Roadha Mihaaru
ކޮންގްރެސްގެ ނިންމުމާ އެކު ޓްރަމްޕް ދޫދެއްވައިފި

އިންތިޚާބުގެ ނަތީޖާ ކޮންގްރެސް އިން ބަލައިގަތުމުން ޓްރަމްޕް ދޫދެއްވައިފި

07 ޖެނުއަރީ 2021

ވޮޝިންޓަން (ޖެނުއަރީ 7) - އެމެރިކާގެ ރިޔާސީ އިންތިހާބުގައި އެކި ސްޓޭޓްތަކުގެ އިލެކްޓޯރަލް ކޮލެޖް ވޯޓު ލިބޭ ގޮތް އިއުލާންކޮށް، ނަތީޖާ ކޮންގްރެސް އިން ރަސްމީކޮށް ބަލައިގަތުމާ އެކު ރައީސް ޑޮނަލްޑް ޓްރަމްޕް ދޫދެއްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖެނުއަރީ 7) - އެމެރިކާގެ ރިޔާސީ އިންތިހާބުގައި އެކި ސްޓޭޓްތަކުގެ އިލެކްޓޯރަލް ކޮލެޖް ވޯޓު ލިބޭ ގޮތް އިއުލާންކޮށް، ނަތީޖާ ކޮންގްރެސް އިން ރަސްމީކޮށް ބަލައިގަތުމާ އެކު ރައީސް ޑޮނަލްޑް ޓްރަމްޕް ދޫދެއްވައިފި އެވެ.

އެކި ސްޓޭޓްތަކުން ޖޯ ބައިޑަން އަށް 306 އިލެކްޓޯރަލް ކޮލެޖް ވޯޓު ލިބުނުކަން ކޮންގްރެސްގެ ދެ ގެ އެއްވެގެން ބޭއްވި ބައްދަލުވުމުން ރަސްމީކޮށް ކަނޑައެޅުމާ އެކު ޓްރަމްޕް ވަނީ "ޖެނުއަރީ 20 ވަނަ ދުވަހު ވެރިކަން ބަދަލުވާނެކަމަށް" ވިދާޅުވެފަ އެވެ. ވެރިކަން ހޯދުމަށް މަދުވެގެން 270 އިލެކްޓޯރަލް ކޮލެޖް ވޯޓު ބޭނުންވެ އެވެ.

"އިންތިޚާބުގެ ނަތީޖާއާ މެދު އަޅުގަނޑު ދެކޮޅު ހެދި ނަމަވެސް، ޖެނުއަރީ 20 ގައި ވެރިކަން ބަދަލުވާނެ،" ޓްރަމްޕް ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.

އެކި ސްޓޭޓްތަކުގެ ވޯޓުގެ ނަތީޖާ ވަކިވަކިން ބަލައިގަނެ ފާސްކުރަމުން ދިޔަ އިރު ޕެންސިލްވޭނިއާ އާއި އެރިޒޯނާގެ ނަތީޖާއާ މެދު ރިޕަބްލިކަން ޕާޓީގެ މެންބަރުންތަކެއް ވަނީ ދެކޮޅު ހަދައިފަ އެވެ. ނަމަވެސް ޕެންސިލްވޭނިއާގެ އިލެކްޓޯރަލް ކޮލެޖް ވޯޓާ ގުޅޭ ގޮތުން ހުށަހެޅި މައްސަލަ ކޮންގްރެސްގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ވަނީ 282-138 ވޯޓުން ބޭރުކޮށްލައިފަ އެވެ.

ކޮންގްރެސްގެ ބައްދަލުވުން ކުރިއަށް ދަނިކޮށް ޓްރަމްޕުގެ ސަޕޯޓަރުން ރޭ ވަނީ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ގަދަ ބާރުން ވަދެ ގަނެ ހަމަނުޖެހުން ހިންގައިފަ އެވެ. ގިނަ ބަޔަކު ބުނީ މިއީ ޓްރަމްޕް ހިތްވަރު ދެއްވުމުގެ ސަބަބުން ހިންގި ކަމެއް ކަމަށެވެ.