Roadha Mihaaru
"ނުހައްގު ދައުވާތައް ކުރުމުން ލިބޭނެ ފައިދާއެއް ނެތް"

މައްސަލަތައް އުފައްދައިގެން ދައުވާ ކުރުމުން ގައުމަށް ލިބޭނެ ފައިދާއެއް ނެތް: ޖިހާދު

13 ޖެނުއަރީ 2021

މައްސަލަތައް އުފައްދައިގެން މީހުންނަށް ދައުވާ ކުރުމުން ގައުމަށް ލިބޭނެ ފައިދާއެއް ނެތް ކަމަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މައްސަލަތައް އުފައްދައިގެން މީހުންނަށް ދައުވާ ކުރުމުން ގައުމަށް ލިބޭނެ ފައިދާއެއް ނެތް ކަމަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރަކަށް ހުންނަވައިގެން ފުށިގިއްގަރު ފަޅުގެ އެއްބަސްވުމުގައި ސޮއިކުރި މައްސަލާގައި ދައުލަތަށް ފައިދާ ނުވާ ގޮތަށް އަމަލުކުރި ކަމަށް ބުނެ ޖިހާދުގެ މައްޗަށް ދައުލަތުން އޮތީ ކްރިމިނަލް ކޯޓުގައި ދައުވާކޮށްފަ އެވެ. ޖިހާދު ބޭސްފަރުވާއަށް ރާއްޖެއިން ވަޑައިގަންނަވަން އުޅުއްވަނިކޮށް އެ މައްސަލައާ ގުޅިގެން ކަމަށް ބުނެ ކޯޓުން އޮތީ އޭނާ ފުރުން މަނާކޮށްފަ އެވެ. އެ މައްސަލަ ޖިހާދުގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވަނީ އޭނާ ފުރުން މަނާ ކުރުމުގެ އަމުރު ބާތިލްކޮށްފަ އެވެ.

ހައި ކޯޓުން ނިކުމެ ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖިހާދު ވިދާޅުވީ މުއައްސަސާތަކުން އަމަލު ކުރަން ވާނީ ރައްޔިތުންނަށް ހިތްހަމަޖެހިގެން އުޅެވޭނެ ގޮތަށް ކަމަށާއި އޭނާއަށް ކުރިމަތިވެ ވަޑައިގަތް ކަންކަން އެހެން ރައްޔިތަކަށް ކުރިމަތިވާން އެދިވަޑައިނުގަންނަވާ ކަމަށެވެ. އަދި މައްސަލަތައް އުފައްދައިގެން ދައުވާކޮށް، މީހުންނަށް އަނިޔާވެރިވުމުން ގައުމަށް ލިބޭނެ ފައިދާއެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަކު އަނެކަކަށް ޖަދަލުކޮށް، އެކަކު އަނެކަކަށް އަނިޔާ ދީގެން ކޯޓުތަކަށް ވައްދައިގެން، މައްސަލަތައް އުފައްދައިގެން އުޅުމަކީ ގައުމަށް ލިބޭނެ ފައިދާއެއް ނޫނޭ. އޭގެ ސަބަބުން ނިކުންނަ ނަތީޖާ މާ ގޯސްވާނެ،" ޖިހާދު ވިދާޅުވި އެވެ.

ޖިހާދު ވިދާޅުވީ އޭނާ ފުރުން މަނާކުރީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ހުރިހާ ކަމެއް ހަމަޖެހި، ކަމާބެހޭ ހުރިހާ ލިޔުންތަކެއް ހުށަހަޅުއްވާފައި ވަނިކޮށް ކަމަށާއި އެ ހުރިހާ ޚަރަދެއް ބޭކާރު ވެގެން ދިޔައީ އޭގެ ސަބަބުން ކަމަށެވެ. އަދި މުއައްސަސާތަކުން ކަންކަން ނިންމާއިރު، ރަނގަޅަށް ކަންކަން ކުރުމަށް އޭނާ ގޮވާލެއްވި އެވެ.

"އަޅުގަނޑު އެދެން ކުރިއަށް އޮތް ތަނުގައި މިކަހަލަ ކަންކަން ނުވާނެ ކަމަށް،" ޖިހާދު ވިދާޅުވި އެވެ.

ހައި ކޯޓުގެ ހުކުމުގައި ޖިހާދު ފުރުން މަނާކުރަން ދައުލަތުން އެދުނީ އޭނާ ފިއްލަވަން އުޅުއްވާ ކަމަށް ބުނެ ކަމަށް ވިޔަސް، އެކަމުގެ އެއްވެސް ހެއްކެއް ދައުލަތަށް ނުދެއްކޭ ކަމަށެވެ. އަދި އޭނާ ފިއްލަވާނެ ކަމުގެ ހެއްކެއްގެ ގޮތުން ދައުލަތުން ދައްކަނީ ޖިހާދު ބޭރަށް ވަޑައިގަތުމަށް ނެންގެވި ޓިކެޓް ކަމަށާއި ނަމަވެސް އެ ޓިކެޓަކީ ޖިހާދު ފުރައިވަޑައިގަތުމުގެ ހުއްދައަށް އެދުނުއިރު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ލިޔުމަކަށް ވާތީ އެ ލިޔުން ޖިހާދާ ދެކޮޅު ހެއްކެއްގެ ގޮތުގައި ބޭނުން ނުކުރެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.