Roadha Mihaaru
ވެކްސިން ސަޕްލައި ކުރުމުގައި އިންޑިއާ ކުރީގައި

ވެކްސިން ސަޕްލައި ކުރުމުގައި އިންޑިއާ އުޅޭނީ ކުރީގައި: މޯދީ

29 ޖެނުއަރީ 2021

ނިއު ދިއްލީ (ޖެނުއަރީ 29) - ދުނިޔޭގެ އިތުރު ގައުމުތަކަށް އިންޑިއާ އިން އަދިވެސް ވެކްސިން ސަޕްލައި ކޮށްދޭނެ ކަމަށާއި އެކަމުގައި އެ ގައުމު އުޅޭނީ ކުރީގައި ކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (ޖެނުއަރީ 29) - ދުނިޔޭގެ އިތުރު ގައުމުތަކަށް އިންޑިއާ އިން އަދިވެސް ވެކްސިން ސަޕްލައި ކޮށްދޭނެ ކަމަށާއި އެކަމުގައި އެ ގައުމު އުޅޭނީ ކުރީގައި ކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

ދުނިޔޭގައި އެންމެ ގިނައިން ވެކްސިން އުފައްދާ ގައުމުގެ ހައިސިއްޔަތުން "ވެކްސިން ޑިޕްލޮމެސީ" ގެ ދަށުން އިންޑިއާ އިން ވަނީ އަވަށްޓެރި އެތައް ގައުމަކަށް މިހާރު ވެސް ހިލޭ އެތައް މިލިއަން ޑޯޒެއްގެ ވެކްސިން ދީފަ އެވެ. ބްރެޒިލް އާއި މޮރޮކޯ އަށް ވެކްސިން ވިއްކާފައިވާ އިރު ސައުދީ އަރަބިއާ، ސައުތު އެފްރިކާ، ކެނެޑާ، މޮންގޯލިއާ އަދި އެފްރިކާގެ އެހެން ގައުމުތަކަށް ވެސް ވެކްސިން ފޮނުވުމަށް އިންޑިއާ އިން ދަނީ ތައްޔާރުވަމުން ކަމަށް ފޮރިން މިނިސްޓްރީން އިއްޔެ ބުންޏެވެ.

"ތަފާތު ގައުމުތަކަށް އިންޑިއާ އިން ވެކްސިން ފޯރުކޮށްދެމުންދާއިރު އެހެން ގައުމުތަކުގެ ރައްޔިތުން ވެސް ބަލިން ރައްކާތެރިކޮށް ދިނުމުގައި އިންޑިއާ އިން ދަނީ އެހީތެރިވަމުން،" ވޯލްޑް އިކޮނޮމިކް ފޯރަމްގައި ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވި އެވެ. "ކުރިމަގުގައި އިންޑިއާ އިން އިތުރު ވެކްސިންތައް އުފައްދާނެ. އެ ވެކްސިންތަކުގެ އެހީގައި ވެސް ކޮރޯނާވައިރަހާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި އެހެން ގައުމުތަކަށް ބޮޑު އެހީތެރިކަމެއް ވެދޭނެ."

އިންޑިއާ އިން ވަނީ ސީރަމްގެ ކޮވިޝީލްޑާއި ބާރަތު ބަޔޯޓެކުގެ ކޮވެކްސިންއަށް ހުއްދަ ދީފަ އެވެ.

އިންޑިއާ އިން މިހާރު ވެސް ވަނީ ސީރަމް އިންސްޓްޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންގެ އެއް ލައްކަ ޑޯޒް ރާއްޖެ، އަށް ބައި މިލިއަން ޑޯޒް ލަންކާ އަށް، އެއް މިލިއަން ޑޯޒް ނޭޕާލަށް އަދި ދެ މިލިއަން ޑޯޒް ބަންގްލަދޭޝް އަށް ހިލޭ ފޯރުކޮށްދީފަ އެވެ.

