Roadha Mihaaru
ދީޕިކާގެ "ރާމާޔަން" އަށް ތެލެގޫ އެކްޓަރު މަހޭޝް

ދީޕިކާގެ "ރާމާޔަން" އަށް ތެލެގޫ އެކްޓަރު މަހޭޝް ބާބޫ

11 ފެބުރުއަރީ 2021

ދީޕިކާ ޕަދްކޯން ބަތަލާގެ ރޯލު ކުޅެން ހަމަޖެހިފައިވާ ޕްރޮޑިއުސަރު މަދޫ މަންޓޭނާގެ ބޮޑު ފިލްމު "ތްރީޑީ ރާމާޔަން" ގެ ވަރުގަދަ އެއް ކެރެކްޓާ ތެލެގޫ އެކްޓަރު މަހޭޝް ބާބޫ އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދީޕިކާ ޕަދްކޯން ބަތަލާގެ ރޯލު ކުޅެން ހަމަޖެހިފައިވާ ޕްރޮޑިއުސަރު މަދޫ މަންޓޭނާގެ ބޮޑު ފިލްމު "ތްރީޑީ ރާމާޔަން" ގެ ވަރުގަދަ އެއް ކެރެކްޓާ ތެލެގޫ އެކްޓަރު މަހޭޝް ބާބޫ އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ އެންމެ ކާމިޔާބު ތެލެގޫ އެކްޓަރުންގެ ތެރޭގައި ހިމެނޭ މަހޭޝްއާ ފިލްމުގެ ސްކްރިޕްޓް ހިއްސާކުރުމުން އޭނާ އަށް އެ ވަރަށް ބޮޑަށް ކަމުގޮސްފައިވާ ކަމަށެވެ. އެހެންވެ ފިލްމަށް ސޮއިކުރުމާ ގުޅޭ ގޮތުން މަދޫއާ އެކު އިތުރު މަޝްވަރާތައް ކުރިއަށްދާ ކަމަށް ބޮލީވުޑް ހަންގާމާ އިން ބުންޏެވެ.

އެ ނޫހުން ބުނިގޮތުގައި މަހޭޝް އަށް "ތްރީޑީ ރާމާޔަން" އިން ހުށަހެޅީ ލޯޑް ރާމްގެ ރޯލެވެ. ކުރިން އަޑުތައް އަރާފައިވާ ގޮތުން އެ ރޯލަށް ތެލެގޫ އެކްޓަރު ޕްރަބާސް އާއި ރިތިކް ރޯޝަން ވެސް ގެންނަން މަސައްކަތްކުރި އެވެ. ނަމަވެސް ޕްރަބާސް މިހާރު އަންނަނީ ލޯޑް ރާމްގެ ކެރެކްޓާ، ޑައިރެކްޓަރު އޯމް ރައުތު ޝޫޓިން ފަށާފައިވާ "އަދިޕުރުޝް" ގައި ކުޅެމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފިލްމުން ރިތިކަށް މިހާރު ދީފައި ވަނީ ރާވަންގެ ރޯލެވެ. އެއީ ނެގަޓިވް ކެރެކްޓާއެކެވެ. މިއީ އިންޑިއާގެ ހިންދޫންގެ މެދުގައި މަޝްހޫރު ބޯދާ ވާހަކަ މަހާބާރާތަށް ބިނާކޮށް ހަދާ ފިލްމެކެވެ. ނަމަވެސް ފިލްމު ޑައިރެކްޓްކުރާނެ މީހަކު އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު މިއީ ވަރަށް ބޮޑު ބަޖެޓަކުން ހަދާނެ ފިލްމެކެވެ.

"ތްރީޑީ ރާމާޔަން" އަށް މަހޭޝް އެއްބަސްވެއްޖެ ނަމަ މި ފިލްމު ވާނީ އޭނާ ކުޅޭ ފުރަތަމަ ބޮލީވުޑް ފިލްމަށެވެ. މަހޭޝް ހިންދީ ސިނަމާ އަށް ތައާރަފުވާން އުޅޭ ވާހަކަ އަކީ 2019 އިން ފެށިގެން ތަންކޮޅެއް އާންމުކޮށް ދެކެވޭ ވާހަކައެކެވެ.

ދީޕިކާ ބަތަލާގެ ރޯލު ކުޅޭ ފިލްމެއް އޭނާ އަށް ހުށަހެޅި އިރު މަހޭޝް އަކީ ދީޕިކާގެ ފިރިމީހާ ރަންވީރު ސިންގްއާ އެކު ޓީވީ އިޝްތިހާރެއް ކުޅެފައިވާ އެކްޓަރެކެވެ. އެއީ "ތަމްބްސް އަޕް" ގެ އިޝްތިހާރެކެވެ.

މަހޭޝް އަކީ ބޮލީވުޑްގެ ކުރީގެ ބަތަލާ ނަމްރަތާ ޝިރޯދްކަރްގެ ފިރިމީހާ އެވެ. ނަމްރަތާ އަކީ ކުރީގެ ބަތަލާ ޝިލްޕާ ޝިރޯދްކަރްގެ ކޮއްކޮ އެވެ.