Roadha Mihaaru
ކޮވިޑްގެ އެކްޓިވް ކޭސްތައް ހާހުން މަތީގައި

ކޮވިޑްގެ ޕޮޒިޓިވް ކޭޭސްތައް ގިނަވެ، އެކްޓިވް ކޭސްތައް ހާހުން މަތީގައި

22 ޖެނުއަރީ 2021

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، އެ ބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދު 1،000 އިން މަތީގައި އަނެއްކާ ވެސް ހިފެހެއްޓިއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، އެ ބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދު 1،000 އިން މަތީގައި އަނެއްކާ ވެސް ހިފެހެއްޓިއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކުރި ހިސާބުތަކުން އެނގޭ ގޮތުގައި އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދު ހަވީރު 6:00 އަށް ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވީ 65 މީހުންނެވެ. އޭގެ ތެރެއިން 38 މީހުންނަކީ މާލެ ސަރަހައްދުގައި ތިބި މީހުންނެވެ. އަދި 26 މީހުންނަކީ ރިސޯޓްތަކުގެ މީހުންނެވެ.

މިދިޔަ 24 ގަޑިއިރުގެ ކޭސްތަކާ އެކު ރާއްޖޭގައި އެ ބަލީގެ އެކްޓިވްކޭސްތަކުގެ އަދަދަކީ މިހާރު 1،042 އެވެ. އެކްޓިވް ކޭސްތައް ނުވަތަ ޕޮޒިޓިވް ވެފައި ތިބި އަދަދު 1،000 އަށް ވުރެ ދަށުގައި ހުންނަތާ ގިނަ ދުވަސްތަކެއް ފަހުން އެ އަދަދު ފަހަނައަޅައި ދިޔައީ މި މަހުގެ 18 ވަނަ ދުވަހު އެވެ. އެއީ މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އެއަށް ވުރެ ދަށުގައި ހުރުމަށް ފަހުގަ އެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތައް މިހާ މައްޗަށް މި ދިޔައީ ރިސޯޓްތަކުގައި އުފެދުނު ބޮޑެތި ކްލަސްޓާތަކާ އެކު ކޮންމެ ދުވަހަކުހެން، ރިކަވަރީއަށް ވުރެ ޕޮޒިޓިވް ކޭސްތައް އިތުރުވަމުން ދާތީ އެވެ.

ހުޅުވާފައިވާ ބައެއް ރިސޯޓްތަކުން ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ޕޮޒިޓިވް ވަމުންދާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. ރިސޯޓްތަކުން މިއަދު 26 މީހަކު ޕޮޒޓިވްވި އިރު އިއްޔެ 17 މީހުން، އޭގެ ކުރީ ދުވަހު 35 މީހުން އަދި ބުދަ ދުވަހު ވެސް 17 މީހުން ޕޮޒިޓިވްވި އެވެ.

ކޮވިޑް ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ މީހުންގެ އަދަދުވެސް މިހާރު އަންނަނީ އިތުރުރަވަމުންނެވެ. މިރޭގެ ހިސާބުތައްް ނެގުމާ ހަމަމައަށް 69 މީހަކު ވަނީ އެޑްމިޓްކޮށްފަ އެވެ. ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ މީހުންގެ އަދަދު މި މަސް ފެށުނު އިރު އާއްމުކޮށް ހުރީ 40 އިން ދަށުގަ އެެވެ. ނަމަވެސް މިމަހުގެ ތެރޭގައި އެ އަދަދު 70 އަށް ވުރެ މަތިވެފައި ވެސް އެބަހުއްޓެވެ.

ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ ޖުމްލައަކީ 14،830 އެވެ. ބަލީގައި މަރުވި މީހުންގެ އަދަދަކީ 50 އެވެ.