Roadha Mihaaru
ވެކްސިންގެ 700،000 ޑޯޒް ވަރަށް އަވަހަށް ލިބޭނެ

ކޮވިޑް ވެކްސިންގެ 700،000 ޑޯޒް ގެންނަން ސޮއިކޮށްފި، ވަރަށް އަވަހަށް ލިބޭނެ

21 ޖެނުއަރީ 2021

ކޮވިޑް-19 އަށް ފަރުވާ ދިނުމަށް އޮކްސްފޯޑް ވެކްސިންގެ 700،000 ޑޯޒް ގެންނަން އެސްޓްރާޒެނެކާގެ ސިންގަޕޫރު ކުންފުންޏަކާ އެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ކޮވިޑް-19 އަށް ފަރުވާ ދިނުމަށް އޮކްސްފޯޑް ވެކްސިންގެ 700،000 ޑޯޒް ގެންނަން އެސްޓްރާޒެނެކާގެ ސިންގަޕޫރު ކުންފުންޏަކާ އެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އިންޑިއާގައި އުފެއްދި "ކޮވިޝީލްޑު" ވެކްސިންގެ 100،000 ޑޯޒް ހަވާލުކުރަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ސަރުކާރުން ގަންނަ ވެކްސިންތައް ވަރަށް އަވަހަށް ލިބޭނެ ކަމުގެ ޔަގީންކަން އެ ފަރާތުން ދީފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް އެ އެއްބަސްވުމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ލިބޭ ގޮތެއް ނުވެ އެވެ. އެހެންވެ، ރާއްޖޭގެ އާބާދީގެ އެންމެންނަށް ވާ ވަރަށް ވެކްސިން ގެންނަން ހަވާލުކުރީ ކޮން އަގަކަށް ކަމެއް އަދި އެއްބަސްވުމުގައި ސޮއިކުރީ ކިހާ މުއްދަތަކަށް ކަމެއް ނޭނގެ އެވެ.

ހެލްތު އިމަޖެންްސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަށް ލިބޭ ވެކްސިން ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި ވެކްސިން ލިބޭނެ ކަމަށް ބެލެވޭ ކަމަށް ބުންޏެވެ.

ރާއްޖެ ގެނެސްފައިވަނީ އޮކްސްފޯޑް އަދި އެސްޓްރަޒެނެކާގެ ލައިސަންސް ދީގެން އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން ހަދާފައިވާ ވެކްސިނެވެ. ވެކްސިން ދިނަސް ކޮވިޝީލްޑް ޖަހަން ފަށާނީ ރައްކާތެރިކަން ކަށަވަރުކުރުމަށް ފަހުގަ އެވެ.

އިންޑިއާއިން ދީފައިވާ ވެކްސިން ޖަހާނީ ގާތްގަނޑަކަށް ބައި ލައްކަ މީހުންނަށެވެ. ދެ ވަނަ ޑޯޒް ޖަހަން ޖެހޭނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާތާ 4-12 ހަފްތާ ފަހުންނެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި މިދިޔަ މަހުގެ 31 ގައި ނެރުއްވި ގަރާރުގައި ވިދާޅުވީ، ބަލިން ރައްކާތެރިވާ ވެކްސިން ހޯދަން ސޮއިކުރަނީ، އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ، އެލްޓީޑީއީއާ ކަމަށެވެ.

އެސްޓްރާޒެނެކާ އަކީ އޮކްސްފޯޑު ޔުނިވާސިޓީއާ ގުޅިގެން ވެކްސިން އުފެއްދި ކުންފުންޏެވެ. އެ ވެކްސިން ބޭނުންކުރަން އިނގިރޭސިވިލާތުގެ ރަސްމީ އިދާރާތަކުން ހުއްދަ ދީ ވެކްސިން ޖަހަން ވަނީ ފަށައިފަ އެވެ.

އެ ވެކްސިންގައި ބޭނުންކޮށްފައި ވަނީ ރާމާމަކުނަށް އަރިދަފުސް ރޯގާ ޖައްސާ ވައިރަސްއެކެވެ. އެ ވައިރަސްގެ ތެރެއަށް ކޮރޯނާވައިރަސްގެ ބޭރުގައި ކަށިތަކެއްގެ ގޮޮތަށް އުފެދިފައި ހުންނަ ޕްރޮޓީންގެ ބައި ލަ އެވެ.