Roadha Mihaaru
ރައީސް ކަމަށް ޕެންސް ދެކޮޅު، ޓްރަމްޕް އިމްޕީޗް ކުރަނީ

ޓްރަމްޕް މަގާމުން ދުރުކުރަން ޕެންސް ދެކޮޅު ހެއްދެވުން އިމްޕީޗްކުރަނީ

13 ޖެނުއަރީ 2021

ވޮޝިންޓަން (ޖެނުއަރީ 13) - އެމެރިކާގެ ގާނޫނު އަސާސީގެ 25 ވަނަ އިސްލާހުގެ ދަށުން ރައީސްގެ ބާރުތައް ހޯއްދެވުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް ނައިބް ރައީސް މައިޕް ޕެންސް ކޮންގްރެސްގެ ލީޑަރުންނަށް އަންގަވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖެނުއަރީ 13) - އެމެރިކާގެ ގާނޫނު އަސާސީގެ 25 ވަނަ އިސްލާހުގެ ދަށުން ރައީސްގެ ބާރުތައް ހޯއްދެވުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް ނައިބް ރައީސް މައިޕް ޕެންސް ކޮންގްރެސްގެ ލީޑަރުންނަށް އަންގަވައިފި އެވެ.

ނައިބް ރައީސްގެ އެ ނިންމެވުމާ އެކު ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ނެންސީ ޕެލޯސީ މިހާރު ވަނީ ޓްރަމްޕް އިމްޕީޗް ކުރުމުގެ ވޯޓު ހައުސްގައި މިއަދު ނެގުމަށް ތައްޔާރުވެފަ އެވެ.

"ރިޔާސީ ދައުރު ހަމާވަން ހަފުތާއަކަށްވެފައި ވަނިކޮށް ކަމަނާ އާއި ޑިމޮކްރެޓިކް މެންބަރުން އެދެމުން ތިޔަ ގެންދަވަނީ 25 ވަނަ އިސްލާހުގެ ދަށުން އަޅުގަނޑު ރައީސްގެ މަސްއޫލިއްޔަތުތަކާ ހަވާލުވުމަށް. އެކަމަކު އަޅުގަނޑު ގަބޫލް ކުރަނީ އެއީ ގައުމުގެ މަސްލަހަތާއި ގާނޫނު އަސާސީގެ ރޫހާ އެއްގޮތަށް ނުކުރެވޭނެ ކަމެއް ނޫން ކަމަށް،" ހައުސްގެ ރައީސް ޕެލޯސީ އަށް ޕެންސް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.

ޕެންސް ސިޓީ ފޮނުވާފައި މި ވަނީ 25 ވަނަ އިސްލާހުގެ ދަށުން ރައީސްގެ މަސްއޫލިއްޔަތާ ނައިބް ރައީސް ހަވާލުވުމަށް ހައުސްގެ 223-205 އަޣުލަބިއްޔަތުން ގަރާރު ފާސްކޮށްފައި ވަނިކޮށެވެ.

ފަންސަވީސް ވަނަ އިސްލާހުގެ ދަށުން ނައިބް ރައީސް ޕެންސަށް ވަގުތީ ގޮތުން ވެރިކަމުގެ ޒިންމާތަކާ ހަވާލުވެވެނީ ރައީސް ކަމުގެ މަގާމަށް ޓްރަމްޕް ނުކުޅެދިއްޖެ ހަލާތެއްގަ އެވެ.

އާ ރައީސް ޖޯ ބައިޑަން މަގާމާ ހަވާލުވެވަޑައިގަންނަވާނީ ޖެނުއަރީ 20 ގަ އެވެ.

ހައުސްގެ ބައްދަލުވުމަށް ޕެލޯސީ އިއްޔެ ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

ހައުސްގެ ބައްދަލުވުމަށް ޕެލޯސީ އިއްޔެ ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

ޓްރަމްޕް މަގާމުން ދުރުކުރުމުގެ މަސައްކަތް ޑިމޮކްރެޓިކުން ފަށާފައި ވަނީ މިދިޔަ ހަފުތާގައި ބޭއްވި ކޮންގްރެސްގެ ޖަލްސާ އަށް ޓްރަމްޕުގެ ސަޕޯޓަރުން ވަދެ ހިންގި ހަމަނުޖެހުމާ ގުޅިގެންނެވެ. އެ ހަމަނުޖެހުމަށް ހިތްވަރު ދެއްވާފައި ވަނީ ޓްރަމްޕް ކަމަށް ޑިމޮކްރެޓިކް ޕާޓީގެ ލީޑަރުން ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

ޕެލޯސީ ވިދާޅުވީ 25 ވަނަ އިސްލާހުގެ ދަށުން ރައީސްގެ މަސްއޫލިއްޔަތާ ހަވާލުވުމަށް ޕެންސް ދެކޮޅު ހެއްދެވުމުން ދެން އޮތް ގޮތަކީ ޓްރަމްޕް އިމްޕީޗް ކުރުން ކަމަށާއި އެ ވޯޓު ހައުސްގައި މިއަދު ނަގާނެ ކަމަށެވެ.

ޓްރަމްޕް ކުރިން ވިދާޅުވެފައި ވަނީ 25 ވަނަ އިސްލާހުގެ ސަބަބުން އެމަނިކުފާނަށް ކުޑަވެސް ބިރެއް ނެތް ކަމަށެވެ.

