Roadha Mihaaru
އާ ވޭރިއަންޓް މާ ހަލުވިވެފައި ނުރައްކާ: އެޗްޕީއޭ

އާ ވޭރިއަންޓް ފެތުރޭލެއް މާ ހަލުވި، ވެކްސިންގެ އަސަރު ކުރާ ވަރެއް ވެސް އަދި ނޭނގެ: އެޗްޕީއޭ

28 ނޮވެމްބަރ 2021

ސައުތު އެފްރިކާ އިން ފެނިގެން އުޅޭ ކޮވިޑް-19ގެ އާ ވޭރިއަންޓް "ކޮމިކްރޯން"، ޑެލްޓާ ވޭރިއަންޓަށް ވުރެ ހަލުވިކޮށް ފެތުރިދާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެ ވޭރިއަންޓަށް ވެކްސިންގެ އަސަރު ކުރާ ވަރު ވެސް އަދި ދެނެގަނެވިފައި ނުވާ ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ސައުތު އެފްރިކާ އިން ފެނިގެން އުޅޭ ކޮވިޑް-19ގެ އާ ވޭރިއަންޓް "ކޮމިކްރޯން"، ޑެލްޓާ ވޭރިއަންޓަށް ވުރެ ހަލުވިކޮށް ފެތުރިދާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެ ވޭރިއަންޓަށް ވެކްސިންގެ އަސަރު ކުރާ ވަރު ވެސް އަދި ދެނެގަނެވިފައި ނުވާ ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އެޖެންސީގެ މެޑިކަލް އޮފިސާ ޑރ. ނަޒްލާ ރަފީގު ވިދާޅުވީ "އޮމިކްރޯން" ވޭރިއަންޓަކީ ބަލި ޖެހި ރަނގަޅުވެފައި ތިބި މީހުންނަށް ވެސް އަލުން ބަލި ޖެހުމުގެ ފުރުސަތު ބޮޑު ވޭރިއަންޓެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ފާހަގަކޮށްފައިވާ ކަމަށެވެ.

އެކަމަކު އެ ވޭރިއަންޓުގެ ޒަރީއާއިން ބަލި ޖެހޭ މީހުންނަށް ބަލީގައި ބޮޑުވަރުވުމުގެ ފުރުސަތު ބޮޑުކަމެއް ނޫނީ ސިވިއަރިޓީ މަތިކަން އަދި ދެނެގަނެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޒްލާ ވިދާޅުވި ގޮތުގައި އާ ވެރިއަންޓަށް ވެކްސިންގެ އަސަރު ކުރާ މިންވަރު އަދި ދެނެގަނެވިފައި ނެތް ނަމަވެސް، އެކަން ދެނެގަތުމަށް ވެކްސިން އުފައްދާ ކުންފުނިތަކުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ނަތީޖާ ލިބެން މަދުވެގެން ދެ ހަފްތާ ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ކަންބޮޑުވާ ކަމަކީ މި ވޭރިއަންޓަކީ މިހާތަނަށް އެންމެ ގިނަ މިއުޓޭޝަންސް ހުރި ކަމަށް ފެނުނު ވޭރިއަންޓް. ހާއްސަކޮށް ވައިރަސް ހަށިގަނޑުގެ ސެލް އަށް ވަންނަން އެ ބޭނުންކުރަން ބޭނުންކުރާ ވައިރަސްގެ އޭރިއާގެ މިއުޓޭޝަންސް ގިނަ ކަމަށް ފާހަގަކުރެވޭ. އެހެންވީމަ ސައިންސްވެރިންނަށް ލަފާކުރެވެނީ ފަަހަރުގައި ހަމަ މި ބަލި ޖައްސާ މިންވަރު ވެސް އިތުރުވެދާނެ ކަމަށް،" ނަޒްލާ ވިދާޅުވި އެވެ.

"ނަމަވެސް އިތުރު ދިރާސާކޮށްގެން އޭގެ ރަނގަޅު މައުލޫމާތު ލިބޭނީ."

މިހާތަނަށް ލިބިފައި ހުރި މައުލޫމާތަށް ބަލާއިރު ޑެލްޓާގޮތަށް ނުވަތަ އެއަށްވުރެ ވެސް ހަލުވިކޮށް ބަލި ފެތުރިދާނެ ކަމަށް ލަފާކުރެވޭ މި ވޭރިއަންޓުން. އަދި އެކަން ޔަގީނެއް ނުކުރެވޭ. އޭގެ ފުރުސަތު އެބަ އޮތް-- ނަޒްލާ

މި މަހުގެ 25 ވަނަ ދުވަހު ދެނެގަނެވުނު "އޮމިކްރޯން" ވޭރިއަންޓަކީ "ވޭރިއަންޓް އޮފް ކޮންސާން" އެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކަނޑައަޅައިފަ އެވެ. އެ ވޭރިއަންޓާ ދެކޮޅަށް ސައުތު އެފްރިކާގެ ހަތް ގައުމަކުން ރާއްޖެ އަށް މީހުން އެތެރެވުން ވެސް ވަނީ މަނާކޮށްފަ އެވެ.

ވަކި ގޮތެއް އަންގަންދެން ރާއްޖެ އަށް މީހުން އެތެރެވުން މި ވަގުތަށް މަނާކުރީ [ދިވެހިންނާއި ވޯކްޕާމިޓް އޮންނަ މީހުން ނުހިމެނޭ ގޮތަށް] ސައުތު އެފްރިކާ، ނަމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބުވޭ، އެސްވާޓިނީ އިންނެވެ.

އޮމިކްރޯން ވޭރިއަންޓު މިހާތަނަށް ރާއްޖެއިން ފެނިފައި ނުވި ނަމަވެސް ރާއްޖެ އަށް ވޭރިއަންޓް އެތެރެވެފައިވޭތޯ ބެލުމަށް ސީކުއެންސް ޓެސްޓުތައް ހަދަމުންދާ ކަމަށް ނަޒްލާ ވިދާޅުވި އެވެ.