Roadha Mihaaru
މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 69 މީހުން

މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 69 މީހުން، ރިސޯޓްތަކުން 26 މީހުން

18 ޖެނުއަރީ 2021

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭން 69 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭން 69 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކުރި މައުލޫމާތުގައިވާ ގޮތުން އިއްޔެގެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑަށް އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނެވެ. މާލެ ސަރަހައްދުން 35 މީހަކު އެ ބައްޔަށް ޕޮޒިޓިވްވި އެވެ.

ދެވަނައަށް އެެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވީ ހުޅުވައިގެން ހިންގަމުން އަންނަ ރިސޯޓްތަކުންނެވެ. އެ ތަންތަނުން 26 މީހަކު އެ ބައްޔަށް ޕޮޒިޓިވްވި އެވެ. މި 24 ގަޑި އިރުގެ ތެރޭގައި މީހުން ދިރިއުޅޭ ރަށްރަށުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ އަށެކެވެ.

ކޮވިޑްގެ ކޭސްތައް ރާއްޖޭގައި ވަރަށް މަދު ވުމަށް ފަހު އަނެއްކާވެސް އިތުރުވާން ފެށީ އެބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ޓަކައި ކުރިން އަޅާފައި ހުރި ބައެއް ފިޔަވަޅުތަކަށް ލުއިދިން ފަހުންނެވެ. މި މަހުގެ މިހައިތަނަށް އެބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 800 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.

މިމަހު އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ދުވަހު 87 މީހުން އެބައްޔަށް ޕޮޒިޓިވްވި އިރު އޭގެ ތެެރެެއިން 41 މީހުންނަކީ ރިސޯޓްތަކުގައި ތިބި މީހުންނެވެ.

ރާއްްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލައަކީ މިހާރު 14،513 އެވެ. އަދި އެބަލީގައި ރާއްޖޭން މަރުވިމީހުންގެ އަދަދަކީ 49 އެކެވެ.