Roadha Mihaaru
ދެ ކުންފުނިން ކޮވިޑް ވެކްސިން ގަންނާނެ: އެޗްއީއޯސީ

ދެ ކުންފުނިން ވެސް ކޮވިޑް ވެކްސިން ގަންނާނެ: އެޗްއީއޯސީ

12 މާޗް 2021

އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އަދި ސިންގަޕޫރުގެ އެސްޓްރާޒެނެކާ ކުންފުނިން ވެސް ކޮވިޑު-19 އިން ދިފާއުވުމަށް ވެކްސިން ގަންނާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އަދި ސިންގަޕޫރުގެ އެސްޓްރާޒެނެކާ ކުންފުނިން ވެސް ކޮވިޑު-19 އިން ދިފާއުވުމަށް ވެކްސިން ގަންނާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.

ހަލުއިކަމާ އެކު ފެތުރެމުންދާ ބަލިން ރައްކާތެރިވުމަށް ރާއްޖެއަށް ބޭނުންވާ ވެކްސިންގެ 700،000 ޑޯޒް ގަންނަން އެންމެ ފުރަތަމަ ސޮއިކުރީ އެސްޓްރާޒެނެކާ ސިންގަޕޫރު ޕީޓީއީ، އެލްޓީޑީއީއާއެކުގަ އެވެ. އެ އެއްބަސްވުމުގެ ދަށުން އަދި އެއްވެސް ވެކްސިނެއް ނުލިބި ވަނިކޮށް ރާއްޖެއިން ވަނީ ވެކްސިން ގަންނަން ސީރަމް އިންސްޓިޓިއުޓާ އެކު ސޮއިކުރަން ނިންމައިފަ އެވެ.

އެކަމާ ގުޅިގެން އެޗްއީއޯސީގެ ކޮމިއުނިކޭޝަން އޮފިޝަލަކު ރޭ ވިދާޅުވީ ވެކްސިން ގަންނަން މިހާރު ސޮއިކޮށްފައިވާ ދެ ކުންފުނިން ވެސް ވެކްސިން ގެންނާނެ ކަމަށެވެ. އެކަމަކު ރާއްޖޭގައި މިހާރު ބޭނުންކުރާ ކޮވިޝީލްޑް ވެކްސިން އުފައްދާ ސީރަމް އިންސްޓިޓިއުޓާ އެކު ސޮއިކުރީ ކިހާ ޑޯޒެއް ހޯދަންކަމެއް އަދި ނޭނގެ އެވެ. އަދި ސިންގަޕޫރު ކުންފުނިން ގަންނަ ވެކްސިން ލިބޭނެ ދުވަހެއް ނޭނގޭ ކަމަށް، އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވަނީ ކުރިން ވިދާޅުވެފަ އެވެ.

ކޮވިޝީލްޑް ވެކްސިނަކީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާގެ ދިރާސާގެ މައްޗަށް އުފައްދާފައިވާ ވެކްސިނެވެ. އިމަޖެންސީ ހާލަތުގައި ބޭނުންކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެ ވެކްސިނަށް ހުއްދަ ދީފައި ވެ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރޭ ނެރުއްވި ގަރާރެއްގައި ވިދާޅުވީ، ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ބޭނުންވާ ވެކްސިން ހޯދަން ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ އަދި ސީރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސަސް ކުންފުންޏާއެކު ސޮއިކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ.

ކޮވިޝީލްޑް ވެކްސިން ޑޯޒެއްގެ އަގު އިންޑިއާގައި އުޅެނީ 2-3 ޑޮލަރަށެވެ. ސީރަމް އިންސްޓިޓިއުޓުން އިންޑިއާގެ ހޮސްޕިޓަލްތަކަށް ވެކްސިން ޑޯޒެއް ވިއްކަނީ ދެ ޑޮލަރަށެވެ. އެކަމަކު އެ ގައުމުގެ އަމިއްލަ ހޮސްޕިޓަލްތަކުން ވެކްސިން ޑޯޒެއް ޖަހައިދެނީ ތިން ޑޮލަރު ނުވަތަ 250 ރުޕީސް އަށެވެ.