮސް ކޮމިޓީ މަރުހަލާ ނިމިގެން އަނެއްކާ ތިން ދުވަސް ދީފައި އަޅުގަނޑުމެންނަށް އަލުން އަނބުރާ ވޯޓަކާ ހަމަޔަށް ބިލުގެ މަސައްކަތް ގެންދެވޭނީ،" އީވާ ވިދާޅުވި އެވެ.

މިރޭގެ ޖަލްސާ ކުރިޔަށް ދިޔައިރު އިދިކޮޅު ޕީޕީއެމް/ޕީއެންސީ އަށް ނިސްބަތްވާ މެންބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައިފަ އެވެ. ނަމަވެސް މާ ގިނައިރުތަކެއް ނުވެ މިރޭގެ ޖަލްސާ ވަނީ ނިންމާލައިފަ އެވެ.

ސަރުކާރުން އިންތިހާބު އަވަސް ކުރުމަށް ހާއްސަ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތު އޮތަސް އިންތިހާބު ބޭއްވޭނެ މާއްދާއެއް ވަނީ ހިމަނައިފަ އެވެ. އަދި އެ ހާލަތުގައި ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އެއްގޮތަށް އިންތިހާބު ބޭއްވޭނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އިންތިހާބުގައި ކުރިން ކަނޑައަޅާފައިވާ ބައެއް މުއްދަތުތައް ކުރު ކުރުމަށް ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން އިންތިހާބު ބޭއްވުމުގެ 45 ދުވަސް ކުރިން ވޯޓާސް ލިސްޓް އާންމު ކުރަން ޖެހޭ ކަމަށް ކުރިން ބުނާ މާއްދާ އިސްލާހުކޮށް އެ މުއްދަތު 30 ދުވަހަށް ބަދަލު ކުރުމަށް ވަނީ ހުށަހަޅައިފަ އެވެ. އަދި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ކުރިން 10 ދުވަސް ލިބުނު ނަމަވެސް އެ މުއްދަތު ފަސް ދުވަހަށް ބަދަލު ކުރުމަށް ހުށަހަޅާފައިވެ އެވެ. އަދި އެފަދަ އެހެން ޝަކުވާތައް ވެސް ކޯޓަށް ހުށަހެޅުމަށް އޮންނަ މުއްދަތު ވެސް ވަނީ ކުރުކޮށްފަ އެވެ.

އިންތިހާބުގެ ރަސްމީ ނަތީޖާއާ ގުޅޭ ގޮތުން ހައި ކޯޓަށް ހުށަހަޅާ މައްސަލަތަކާ މެދު އެ ކޯޓުން 30 ދުވަސް ތެރޭގައި ގޮތެއް ނިންމަން ޖެހޭނެ ކަމަށް ބުނެފައިވާ މާއްދާ ވެސް އިސްލާހުކޮށް 15 ދުވަސް ތެރޭ ގޮތެއް ނިންމަން ޖެހޭ ގޮތަށް ބިލުގައި ވަނީ ހިމަނައިފަ އެވެ.