ޓްރަމްޕް އިމްޕީޗް ކުރަން ރިޕަބްލިކަން ބައެއް މެމްބަރުންގެ ތާއީދު

ޓްރަމްޕް އިމްޕީޗް ކުރަން ޑިމޮކްރެޓިކުން ކުރާ މަސައްކަތް ވައިގައި ހިފާފައި ވަނީ ރިޕަބްލިކަން ޕާޓީގެ ސީނިއާ ބައެއް މެންބަރުންގެ ވެސް ތާއީދު އެކަމަށް ލިބެން ފެށުމުންނެވެ. ހައުސްގެ ތިން ވަނަ އަށް އެންމެ ސީނިއާ ރިޕަބްލިކަން މެންބަރު ލިޒް ޗޭނީ ވަނީ ޓްރަމްޕް އިމްޕީޗް ކުރަން ވޯޓު ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ކުރީގެ ނައިބް ރައީސް ޑިކް ޗޭނީގެ ދަރިކަނބަލުން ލިޒް ޗޭނީ ވިދާޅުވީ އެމެރިކާ އާއި ގައުމުގެ ގާނޫނު އަސާސީ އަށް ޓްރަމްޕަށް ވުރެ ބޮޑަށް އިހްތިރާމް ކުޑަކޮށް، "ބޭވަފާތެރިވި" ރައީސަކު ނެތް ކަމަށެވެ. ކެޕިޓަލް ހިލް އަށް ސަޕޯޓަރުން ވައްދާ ހަމަނުޖެހުން ހިންގުމުގެ ފަހަތުގައި ހުންނެވީ ޓްރަމްޕް ކަމަށް ވެސް އެކަމަނާ ތުހުމަތު ކުރެއްވި އެވެ.

ހައުސްގެ ރިޕަބްލިކަން އިތުރު ދެ މެންބަރުން ކަމަށްވާ ޖޯން ކަޓްކޯ އާއި އެޑަމް ކިންޒިންގާ ވެސް ވަނީ ޓްރަމްޕް އިމްޕީޗްކުރަން ތާއީދު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ހައުސްގެ ސްޕީކަރު ޕެލޯސީ އާއި ޓްރަމްޕް. --ފޮޓޯ:އޭއެފްޕީ

ހައުސްގެ ސްޕީކަރު ޕެލޯސީ އާއި ޓްރަމްޕް. --ފޮޓޯ:އޭއެފްޕީ

ސެނެޓުގެ ރިޕަބްލިކަން ލީޑަރު މިޗް މެކްކޯނެލް ވިދާޅުވި ކަމަށް ނިއު ޔޯކް ޓައިމްސް އިން ބުނެފައި ވަނީ ޓްރަމްޕް އިމްޕީޗް ކުރުމަށް ޑިމޮކްރެޓިކުން ކުރާ މަސައްކަތަށް އެމަނިކުފާން ތާއީދު ކުރައްވާ ކަމަށެވެ. ސަބަބަކީ ޓްރަމްޕުގެ ކިބައިން ރިޕަބްލިކަބް ޕާޓީން ސަލާމަތް ކުރުން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ޓްރަމްޕް އިމްޕީޗް ކުރުމަށް ހައުސް އިން ފާސްކޮށް، ޓްރަމްޕް ކުށްވެރިވާ ކަމަށް ސެނެޓުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން ނިންމައިފި ނަމަ ދައުލަތުގެ މަގާމަކަށް ޓްރަމްޕަކަށް ދެން ވަޑައިނުގެންނެވޭނެ އެވެ. ޓްރަމްޕް ވަނީ 2024 ވަނަ އަހަރުގެ އިންތިޚާބަށް ނުކުންނަވާނެކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ.

ނިއު ޔޯކް ޓައިމްސް އިން ބުނި ގޮތުގައި ސެނެޓުގައި ރިޕަބްލިކަން 20 މެންބަރުންގެ ޚިޔާލު ހުރީ ޓްރަމްޕް ކުށްވެރި ކުރުމުގެ ވިސްނުމާ ދިމާލަށެވެ. ސެނެޓުގައި 50-50 އިން ދެ ޕާޓީގެ މެންބަރުންގެ އަދަދު އެއްވަރުވުމާ އެކު، ޓްރަމްޕް އިމްޕީޗް ކުރުމަށް ސެނެޓުގެ މަދުވެގެން ރިޕަބްލިކަން 17 މެންބަރުންގެ ތާއީދު ބޭނުންވާނެ އެވެ.

ޑިސެމްބަރު 2019 ގައި ވެސް ޓްރަމްޕް ވަނީ އިމްޕީޗްކޮށްފަ އެވެ. ނަމަވެސް އެ ފަހަރު ވަނީ ސެނެޓުގެ ވޯޓުން ސަލާމަތްވެފަ އެވެ. ޓްރަމްޕް އިމްޕީޗްކޮށްފައި ވަނީ ރިޔާސީ އިންތިޚާބަށް ނުފޫޒް ފޯރުވުމަށް ޔޫކްރޭނުގެ އެހީ ހޯދާފައިވާތީ އެވެ. ޓްރަމްޕް ވެގެން ދާނީ އެމެރިކާގެ ތާރީޚުގައި ވެސް ދެ ފަހަރަށް އިމްޕީޗްކުރާ ފުރަތަމަ ރައީސް އަށެވެ.