Roadha Mihaaru
ޒިދާންގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެ

ވާހަކަތައް ގިނަވެ ޒިދާންގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެ

06 ފެބުރުއަރީ 2021

މެޑްރިޑް (ފެބްރުއަރީ 6) - ސްޕެއިނުގެ މީޑިއާއިންނާއި ފުޓްބޯޅައިގެ އެކި މީހުން ރެއާލް މެޑްރިޑުގައި އޭނާގެ މުސްތަގުބަލާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ގިނަ ވާހަކަތައް ފަތުރާތީ ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

މެޑްރިޑް (ފެބްރުއަރީ 6) - ސްޕެއިނުގެ މީޑިއާއިންނާއި ފުޓްބޯޅައިގެ އެކި މީހުން ރެއާލް މެޑްރިޑުގައި އޭނާގެ މުސްތަގުބަލާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ގިނަ ވާހަކަތައް ފަތުރާތީ ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ރެއާލް މި ވަގުތު އޮތީ ލީގުގެ ތިން ވަނައިގަ އެވެ. އެއީ އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވުރެ 10 ޕޮއިންޓް ފަހަތުގަ އެވެ. އެތުލެޓިކޯ އަށް 19 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ބާސެލޯނާ އާއި ތިން ވަނައިގައި އޮތް ރެއާލަށް ވަނީ 20 މެޗުން 40 ޕޮއިންޓް ލިބިފަ އެވެ.

މި ސީޒަނުގައި ރެއާލަށް އެއް ފެންވަރެއްގައި ގިނަ މެޗުތަކެއްގައި ނުކުޅެވެ އެވެ. އަދި ރެއާލަށް ނަތީޖާ ނެރުމުގައި ވެސް އުނދަގޫތަކެއް ކުރިމަތިވެފައިވާތީ އެ ޓީމުގެ ކޯޗުކަމުން ޒިދާން ވަކިކުރާނެ ކަމަށް ދެކެވޭ ވާހަކަތައް މީޑިއާގައި އޮތީ އާންމުވެފަ އެވެ. ޒިދާން ބުނީ އޭނާގެ މުސްތަގުބަލާ ބެހޭގޮތުން މީޑިއާ އިން ހިތަށް ފެންނަ ގޮތަކަށް ބޭނުންހާ ވާހަކަތަކެއް ދެއްކުމަށް ފަހު ފަހުން އޭގެ އޭނާ ދެކޭ ގޮތެއް އަހާތީ ހައިރާންވާ ކަމަށެވެ.

"އަހަންނާ މެދު މީޑިއާ އިން މި ގޮތަށް ކަންތައް ކުރުން އިންސާފުވެރިކަމަށް ނުދެކެން. އަހަރެމެންނަކީ އެންމެ ފަހުގެ ލީގު ޗެމްޕިއަނުން. އެހެންވީމަ އެއީ ވެސް ކޮންމެވެސް ވަރަކަށް އިހުތިރާމް ކުރަން ޖެހޭ ކަމެއް ކަމުގައި ދެކެން،" ހިތްހަމަނުޖެހިފައި ހުރެ ޒިދާން ބުންޏެވެ.

"މިއީ 10 އަހަރު ކުރީގެ ވާހަކައެއް ނޫން. މިއީ މިދިޔަ ސީޒަނުގެ ވާހަކަ. އެހެންވީމަ އަހަރެމެންނަށް ކޮންމެވެސް ވަރެއްގެ އިހުތިރާމެއް ކުރަން ޖެހޭ. ތި މީހުން (ނޫސްވެރިން) ވަރަށް ގިނަ ވާހަކަ ދައްކާ. އަހަރެން ފަސް އެނބުރުނީމަ އެ ވާހަކަތައް ދެއްކުމުގެ ބަދަލުގައި ތި ނޫސްވެރިން ބުނަންވީ އަހަރެންގެ މޫނު ކުރިމަތީގައި ރެއާލް ކޯޗުކަމުން އަހަރެން ވަކިވާން ބޭނުމޭ،"

ރެއާލްގެ ކޯޗުކަމުގައި ޒިދާން ހޭދަކުރި ފުރަތަމަ ފަހަރު ވަނީ ތިން ފަހަރު ޗެމްޕިއަންސް ލީގު އަދި ސްޕެނިޝް ލީގު އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ. ދެ ވަނަ ފަހަރަށް ރެއާލްގެ ކޯޗުކަމާ ޒިދާން ހަވާލުވީ 2019 ވަނަ އަހަރުގެ މާޗް މަހުގަ އެވެ. އޭގެ ފަހުން ލިބުނު ފާހަގަކޮށްލެވޭ ކާމިޔާބީ އަކީ މިދިޔަ ސީޒަނުގެ ލީގެވެ. ރެއާލް ވަނީ މި ފަހަރުގެ ސްޕެނިޝް ކަޕުން ކަޓައިފަ އެވެ. ސީޒަނުގައި ތަށްޓެއް ހޯދުމަށް ދެން އެ ޓީމަށް އޮތީ ލީގާއި ޗެމްޕިއަންސް ލީގެވެ.

"އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ކާމިޔާބު ހޯދަން މަސައްކަތްކުރާ ގޮތަށް އަބަދުވެސް ރެއާލް ޓީމު އޮންނާނީ،" ޒިދާން ބުންޏެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން މިދިޔަ ދެ ހަފްތާއެއްހާ ދުވަހު ޒިދާން ހުރީ ޓީމާ ދުރުގަ އެވެ. އޭނާ ރެއާލް ބެންޗަށް އެނބުރި އަންނާނީ މިރޭ ރަށުންބޭރުގައި ހުއެސްކާއާ ކުޅޭ މެޗުގަ އެވެ. ލީގުގެ ފުލުގައި އޮތް ހުއެސްކާ ދަނޑުގައި މިރޭ ރެއާލާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން 20:15 ގަ އެވެ.