ދުނިޔޭގައި ވެކްސިން އުފައްދާ އެންމެ ބޮޑު ޕްރޮޑަކްޝަން ސެންޓަރު ހުރީ ވެސް އިންޑިއާގަ އެވެ. ދުނިޔޭގައި އުފައްދާ ވެކްސިންގެ 60 ޕަސެންޓް އުފައްދަނީ ސީރަމް އިންސްޓްޓިއުޓުންނެވެ. ނަވާރަ ސަތޭކަ ފަސްދޮޅަސް ހަ ވަނަ އަހަރު އުފެއްދި ސީރަމް އިންސްޓްޓިއުޓުން އަހަރަކު 1.5 ބިލިއަން ޑޯޒުގެ ވެކްސިން، ކޮވިޑް ރޯގާގެ ކުރިން އުފައްދަ އެވެ. ސީރަމް އިން 170 ގައުމަކަށް ވެކްސިން އެކްސްޕޯޓް ކުރެ އެވެ. ޕޫނޭގެ ކެމްޕަސް ބޮޑު ކުރަން ދާދި ފަހުން ވަނީ ސީރަމް އިން ބިލިއަނެއްހާ ޑޮލަރު ޚަރަދުކޮށްފަ އެވެ.

ސީރަމް އިންސްޓްޓިއުޓުން ވަނީ މާޗް މަހާ ހަމައަށް ދާއިރު އޮކްސްފޯޑުގެ ވެކްސިންގެ 100 މިލިއަން ޑޯޒް އުފައްދާނެ ކަމަށް ބުނެ އެވެ.

ހުރިހާ ގައުމަކަށް ވެސް ހަމަހަމަކަމާ އެކު ވެކްސިން ފޯރުކޮށް ދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އިސްނަގައިގެން އުފައްދާފައިވާ ކޮވެކްސް ޕްރޮގްރާމަށް ވެސް 200 މިލިއަން ޑޯޒްގެ ވެކްސިން ދޭނެ ކަމަށް ސީރަމް އިންސްޓްޓިއުޓުން ވަނީ ބުނެފަ އެވެ. މަދުން އާމްދަނީ ލިބޭ ގައުމުތަކުން މިހާރު ވަނީ ސީރަމް އިންސްޓްޓިއުޓުގެ އޮކްސްފޯޑް-އެސްޓްރަޒެނިކާގެ ވެކްސިންއަށް ބަރޯސާވެފަ އެވެ.

އިންޑިއާގައި ވޭތުވެދިޔަ ދުވަސްތަކުގައި ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވާން ފަށައިފަ އެވެ. ސަރުކާރުގެ ބުރާސްފަތި ދުވަހުގެ ހިސާބުތައް ދައްކާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ކޮވިޑް ޖެހިގެން އިންޑިއާ އިން މަރުވެފައި ވަނީ 123 މީހުންނެވެ. ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 11،666 މީހުންނެވެ.

އާބާދީގައި 1.3 ބިލިއަން މީހުން ހިމެނޭ އިންޑިއާގައި ކޮވިޑް ޕީކަށް ދިޔަ އިރު، މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ދުވާލަކު 100،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ 1،000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.

ކޭސްތައް މަދުވާން ފެށުމާ އެކު އިންޑިއާ އިން ބުދަ ދުވަހު ވަނީ އިތުރު ލުއިތައް ދީފަ އެވެ. އޭގެ ތެރޭގައި ސްވިމިން ޕޫލްތައް ހުޅުވުމާއި 50 ޕަސެންޓް ޖާގައިގައި ސިނަމާތައް ހުޅުވުމުގެ ހުއްދަ ދިނުން ހިމެނެ އެވެ.

އިންޑިއާ އިން ވަނީ ޖެނުއަރީ 16 އިން ފެށިގެން ވެކްސިން ދޭން ފަށައިފަ އެވެ. މިހާތަނަށް ވަނީ 2.4 މިލިއަން ހެލްތު ވޯކަރުންނަށް ވެކްސިން ދީފަ އެވެ. އިންޑިއާ އިން އަމާޒުކޮށްފައި ވަނީ ޖުލައި މަހުގެ ނިޔަލަށް 300 މިލިއަން މީހުންނަށް ވެކްސިން ދިނުމަށެވެ.