Roadha Mihaaru
ރިތިކް "ފައިޓާ" އަށް ތައްޔާރުވާން ފަށައިފި

ރިތިކް "ފައިޓާ" އަށް ތައްޔާރުވާން ފަށައިފި

06 މާޗް 2021

މިދިޔަ ޖެނުއަރީ މަހު އިއުލާންކުރި ފިލްމު "ފައިޓާ" އަށް ރިތިކް ރޯޝަން ތައްޔާރުވާން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ ޖެނުއަރީ މަހު އިއުލާންކުރި ފިލްމު "ފައިޓާ" އަށް ރިތިކް ރޯޝަން ތައްޔާރުވާން ފަށައިފި އެވެ.

ފިލްމުގެ ޝޫޓިން ފަށާނެ އިރެއް އަދި ކަށަވަރު ނުވި ނަމަވެސް އެ ފިލްމުގައި ކުޅެންޖެހޭ ކެރެކްޓާ އަށް ތައްޔާރުވުމުގެ ގޮތުން ރިތިކްގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެންނާނެ ކަމަށާއި އޭނާ ފެންނާނީ ވަރަށް ލީން ލުކެއްގައި ކަމަށް ޕިންކްވިލާ އިން ބުންޏެވެ. އެ ނޫހުން ބުނިގޮތުގައި ހާއްސަ އިންސްޓްރަކްޓަރެއްގެ ދަށުން ވަކި ޑައިޓެއް ފޮލޯކުރަމުން ރިތިކް ހަށިގަނޑަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދާތާ މިހާރު މަހެއްހާ ދުވަސް ވެދާނެ އެވެ.

"ފައިޓާ" އަކީ ރިތިކް 2019 ގައި ކުޅުނު "ވޯ" ގެ ޑައިރެކްޓަރު ސިދާތު އާނަންދު ހަދާ ފިލްމެކެވެ. އަދި މިއީ އެ ދެ މީހުން އެކީގައި މަސައްކަތްކުރާ ތިން ވަނަ ފިލްމެވެ. ސިދާތާ އެކު ރިތިކް މަސައްކަތްކުރި ފުރަތަމަ ފިލްމަކީ 2014 ގެ "ބޭންގް ބޭންގް" އެވެ.

އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ގައި "ފައިޓާ" ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ އިރު، ސިދާތު މިހާރު އަންނަނީ ޝާހްރުކް ޚާނާއި ދީޕިކާއާ އެކު "ޕަތާން" ކިޔާ ފިލްމެއްގެ މަސައްކަތްކުރަމުންވެ. މިއީ ވެސް އަންނަ އަހަރު ގެނެސްދޭނެ ފިލްމެކެވެ. އެކަމަކު އަދި ތާރީހެއް ނުނިންމަ އެވެ.

"ޕަތާން" ނިންމާފައި ސިދާތު ދެން ވަގުތު ހުސްކުރާނީ "ފައިޓާ" އެވެ. ރިޕޯޓްތައް ބުނާގޮތުން "ޕަތާން" ގެ ޝޫޓިން މި އަހަރުގެ ޖޫން ހިސާބުގައި އެއްކޮށް ނިންމާނެ އެވެ.

އަންނަ އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ފައިޓާ" އަކީ ރިތިކާއި ދީޕިކާ ޕަދްކޯންގެ ޖޯޑު އަލަށް ސްކްރީނުން ފެންނާނެ ފިލްމެވެ. މި ފިލްމަކީ އޭރިއަލް އެކްޝަން ތުރިލާއެކެވެ.

"ވޯ" ގެ ކާމިޔާބީއާ ގުޅިގެން ސިދާތު ވަނީ އެ ފިލްމުގެ ސީކްއެލްއެއް ވެސް ހަދަން ނިންމައިފަ އެވެ. "ވޯ" އަކީ ރިތިކާއި ޓައިގާ ޝްރޮފް އަދި ވާނީ ކަޕޫރް މުހިއްމު ރޯލުތައް ކުޅުނު ފިލްމެކެވެ.