Roadha Mihaaru
މޯދީ ވެކްސިން ޖައްސަވާނީ ދެވަނަ ބުރުގައި

މޯދީ ވެކްސިން ޖައްސަވާނީ ދެވަނަ ބުރުގައި

21 ޖެނުއަރީ 2021

ނިއު ދިއްލީ (ޖެނުއަރީ 21) - އިންޑިއާގައި ކޮރޯނާވައިރަހަށް ވެކްސިން ދޭން މި ހަފުތާގައި ފަށާފައިވީ ނަމަވެސް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެކްސިން ޖައްސަވާނީ ދެ ވަނަ ބުރުގައި ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (ޖެނުއަރީ 21) - އިންޑިއާގައި ކޮރޯނާވައިރަހަށް ވެކްސިން ދޭން މި ހަފުތާގައި ފަށާފައިވީ ނަމަވެސް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެކްސިން ޖައްސަވާނީ ދެ ވަނަ ބުރުގައި ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ގައުމުތަކުގައި ވެކްސިން ދޭން ފަށާއިރު ބައެއް ގައުމުތަކުގެ ވެރިން ވަނީ ކުރިން ވެކްސިން ޖަހައިފަ އެވެ. އިންޑިއާގެ ބައެއް ސްޓޭޓްތަކުގެ ޗީފް މިނިސްޓަރުންނާއި ޕާލަމެންޓުގެ މެންބަރުން ވެސް ވަނީ އެ މީހުންނަކީ ފްރަންޓްލައިން މަސައްކަތްތެރިން ކަމަށް ބުނެ ކުރިން ވެކްސިން ޖެހުމުގެ އިންތިޒާމް ހަމަޖެއްސުމަށް ބޮޑުވަޒީރަށް ދަންނަވައިފަ އެވެ. ނަމަވެސް މޯދީ ވިދާޅުވެފައި ވަނީ އެއްވެސް މީހަކު "ކިޔޫ ފަޅާލައިގެން ނުވާނެ" ކަމަށެވެ.

ފުރަތަމަ ބުރުގައި އިންޑިއާ އިން 10 މިލިއަން ހެލްތު ވޯކަރުންނަށް ވެކްސިން ދޭނެ އެވެ. އޭގެ ފަހުން ވެކްސިން ދޭނީ ފުލުހުންނާއި ސިފައިން، މުނިސިޕަލް އަދި ފްރަންޓްލައިން އެހެން މަސައްކަތްތެރިންނަށެވެ. ދެން ވެކްސިން ދޭނީ 50 އަހަރުން މަތީގެ މީހުންނަށް ކަމަށާއި 50 އަހަރު ފުރިފައި ނުވި ނަމަވެސް ބޮޑު ބައްޔެއްގައި އުޅެމުންދާ މީހުންނަށް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

އިންޑިއާގައި ވަނީ ދެ ވެކްސިނަކަށް ހުއްދަ ދީފަ އެވެ. އެއީ އޮކްސްފޯޑް-އެސްޓްރަޒެނިކާގެ އިންޑިއާ ވާޝަން "ކޮވިޝީލްޑް" އާއި ބާރަތު ބަޔޯޓެކުން އުފެއްދި "ކޮވެކްސިން" އެވެ. ބާރަތުގެ ވެކްސިންއާ މެދު ކަންބޮޑުވުންތައް ހުރި ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ވެކްސިން ދިނުމަށް ވަނީ 700 ޑިސްޓްރިކްޓުގެ 600،000 ސްޓާފުންނަށް ތަމްރީނު ދީފަ އެވެ. ފުރަތަމަ ފޭސް އަމާޒުކޮށްފައި ވަނީ ހެލްތު ވޯކަރުންނާއި ފްރަންޓްލައިން ސްޓާފުންގެ 30 މިލިއަން މީހުންނާއި 50 އަހަރުން މަތީގެ 270 މިލިއަން މީހުންނަށެވެ.

އިންޑިއާގެ ސީރަމް އިންސްޓްޓިއުޓުން ވަނީ އޮކްސްފޯޑުގެ ވެކްސިންގެ 50 މިލިއަން ޑޯޒް އުފައްދައިފަ އެވެ. މާޗް މަހާ ހަމައަށް ދާއިރު މަހަކު 100 މިލިއަން ޑޯޒް އުފައްދާނެ ކަމަށް، ވެކްސިން އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި، ސީރަމް އިން ބުނެ އެވެ. އަމާޒަކީ ޖުލައި މަހުގެ ނިޔަލަށް 300 މިލިއަން މީހުންނަށް ވެކްސިން ދިނުން ކަމަށް އިންޑިއާ އިން ބުނެ އެވެ.

ވެކްސިންގެ ދެ ވަނަ ޑޯޒް ދޭނީ 28 ދުވަސް ފަހުންނެވެ. ފުރަމަ ޑޯޒަށް ފަހު ވެސް އިމުއުނިޓީ އުފެދޭނެ އެވެ. އެކަމަކު ފުރިހަމަ ރައްކާތެރިކަން ލިބޭނީ ދެވަނަ ޑޯޒް ދޭތާ 14 ދުވަސް ފަހުންނެވެ.

އިންޑިއާގައި ވެކްސިން ޖެހުން މަޖްބޫރެއް ނޫނެވެ. އެކަމަކު ދެވަނަ ޑޯޒް ފުރިހަމަ ކުރުމުން ވެކްސިން ދީފައިވާކަމުގެ ސެޓްފިކެޓެއް ލިބޭނެ އެވެ.