Roadha Mihaaru
ރެކޯޑް އަދަދެއްގެ ޖޫރިމަނާ ދައްކަންކުރި ހުކުމް ބާތިލް

ދެ ލައްކަ ރުފިޔާ ނުދެއްކުމުން 286 މިލިއަންގެ ޖޫރިމަނާއެއް ދައްކަން ޖެހުނު ހުކުމް ބާތިލްކޮށްފި

22 ޖެނުއަރީ 2021

ދެ ލައްކަ ރުފިޔާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި 286 މިލިއަން ރުފިޔާ ދައްކަން ކުރި ހުކުމް ހައި ކޯޓުން އިއްޔެ ބާތިލްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދެ ލައްކަ ރުފިޔާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި 286 މިލިއަން ރުފިޔާ ދައްކަން ކުރި ހުކުމް ހައި ކޯޓުން އިއްޔެ ބާތިލްކޮށްފި އެވެ.

ވަކި ފަރުދުންތަކެއްގެ މެދުގައި ހެދި މަދަނީ އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހޭ 227،000ރ. ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި 286 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން 2016 ވަނަ އަހަރު ކުރި ހުކުމަކީ ރާއްޖޭގައި މިހާތަނަށް ޖޫރިމަނާގެ ގޮތުގައި ނަގައިދިން އެންމެ ބޮޑު އަދަދެވެ. ސިވިލް ކޯޓުން އޭރު އަންގާފައި އޮތީ އެ ފައިސާ ދެއްކުމުގެ ގޮތުން މަހަކު މަދުވެގެން 20،000ރ. ދައްކަމުން ދިއުމަށެވެ. އެގޮތަށް ދައްކާ ނަމަ، އެ ދަރަނި އަދާކުރަން 1،000 އެތައް އަހަރެއް ނަގަ އެވެ.

ޖޫރިމަނާގެ އަދަދު އެ މައްސަލާގައި އެހާ ބޮޑުވީ ފައިސާ ނުދައްކާ ހޭދަވާ ކޮންމެ ދުވަހަކަށް 80 ޕަސެންޓްގެ ރޭޓުން ޖޫރިމަނާ އަރާނެ ކަމަށް އެއްބަސްވުމުގައި އޮތުމުންނެވެ. ސިވިލް ކޯޓުން އެ މައްސަލަ ނިމުނުއިރު ފައިސާ ނުދައްކާ ހަތަރު އަހަރަށް ވުރެ ގިނަ ދުވަސް އޮތީ ވެފަ އެވެ.

ފައިސާ ދައްކަން ޖެހުނު ދެ މީހުންގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ މަދަނީ އެއްބަސްވުންތަކުގެ ދަށުން ނަގައިދޭ ޖޫރިމަނާގެ އަދަދު މާ ބޮޑުވެގެން ނުވާނެ ކަމަށެވެ. އަދި ޖޫރިމަނާ ނެގުމަކީ އިސްލާމީ ޝަރީއަތާއި ގާނޫނުތަކުން ހުއްދަކުރާ ކަމަށް ވިޔަސް، ޖޫރިމަނާގެ މިންވަރު މާ ބޮޑުވާ ނަމަ، ކޯޓުތަކުން އެ އަދަދު ދަށް ކުރެވިދާނެ ކަމަށް ބައިނަލްއަގްވާމީ ފިގުހު އެކަޑަމީގެ ގަރާރެއްގައި ބުނެފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ޕްރިންސިޕަލް އަދަދަށް ވުރެ ޖޫރިމަނާގެ މިންވަރު ބޮޑުވެގެން ނުވާނެ އެވެ. އަދި އެއަށް ވުރެ ބޮޑު އަދަދެއް ޖޫރިމަނާގެ ގޮތުގައި ނެގޭނީ ޕްރިންސިޕަލް އަދަދު ނުދެއްކުމުން އެއަށް ވުރެ ބޮޑު ގެއްލުމެއް ލިބުނު ކަން ސާބިތުކޮށް ދެވޭ ހާލަތުގައި ކަމަށާއި މި މައްސަލާގައި ޕްރިންސިޕަލް އަދަދަށް ވުރެ އެތައް ހާސް ގުނައެއް ބޮޑު އަދަދެއް ކަމަށްވާ، 286 މިލިއަން ރުފިޔާގެ ގެއްލުން ފައިސާ ލިބެންޖެހޭ މީހާއަށް ލިބުނު ކަން ސާބިތުނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ ޖޫރިމަނާގެ ގޮތުގައި 286 މިލިއަން ރުފިޔާ ދައްކަން އެންގި ބައި ބާތިލް ކުރުމަށެވެ. އަދި ޖޫރިމަނާގެ ގޮތުގައި އެ މައްސަލާގައި ދައްކަން ޖެހޭނީ ޕްރިންސިޕަލް އަދަދާ އެއްވަރަށް، 227،000ރ. ކަމަށާއި އެ ފައިސާ އެއް މަސް ތެރޭގައި ކޯޓަށް ދައްކަން އަންގާ ކަމަށް އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.