Roadha Mihaaru
ކުއްލި ނުރައްކާ އޮތަސް އިންތިހާބު ބާއްވަން ފާސްކޮށްފި

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލައި އިންތިހާބު ބޭއްވޭ ގޮތަށް ފާސްކޮށްފި

19 ޖެނުއަރީ 2021

ކޮވިޑް-19 ފެތުރޭތީ ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި ވެސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭވޭ ގޮތަށް ގާނޫނު ބަދަލުކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ފެތުރޭތީ ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި ވެސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭވޭ ގޮތަށް ގާނޫނު ބަދަލުކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިިއަދު ފާސްކޮށްފި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރަން ޖެހުމުން، ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސްކުރި "ސަންސެޓް ގާނޫނު" ގައި އޮތީ އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން ޖެހޭނެ ކަަމަށެވެ. އެ މުއްދަތު ހަމަވާނީ އަންނަ މޭ މަހުގެ ނުވަ ވަނަ ދުވަހަށެވެ.

ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އުވައިލުމުން ނޫނީ އިންތިޚާބުގެ ކަންތައް ކުރިއަށް ނުގެންދެވޭ ގޮތަށް އެ ގާނާނޫނުގައި އޮންނާތީ އިންތިޚާބު ލަސްވާ މައްސަލަ އަށް ހައްލެއް ހޯދަން ސަރުކާރުގެ ފަރާތުން ހުޅުމާލޭ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޔާޒު ހުށަހެޅުއްވި ބިލް މިއަދު ފާސްކުރީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 40 މެމްބަރުންގެ ތެރެއިން ވޯޓުގައި ބައިވެރި ވެވަޑައިގަތް 38 މެމްބަރުންގެ އިއްތިފާގުންނެވެ.

އެ ބިލް ފާސްކުރީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާ މަޝްވަރާ ކުރުމަށް ފަހު ގެނައި ބަދަލުތަކާ އެކުގަ އެވެ.

ފަސްކޮށްފައިވާ "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020" އަށް އިސްލާހު ގެނައުމުގެ ބިލުގައި ހިމެނެނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިހާބު ބޭއްވުން މަނާކުރާ އިސްލާހުތައް، އެ ހާލަތުގައި ވެސް އިންތިހާބު ބޭއްވޭ ގޮތަށް ބަދަލުކޮށް، އަމަލުކުރާނެ ގޮތްތަކެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ރައްކާތެރިކަމުގެ ގައިޑްލައިނާ އެއްގޮތަށް އިންތިހާބުގެ ކަންތައްތައް ކުރިއަށް ގެންދަން ބިލުގައި ބުނެފައި ވެ އެވެ.

ބިލު ދިރާސާކުރަން މިނިވަަން މުއައްސަސާތަކުގެ ކޮމިޓީން އާދީއްތަ ދުވަހު ބޭއްވި ބައްދަލުުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ، އިންތިޚާބު ބާއްވަން ޖެހޭނެ މުއްދަތު ކަނޑައަޅައި، "ސަންސެޓް ގާނޫނު" ގައި އޮންނަ މާއްދާ އުވައިލަން އެދިވަޑައިގަންނަވާ ކަމަށެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން ލާޒިމުކޮށްފައި ވަނީ "ލޯކަލް ކައުންސިލްްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު" ގެ ނަމުގައި ފާސްކޮށްފައިވާ އެ ގާނޫނުގެ ދެވަނަ މާއްދާގެ (ށ) ގަ އެވެ. އެ މާއްދާ އުވައިލަން އީސީން އެދެނީ ކީއްވެތޯ ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް ކޮމިޓީގައި ސުވާލު ކުރެއްވުމުން ޝަރީފް ވިދާޅުވީ، އެއީ މިހާރު އޮތް ވަރަށް ވުރެ އިތުރަށް ވަގުތު ބޭނުންވާތީ ކަަމަށެވެ. އޭނާ ވިދާޅުވީ މިހާރު އޮތް ގޮތުން ރޯދަމަހާއި ބައިނަލްއަގުވާމީ އިމްތިހާނުތައް އޮންނަ ދުވަސްވަރާ ދިމާވެ، މޭ މަހުގެ ނުވަޔަކަށް އިންތިހާބު ނުނިމިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ހާއްސަ ގާނޫނުގައި ބުނާ އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިޚާބުގެ ކަންތައްތައް ނިންމާ ނަމަ މޭ ނުވައެއްގެ ކުރިން އިންތިޚާބު ނިންމަން ޖެހެ އެވެ.

އެ މައްސަލަ އަށް ހައްލެއް ހޯދަން ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) ހުށަހެޅުއްވީ އިންތިޚާބު ތާރީޚަށް ނުނިމިއްޖެ ނަމަ 30 ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅައިގެން ވަގުތު ހޯދޭ ގޮތަށް މާއްދާއެއް އިތުރު ކުރުމަށެވެ. އެގޮތަށް ޝަރީފު ވެސް އެއްބަސްވެވަޑައިގަތެވެ.

އީސީގެ މެމްބަރުންނާ ބައްދަލުކޮށް ނިމުމުން ކޮމިޓީގައި ކުރި މަޝްވަރާގައި އަނދުން ހުސައިން ހުށަހެޅުއްވީ މުއްދަތަަށް ނުނިމޭނެ ކަމަށް ބެލެވިއްޖެ ނަމަ 30 ދުވަހުގެ މުއްދަތެއް އޮއްވައި މަޖިލީހަށް އެ މައްސަލަ ހުށަހަޅަން ޖެހޭ ގޮތަށެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމެވެ. ކޮމިޓީގެ އިއްތިފާގުން ފާސްކުރީ ވެސް އެގޮތަށެވެ.

މަޖިލީހުން މިއަދު ބިލް ފާސްކުރީ އެ އިސްލާހާ އެކުގަ އެވެ.

ދައުރުން ބޭރުގައި މަޖިލީހުން މިއަދު ބޭއްވި ޖަލްސާ ފެށީ ކޯރަމް ހަމަނުވެގެން ބައިގަޑިއެއްހާ އިރު މަޑުކުރުމަށް ފަހު 24 މެމްބަރުންނާ އެކުގަ އެވެ.