Roadha Mihaaru
ރިތިކާއި ދީޕިކާގެ "ފައިޓާ" އަށް 250 ކްރޯޑް

ރިތިކާއި ދީޕިކާގެ "ފައިޓާ" އަށް 250 ކްރޯޑްގެ ބަޖެޓެއް

16 ޖެނުއަރީ 2021

ބޮލީވުޑްގެ އޭ-ލިސްޓް ދެ ތަރިން ކަމަށްވާ ރިތިކް ރޯޝަނާއި ދީޕިކާގެ ޖޯޑު އެކީގައި ފެންނަ ފުރަތަމަ ފިލްމު "ފައިޓާ" އަކީ 250 ކްރޯޑް ރުޕީސް (34.20 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާ ފިލްމެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އޭ-ލިސްޓް ދެ ތަރިން ކަމަށްވާ ރިތިކް ރޯޝަނާއި ދީޕިކާގެ ޖޯޑު އެކީގައި ފެންނަ ފުރަތަމަ ފިލްމު "ފައިޓާ" އަކީ 250 ކްރޯޑް ރުޕީސް (34.20 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާ ފިލްމެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ ހަފުތާގައި އިއުލާންކުރި މި ފިލްމަކީ ޑައިރެކްޓަރު ސިދާތު އާނަންދުގެ އަމިއްލަ ފިލްމު ކުންފުނި މާފްލިކްސް އިން ހަދާ ފިލްމެކެވެ. އޭނާ ލިޔެ، ޑައިރެކްޓްކުރާ "ފައިޓާ" 250 ކްރޯޑްގެ ބަޖެޓަކުން ހަދާ ނަމަ މިއީ ހިންދީ ސިނަމާގެ އެންމެ އަގުބޮޑު ފިލްމުތަކުގެ ތެރޭގައި ހިމެނޭނެ ފިލްމަކަށް ވާނެ އެވެ.

މިއީ ފައިޓަ ޖެޓްތަކެއްގެ ތެރޭގައި ހިނގާ ހާދިސާތަކެއް ދައްކާ އޭރިއަލް ތުރިލާއެކެވެ.

ރިތިކާ އެކު 2019 ގައި "ވޯ" އުފެއްދި ސިދާތުގެ ކުރިއަށް އޮތް ފިލްމަކީ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ޝާހްރުކް ޚާން އެނބުރި އެކްޓިން އަންނަ ފިލްމު "ޕަތާން" އެވެ. އޭގެ ޝޫޓިން ވެސް މިދިޔަ އަހަރުގެ ނޮވެމްބަރުގައި ފަށާފައިވާ އިރު، ފިލްމުގެ ބަތަލާ އަކީ ދީޕިކާ އެވެ. "ޕަތާން" ގެ ކާސްޓްގައި ޖޯން އަބްހަރަމާއި ޑިމްޕަލް ކަޕާޑިއާ ވެސް ހިމެނެ އެވެ.

އެ ފިލްމު މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސިނަމާތަކުގައި ދެއްކުމަށް ފަހު، ސިދާތުގެ "ފައިޓާ" ބެލުންރިންނަށް ގެނެސްދޭނީ ސެޕްޓެމްބަރު 30، 2022 ގަ އެވެ. އެހެންވެ މީގެ ޝޫޓިން ފަށާނެ ކަމަށް ބެލެވެނީ މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު އެވެ.