Roadha Mihaaru
ބިލަބޮންގުގައި ކިޔަވާ އެއް އާއިލާގެ 4 ކުދިން ޕޮޒިޓިވް

ބިލަބޮންގްގައި ކިޔަވާ އެއް އާއިލާއެއްގެ ހަތަރު ދަރިވަރަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

16 ޖެނުއަރީ 2021

ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލުގައި ކިޔަވަމުން އަންނަ އެއް އާއިލާއެއްގެ ހަތަރު ދަރިވަރަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލުގައި ކިޔަވަމުން އަންނަ އެއް އާއިލާއެއްގެ ހަތަރު ދަރިވަރަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ.

ބިލަބޮންގް ސްކޫލު ހިންގާ އައިލެންޑާސް ގްރޫޕުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ދަރިވަރުންނަށް ބަލި ޖެހުނީ ސްކޫލު ތެރެއިން ނޫންކަން ޔަގީންކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ގްރޭޑެއްގައި ކިޔަވާ ދަރިވަރުން ކަމެއް އައިލެންޑާސް އިން ނުބުނެ އެވެ.

ކޮވިޑުން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކާ އެކު ބިލަބޮންގް ސްކޫލްގައި ދަރިވަރުންނާއި މުވައްޒަފުން ހުރިހާ ވަގުތެއްގައި ވެސް އުޅެނީ މާސްކް އަޅައިގެންނެވެ. ކްލާސްރޫމުގައި ކިޔަވައިދެނީ ގައިދުރުކަން ކަށަވަރުކޮށްގެންނެވެ. އޭގެ އިތުރުން ދަރިވަރުންނާއި މުވައްޒަފުން ސްކޫލަށް ވަންނަ ގަޑީގައި ހުން ބަލައި އަތް ސެނެޓައިޒްކުރެ އެވެ. ކޮންމެ ދެ ސެޝަނެއް ދެމެދު މޭޒާއި ގޮނޑިތައް ވެސް ޑިސްއިންފެކްޓުކޮށް އާއްމުކޮށް އަތްލެވޭ ތަންތަން ކޮންމެ ދުވަހަކު އެކި ފަހަރު މަތިން ޑިސްއިންފެކްޓްކުރާ ކަމަށް، އައިލެންޑާސްއިން ބުނެ އެވެ.

މައުލޫމާތު އެނގޭ މީހަކު، ނަން ހާމަނުކުރަން އެދި ވާހަކަދައްކަމުން ބުނީ، ކޮވިޑް ޖެހުނު ހަތަރު ދަރިވަރުންގެ ތެރެއިން ދެ ދަރިވަރަކު މިދިޔަ ހޯމަ ދުވަހު ސްކޫލަށް ހާޒިރުވި ކަމަށެވެ. އެކަމަކު އަނެއް ދެ ކުދިން ސްކޫލަަށް އަދި ނުދާ ކަމަށް އޭނާ ބުންޏެވެ.

އެކަމަކު އެޗުޕީއޭ އިން ބުނީ އެ ކުދިންގެ ޓްރޭސިން މުއްދަތުގައި އެއްވެސް ކުއްޖަކު ސްކޫލަށް ގޮސްފައި ނުވާ ކަމަށެވެ. އެހެންކަމުން ޓީޗަރުންނާއި އިތުރު އެހެން ދަރިވަރަކު ކަރަންޓީނަށް ގެންގޮސްފައި ނުވާ ކަމަށް ވެސް، ބުންޏެވެ.

އައިލެންޑާސްގެ ބަޔާނުގައި ބުނީ އެ ސްކޫލުގެ ދަރިވަރުންތަކެއް ޕޮޒިޓިވްވުމަކީ ނުތަނަވަސްކަން ކުރިމަތިވި ހަބަރެއް ކަމަށެވެ. ނަމަވެސް އެފަދަ ކަމެއް މެދުވެރިވެދާނެ ކަމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ތައްޔާރުވެގެން ތިބި ކަމަށް، އައިލެންޑާސް އިން ބުންޏެވެ.

މާލޭގައި ތިން ސްކޫލެއް މިހާރު ވެސް ހިންގަމުން އަންނަ ކުންފުނިން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކިތައްމެ ވަރަކަށް އެޅި ނަމަވެސް މާލެ ސަރަހައްދުގައި ކޮމިއުނިޓީ ސްޕްރެޑް އޮތްހާ ދުވަހަކު ސްކޫލު ތެރެއިން ޕޮޒިޓިވް ކޭސްތައް އިތުރުވެދާނެ ކަމަށެވެ.

"ކޮންމެ ފަދަ ހާލަތެއްގައި ނަމަވެސް ތައުލީމު އުނގެނުމުގެ ހައްގުން ދަރިވަރުން މަހުރޫމް ވިޔަ ނުދިނުމަށްޓަކައި ކުރެވެން އޮތް އެންމެހާ މަސައްކަތެއްގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެން އަރުވަމެވެ. އަދި އަޅުގަނޑުމެން މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، މި ކަމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނާ އެކު އަބަދުވެސް މަސައްކަތްތައް ކުރިއަށްދާނެ އެވެ،" އައިލެންޑާސްގެ ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި ބުނިގޮތުގައި ސްކޫލަށް ދަރިވަރުން ގެންގޮސްގެން ކިޔަވައިދިނުން ކުރިއަށް ގެންދިއުމަކީ އަމާޒަކަށް ވާތީ ދަރިވަރުންނާއި މުވައްޒަފުންނަށް ސްކޫލް ތެރެއިން ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދޭން ވަރަށް ބޮޑު އިސްކަމެއް ދޭނެ އެވެ. ކްލާހެއް ނުވަތަ އެއަށް ވުރެ ގިނައިން ކަރަންޓީން ކުރަން ޖެހިއްޖެ ހާލަތެއްގައި އޮންލައިންކޮށް ކިޔަވައިދިނުން ކުރިއަށް ގެންދަން ވެސް ތައްޔާރުކަމަށް، އައިލެންޑާސް އިން ބުންޏެވެ.

އައިލެންޑާސް އިން ގޮވާލީ މި ކޭސްގައި ހިމެނޭ އަދި ކުރިއަށް އޮތް ތަނުގައި ފެނިދާނެ ކޭސްތަކުގައި ހިމެނޭނެ ދަރިވަރުންނާއި އާއިލާ ބަދުނާމުވާނެ ފަދަ އަމަލެއް ނުހިންގުމަށެވެ. އޭގެ ބަދަލުގައި، މިފަދަ ވަގުތެއްގައި އެ ކުދިންނާއި އާއިލާތަކަށް އަޅާލައި ހަމްދަރުދީވާން ބާރުއަޅަން ވެސް އެދުނެވެ.

ކޮވިޑާ ގުޅިގެން އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު މާލެ ސަރަހައްދުގެ ހުރިހާ ގްރޭޑްތަކުގެ ދަރިވަރުން ސްކޫލަށް ގެންގޮސްގެން ކިޔަވައިދޭން ފެށީ މިދިއަ އާދިއްތަ ދުވަހު އެވެ. އޭގެ ފަހުން، އަމީނިއްޔާ ސްކޫލުގެ ޓީޗަރަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެ އިތުރު ޓީޗަރުންތަކެއް ކަރަންޓީންކޮށްފަ އެވެ. އެކަމަކު އެއްވެސް ދަރިވަރަކު ނުހިމެނެ އެވެ.