Roadha Mihaaru
އިންތިގާލީ އިންސާފު އޮފީހަށް އިސް ވެރިން ލައިފި

އިންތިގާލީ އިންސާފުގެ އޮފީހަށް އިސް ވެރިން ކަނޑައަޅައިފި

16 ޖެނުއަރީ 2021

އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން ހަދާ އިންތިގާލީ އިންސާފު އޮފީހުގެ އިސް މަގާމުތަކަށް، އޮމްބަޑްސްމަނުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ އައްޔަންކުރައްވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން ހަދާ އިންތިގާލީ އިންސާފު އޮފީހުގެ އިސް މަގާމުތަކަށް، އޮމްބަޑްސްމަނުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ އައްޔަންކުރައްވައިފި އެވެ.

އެ އޮފީހުގެ އެންމެ އިސް ވެރިޔާއަކަށް ވާނެ ޗީފް އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަންކުރެއްވީ އަބްދުއްސަލާމް އާރިފް، ނ. މާފަރު، އީޓުޖެހިގެ އެވެ.

އޮމްބަޑްސްޕާސަންގެ މަގާމަށް ހަމަޖެއްސެވީ ޖިހާދާ އަނީސް، ގއ. ކަނޑުހުޅުދޫ، އަދި ބްލޫރޯޒް، އަދި މަރްޔަމް ލައިޒާ، ހ. ފެހިއާލާ އެވެ.

މެލޭޝިޔާގެ އިސްލާމިކް ޔުނިވަސިޓީން، ކޮމްޕެރެޓިވް ލޯސްއިން މާސްޓާސް ހައްދަވާފައިވާ އަބްދުއްސަލާމަކީ، ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނައިބު ރައީސްކަމުގެ މަގާމު ފުރުއްވި ބޭފުޅެކެވެ. ޖިހާދާ އެންމެ ފަހުން އަދާކުރެއްވީ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް ޕްރޮސެކިއުޓަ ޖެނެރަލްގެ މަގާމެވެ. އޭގެ ކުރިން އޭނާ ވަނީ ޕީޖީ އޮފީހާއި އެޓާނީ ޖެނެރަލް އަދި ކަސްޓަމްސް އިންޓަގްރިޓީ ކޮމިޝަންގެ އިސް މަގާމުތަކެއް ވެސް ފުރުއްވައިފަ އެވެ.

ތައިލެންޑުންނާއި މެލޭޝިޔާއިން، މާސްޓާސް އޮފް އެޑިއުކޭޝަން އަދި ހިއުމަން ރައިޓްސް އެންޑް ޑީސެންޓްރަލައިޒޭޝަންއިން މާސްޓާސް ހައްދަވާފައިވާ ލައިޒާ އަކީ ކުރިން ގައުމީ ޔުނިވަސިޓީގެ ލެކްޗަރާއެކެވެ. އޭނާ ވަނީ ހިއުމަންރައިޓްސް ކޮމިޝަނާއި އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރުގައި ވެސް މަސައްކަތްކުރައްވައިފަ އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނު ފާސްކުރީ ރާއްޖޭގައި އެންމެ ފަހުން އޮތް ފަސް ވެރިކަމެއްގައި ދިވެހިންނަށް ލިބުނު އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގެ މަގުސަދުގަ އެވެ. ފުރަތަމަ މި ގާނޫނު ހުށައެޅި އިރު އޮތީ 2012 އިން، 2018 ގެ ނިޔަލަށް، ގަނޫނާ ހިލާފަށް މީހުންނާ ދެކޮޅަށް ހިންގާފައިވާ އަނިޔާތައް ބަލައި، އިންސާފު ހޯދައިނުމެވެ. އެކަމަކު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިހުން ނޮވެމްބަރު 29، 2020ގައި ގާނޫނު ފާސްކުރީ އެއަށް ވުރެ މާ ފުޅާކޮށް، 65 އަހަރުގެ މުއްދަތެއް ހިމަނައިގެންނެވެ.

މިހާ ފުޅާކޮށް ގާނޫނުން ފުރުސަތު ލިބުމުގެ މާނައަކީ ފުރަތަމަ ރައީސް މުހައްމަދު އަމީނާއި ރައީސް އިބްރާހިމް ނާސިރާއި ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް މުހައްމަދު ނަޝީދާއި ރައީސް މުހައްމަދު ވަހީދު އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް، ނިޒާމީ ގޮތެއްގައި ރޭވިގެން، އިންސާނީ ހައްގުތައް ގެއްލޭ ގޮތަށް މީހަކަށް އަނިޔާއެއް ލިބިފައިވާ ނަމަ އެ އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގެ ޒިންމާ، އޮމްބަޑްސްމަނުންގެ ބޮލުގައި އެޅުމެވެ.

އާ ގާނޫނުގެ ދަށުން، އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހެއް އުފައްދަ އެވެ. އެއީ އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަދި އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ވެސް އޮތް، އަދި ވަކި ސިއްކައެއް ބޭނުންކުރެވޭނެ މުސްތަގިއްލު ގާނޫނީ ޝަހުސެކެވެ.

އޮމްބަޑްސްޕާސަނުންނަށް 35،000 ރުފިޔާގެ މުސާރައެއް ދޭން ރައްޔިތުންގެ މަޖިލިހުން ކުރިން ވަނީ ފާސްކޮށްފަ އެވެ.