Roadha Mihaaru
މަދޫރީގެ "ޑާންސް ދިވާނޭ 3" ފަށަނީ

މަދޫރީގެ "ޑާންސް ދިވާނޭ 3" ފަށަނީ

25 ޖެނުއަރީ 2021

ކޮވިޑް-19 ގެ ބަލިމަޑުކަން މިދިޔަ އަހަރު ކުރިމަތި ނުވި ނަމަ ބޮލީވުޑްގެ ބަތަލާ މަދޫރީ ޑިކްސިޓް ޖަޖެއްގެ ގޮތުގައި ބައިވެރިވާ ކަލާޒް ޗެނެލްގެ ޑާންސް ޝޯ "ޑާންސް ދީވާނޭ" ގެ ތިން ވަނަ ސީޒަން މިހާރު އޮންނާނީ ނިންމާލައިފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 ގެ ބަލިމަޑުކަން މިދިޔަ އަހަރު ކުރިމަތި ނުވި ނަމަ ބޮލީވުޑްގެ ބަތަލާ މަދޫރީ ޑިކްސިޓް ޖަޖެއްގެ ގޮތުގައި ބައިވެރިވާ ކަލާޒް ޗެނެލްގެ ޑާންސް ޝޯ "ޑާންސް ދީވާނޭ" ގެ ތިން ވަނަ ސީޒަން މިހާރު އޮންނާނީ ނިންމާލައިފަ އެވެ.

އެކަމަކު ކޮވިޑާ ހެދި މިދިޔަ އަހަރު ޝޯ ގެނެސްދެވޭ ގޮތް ނުވިޔަސް ވަރަށް އަވަހަށް "ޑާންސް ދިވާނޭ 3" ފަށަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެކަން އިއުލާންކޮށް، ކަލާޒުން މި ވަނީ ޝޯގެ ޕްރޮމޯ ވެސް ދައްކަން ފަށައިފަ އެވެ.

ޝޯ ގެނެސްދިނުމުގެ ތައްޔާރީތައް ކުރިއަށްދާ އިރު މިދިޔަ އަހަރުގެ ލޮކްޑައުންގެ ތެރޭގައި މީގެ އޮޑިޝަން ވަނީ އޮންލައިންކޮށް ބާއްވައިފަ އެވެ. އެހެންވެ "ޑާންސް ދީވާނޭ 3" ފަށައިގަންނާނީ އޮޑިޝަންގެ ހުށަހެޅުންތަކުންނެވެ.

މި ފަހަރުގެ ސީޒަނުން ބޮޑު ބަދަލެއް ވެސް ފާހަގަކުރެވޭނެ އެވެ. އެއީ ޝޯގެ ތިން ޖަޖުންގެ ތެރެއިން އެކަކު ބަދަލުވެފައިވުމެވެ. އެއީ މަދޫރީ އާއި ކޮރިއޮގްރާފަރު ތުޝާރު ކާލިއާއާ އެކު ބައިވެރިވާ ޑައިރެކްޓަރު ޝިޝާންކް ކައިތާންގެ ބަދަލުގައި ކޮރިއޮގްރާފަރު ދަރުމޭޝް މުޅިން އަލަށް ފެނުމެވެ.

"ދަޅަކް" ފަދަ ފިލްމުތައް ގެނެސްދިން ޝިޝާންކް މިހާރު އަންނަނީ ވިކީ ކޯޝަލާ އެކު ފިލްމު "މިސްޓަ ލޭލޭ" ގެ މަސައްކަތް ފަށަން ތައްޔާރުވަމުންނެވެ.

"ޑާންސް ދީވާނޭ 3" އިން މި ފަހަރު ފެންނާނެ އަނެއް ބަދަލަކީ ޝޯގެ ހޯސްޓްގެ ގޮތުގައި އެހެން ފަންނާނަކު ފެނުމެވެ. އެއީ ނެށުންތެރިޔާ/އެކްޓަރު ރަގަވް ޖުޔަލް އެވެ. އޭނާ އަކީ ކުރިން ސްޓާ ޕްލަސްގެ "ޑާންސް ޕްލަސް" ފަދަ ޝޯތައް ވެސް ހޯސްޓްކޮށްފައިވާ ފަންނާނެކެވެ.

"ޑާންސް ދިވާނޭ" ގެ ފުރަތަމަ ދެ ސީޒަންގެ ހޯސްޓަކީ ޓީވީ އެކްޓަރު އަރުޖުން ބިޖިލާނީ އެވެ.

ހުރިހާ އުމުރުފުރައެއްގެ ބަޔަކު ބައިވެރިކޮށްގެން ގެނެސްދޭ މި ޝޯގެ ފުރަތަމަ ދެ ސީޒަން ގެނެސްދިނީ 2018 އާއި 2019 ގަ އެވެ.