Roadha Mihaaru
ޒިދާނަށް ކޮވިޑް ޖެހިއްޖެ

ޒިދާނަށް ކޮވިޑް ޖެހިއްޖެ

22 ޖެނުއަރީ 2021

މެޑްރިޑް (ޖެނުއަރީ 22) - ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.

މެޑްރިޑް (ޖެނުއަރީ 22) - ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.

ޒިދާން ކޮވިޑަށް ޕޮޒިޓިވްވީ ލީގުގައި މާދަމާރޭ އަލަވޭސްއާ ދެކޮޅަށް ރެއާލް ކުޅެން އޮތް މެޗުގެ ކުރިން ކުރި ޓެސްޓްތަކުންނެވެ. މީގެ ކުރިން ޒިދާން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ ބައްދަލުވެފައިވާތީ އައިސޮލޭޓްވާން ޖެހިފަ އެވެ. އެ ފަހަރު ކުރި ޓެސްޓްތަކުން އޭނާ ނެގެޓިވް އެވެ.

ރެއާލް އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. ސްޕެނިޝް ސުޕަ ކަޕް ސެމީ ފައިނަލުގައި އެތުލެޓިކް ބިލްބާއޯ އަތުން ބަލިވިއިރު، އޭގެ ފަހުން ސްޕެނިޝް ކަޕް (ކޮޕަ ޑެލްރޭ)ގެ ގަދަ 32 ޓީމު ވާދަކުރާ ބުރުގައި ތިން ވަނަ ޑިވިޝަނުގެ އަލްކޮޔާނޯ އަތުން ވަނީ ކަޓައިފަ އެވެ.

ރެއާލް ދަނޑުގައި މިދިޔަ ނޮވެމްބަރު މަހު ކުޅުނު މެޗުން އަލަވެސް ވަނީ 2-1 އިން މޮޅުވެފަ އެވެ. އެކަމަކު އޭގެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން އެއް މޮޅު ލިބުނުއިރު އެ ޓީމުގެ ކޯޗުގެ މަގާމުން ޕަބްލޯ މަޗިން ވަނީ ވަކިކޮށްފަ އެވެ. އެ ޓީމާ ހަވާލުވީ ސްޕެއިނުގެ ކުރީގެ ކުޅުންތެރިޔާ އަބެލާޑޯ ފެނާންޑޭޒް އެވެ.

ޒިދާން ނެތުމުން އަލަވެސް މެޗުގައި ބެންޗުން ޓީމަށް އިރުޝާދުދިނުމުގެ ޒިންމާއާ ހަވާލުވާނީ އެސިސްޓަންޓް ކޯޗު ޑޭވިޑް ބެޓޯނީ އެވެ. ބެޓޯނީ ބުނީ ދެ މުބާރާތުން ކެޓި ނަމަވެސް ރެއާލުން ޒިދާން ވަކިކުރަން އަދި ނުޅޭ ކަމަށެވެ. އެކަމަކު ނަތީޖާ ދަށްނަމަ ކޮންމެ ކޯޗަކަށް ވެސް ޕްރެޝަރު އޮންނާނެކަމަށް ބެޓޯނީ ވަނީ ބުނެފަ އެވެ.

ލީގުގެ އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ރޭ ކުޅުނު މެޗުން ވަނީ ލުއިސް ސުއަރޭޒްގެ ދެ ގޯލުން 2-1 އިން އެއިބާ ބަލިކޮށްފަ އެވެ. އެތުލެޓިކޯ އެއް ވަނައިގައި އޮތީ 17 މެޗުން 44 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލަށް 18 މެޗުން ވަނީ 37 ޕޮއިންޓް ލިބިފަ އެވެ.